ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ މޮޅު ފެތުންތެރިންނަށް، ޔުއާން، އައިރާ، ޒުކައިން، ތަޒްކިޔާ، އިޒްޔާން، އަޔާނާ އަދި ރިހާން

Mon, 21 Oct 2024 07:34 PM

View on this article on Gohkolhu

ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ މޮޅު ފެތުންތެރިންނަށް، ޔުއާން، އައިރާ، ޒުކައިން، ތަޒްކިޔާ، އިޒްޔާން، އަޔާނާ އަދި ރިހާން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރޝިޕްގެ ދަށުން ބޭއްވި، ބީ. އެމް. އެލް ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންގެ ގޮތުގައި ޣާޒީ ސްކޫލުގެ އިބްރާހީމް ޔުއާން ޝަމީމް އާއި، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ މަރިޔަމް އައިރާ ޝިރުނީލް އާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޒުކައިން ޢަބްދުﷲ ޙަނީފުގެ އިތުރުން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ އަމްނާ ތަޒްކިޔާ މިރުޝާދު އާއި ޣިޔާސުއްދީން ސްކޫލުގެ އިޒްޔާން ނާޒިމް އާއި އަޔާނާ ޢަރީފު އަދި ވީލާ އިންޓަރނޭޝަނަލް ހައިސްކޫލުގެ މުޙައްމަދު ރިހާން ޝިހާމް ހޮވިއްޖެއެވެ.



މިފެތުންތެރިންގެ ތެރެއިން މުޙައްމަދު ޔުއާން ޝަމީމް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއަރ އޭ (12 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މަރިޔަމް އައިރާ ޝިރުނީލް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއަރ އޭ (12 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ.

ޒުކައިން ޢަބްދުﷲ ޙަނީފް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއަރ ބީ (14 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.

އަމްނާ ތަޒްކިޔާ މިރުޝާދު އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއަރ ބީ (14 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ.

އިޒްޔާން ނާޒިމް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއަރ އޭ (16 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.

އަޔާނާ ޢަރީފް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއަރ އޭ (16 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ.

މީގެއިތުރުން މުޙައްމަދު ރިހާން ޝީހާމް އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއަރ ބީ (18 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.

މާލޭގެ 21 ސްކޫލަކުން 480 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަތަކަށްދިޔަ ފެތުންތެރިންނަށް މެޑަލް އަދި އިނާމު ދެއްވީ އެކަމަށްޓަކައި 19 އޮކްޓޫބަރު 2024 ވަނަދުވަހު ހުޅުމާލޭ ސްވިމިންގ ޕޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ވަނަތަކަށްދިޔަ ފެތުންތެރިންނަށް ތަށި އަދި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކްރެޑިޓް އާމިނަތު ޝިބާ ޒާހިރު އާއި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކަސްޓަމަރ ސާވިސް ފާޠިމަތު މަލީހާ ޖަމާލުއެވެ.

މިމަހުގެ 12 ން 17 އަށް ކުރިޔަށް ގެންދިޔަ ފެތުމުގެ މުބާރާތުގެ އެކި ޢުމުރުފުރާތަކުން 2 ވަނަ ހޯދާފައިވާ ފެތުންތެރިންނަކީ، ޖޫނިއަރ އޭ (12 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިން އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މީކާއީލް ލައިލް ޢަބްދުލް ޙަލީމުއެވެ. މިގުރޫޕުގެ އަންހެން 2 ވަނަ ފެތުންތެރިޔަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ އާމިނަތު ޝިޔުމް ޝިހާމުއެވެ.

ޖޫނިއަރ ގުރޫޕް ބީ (14 އަހަރުން ދަށުގެ) ފިރިހެން 2 ވަނަ ފެތުންތެރިޔާގެ މަޤާމު ހޯދީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލުގެ ދަނިޔަލް އަމީން ފައިޞަލް އެވެ. މިގުރޫޕުން 2 ވަނަ ހޯދި އަންހެން ދަރިވަރަކީ ޖަމާލުއްދީން ސްކޫލުގެ ޒޯހާ އަޒުލީ ނަސީމް އެވެ.

ސީނިއަރ ގުރޫޕް އޭ (16 އަހަރުން ދަށުގެ) 2 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޔާސީން މުޙައްމަދު ޔޫސުފް އެވެ. އަންހެން 2 ވަނަ ފެތުންތެރިޔާގެ މަޤާމު ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ މަރިޔަމް ޒިވާ ޒިއަމް އެވެ.

އަދި ސީނިއަރ ބީ (18 އަހަރުން ދަށުގެ) ފިރިހެން 2 ވަނަ ފެތުންތެރުޔާގެ މަޤާމު ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދާއިން އަޙްމަދު ޝަޤީފުއެވެ.

ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެކި ޢުމުރުފުރާތަކުން 3 ވަނަ ހޯދާފައިވާ ފެތުންތެރިންނަކީ، ޖޫނިއަރ އޭ (12 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިން މަޖީދިއްޔާ ސްކޫލުގެ އަޙްމަދު ޒަހުޔާން ނަޢީމު އެވެ. މިގުރޫޕުގެ އަންހެން 3 ވަނަ ފެތުންތެރިޔަކަށް ހޮވުނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޢައެޝާ ޒަޔާޙް ޙުސައިން އެވެ.

ޖޫނިއަރ ގުރޫޕް ބީ (14 އަހަރުން ދަށުގެ) ފިރިހެން 3 ވަނަ ފެތުންތެރިޔާގެ މަޤާމު ހޯދީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރު މުޙައްމަދު އަލްޔަން ޝިފާން އެވެ. މިގުރޫޕުން 3 ވަނަ ހޯދި އަންހެން ދަރިވަރަކީ ޖަމާލުއްދީން ސްކޫލުގެ ލައިލީ އަޙްމަދު ނަވާޒް އެވެ.

ސީނިއަރ ގުރޫޕް އޭ (16 އަހަރުން ދަށުގެ) 3 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދީ ކަލާފާނު ސްކޫލުގެ ދަރިވަރު ލޫޠު ޙުސައިން އެވެ. އަންހެން 3 ވަނަ ފެތުންތެރިޔާގެ މަޤާމު ހޯދީ ތާޖުއްދީން ސްކޫލުގެ ދަރިވަރު ފާޠީމަތު އަންޖަލް ފަޔާޒް އެވެ.

ސީނިއަރ ބީ (18 އަހަރުން ދަށުގެ) ފިރިހެން 3 ވަނަ ފެތުންތެރުޔާގެ މަޤާމު ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު މުޙައްމަދު އައިދިން ނިޔާޒު އެވެ.



More from Gohkolhu