ފަތުވާ މަޖިލީހަށް ދެ މެންބަރަކު އައްޔަންކުރައްވައިފި

Wed, 17 Apr 2024 05:22 PM

View on this article on Gohkolhu

ފަތުވާ މަޖިލީހަށް ދެ މެންބަރަކު އައްޔަންކުރައްވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ މެންބަރަކު އައްޔަނުކުރައްވައިފިއެވެ.



ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.

އަލަށް މަގާމަށް އައްޔަނުކުރެއްވި ދެ ބޭފުޅުންނަކީ ޑރ. މޫސާ އަންވަރު ޙަސަނާއި ޑރ. ޢަލީ ޒާހިރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދެ މެންބަރުން ފަތުވާ މަޖިލީހަށް އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އަލީ ޒާހިރު މަގާމަށް އައްޔަނުކުރެއްވީ، ޤައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި، މޫސާ އަންވަރު އައްޔަނުކުރެއްވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މޫސާ އަންވަރު ޙަސަނާއި ޢަލީ ޒާހިރު މަގާމަށް އައްޔަނުކުރެއްވުމާ އެކު މިހާރު އެ މަޖިލީހުގައި ފަސް މެންބަރުން ތިއްބަވާނެއެވެ. އެއީ:

* ފަޟީލަތުލްއުސްތާޛުއްޝައިޚު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) – ރައީސް ޢައްޔަނުކުރައްވާ މެންބަރެއްގެ ގޮތުގައި
* ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފުތަރު. ރސ ނަންބަރު 8104) – ރައީސް ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި
* ޑރ. މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރައްވާ މެންބަރު
* ޑރ. ޢަލީ ޒާހިރު، (މ. ހިތިމާގެ) – ދިވެހިރާއްޖޭހެ ޤައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ޢައްޔަންކުރައްވާ މެންބަރު
* އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރައްވާ މެންބަރު

 



More from Gohkolhu