އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރަނީ

Fri, 24 Mar 2023 02:02 PM

View on this article on Hoara Online

އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެމްޕީއެލްގެ ފްލެޓްތައް އަންނަމަހު ހަވާލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތަކުގެ އަމަލީ މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރިއަށް ދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުޚަލާގެ ތައްޔާރީތައް ކަމަށެވެ. އެމްޕީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ހަދަން ފެށީ 15 ބުރީގެ 3 ޓަވަރެެވެ. މި ޓަވަރުތަކުގައި ޖުމްލަ 534 ޔުނިޓް ހިމެނެ އެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.

ޝާހިދު ދައުލަތު މީޑިއާ ޕީއެސްއެމަށް ވިދާޅުވީ އަލީ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ ކަމަށެވެ. އެކަމަކު މިހާރު ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި މި ވަގުތު ކުރިއަށްދަނީ ޓަވަރުތަކުގެ ސިޑިތަކުގައި ކުރަން ޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށްވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ފްލެޓްތައް ހަވާލުކުރާ އިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައި ކަމަށެވެެ. އަދި އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އޭޕްރިލް ފަހުކޮޅު ފްލެޓްތައް ހަވާލުކުރަން މިހާރު ކަނޑައެޅިފައި އޮތީ." ޝާހިދު ވިދާޅުވި އެވެ.

އަންނަ މަހު ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އެމްޕީއެލުން ނިންމާފައިވާއިރު އެ ކުންފުނީގެ ފްލެޓުތައް ލިބޭ މުވައްޒަފުން ވަނީ ހޮވާފައެވެ. އަދި އެ ފަރާތްތަކަށް ޑައުންޕޭމަންޓް ދެއްކުމުގެ މަސައްކަތް ވެސް ދަނީ މިހާރު ކުރިއަށެވެ. ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 85 އިންސައްތަ މީހުން ޑައުންޕޭމަންޓް ދައްކާ ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށްފަހު އިންސްޓޯލްމަންޓް ދެއްކުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ 20 އަހަރުގެ މުއްދަތެއް ދީފައެވެ.

އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ ޖާގައިގެ ގޮތުން، އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އެ ކުންފުނިން އަންނަނީ 15 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލްއިން ވަނީ ޖާގައަށް ބަލައި، އެއްކޮޓަރިއާއި، 1+2 ކޮޓަރީގެ ފްލެޓްތައް ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުންނައިރު، ޓައިޕް ބީގައި 471 އަކަފޫޓު ހުރެއެވެ. އަދި 1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުންނައިރު ޓައޕް ބީގައި 686 އަކަފޫޓު ހުރެއެވެ.

ރައީސް ޔާމީންގެ އިސްނެންގެވުމަށް ސަރުކާރުގެ 4 ކުންފުންޏަކުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލްއެވެ. މީގެތެރެއިން އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ވަނީ ފްލެޓްތައް މުވައްޒަަފުންނާއި ހަވާލުކޮށްފައެވެ.




More from Hoara Online