ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

Fri, 17 Mar 2023 02:35 PM

View on this article on Gohkolhu

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ ރާއްޖޭގެ ރަށްރަށުގައި އޮނުގަސް އިންދުމުގެ މަސައްކަތަކީ ރަށްފެހި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި އާބާދީގެ ނިސްބަތް އިތުރުވުމާއި އަދިވެސް އެހެނިހެން ސަބަބުތަކާއިހުރެ، ރާއްޖޭގެ ރަށްތަކުގެ ފެހިކަން ދަނީ ދުވަހެއް ދުވަހަކަށް ނެތެމުން ކަމަށެވެ. ރަށްރަށުގެ ބިމުގެ ޖާގައަށް ޑިމާންޑް ބޮޑުވެ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވިފައިވާއިރު ހިއްކި ގިނަ ސަރަހައްދުތައް ހަނަފަސް ސަހަރާތަކެއްގެ ގޮތުގައި ދޫކޮށްލެވިފައިވާކަން ފާހަގަކުރެވޭކަމަސް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެހިކަން ހުރި މިންވަރު ހޯދުމަށް ކުރެވުނު ދިރާސާއެއްގައި ބިމުގެ ނިސްބަތަށް ބަލާ، 30 އިންސައްތަ އަށްވުރެ މަދުން ފެހިކަން ހުރި 36 ރަށެއް ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށާއި މި ގެއްލުންތަކަށް ހޭނުން އަދި ގެއްލުންތައް ކުޑަކުރުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލްކުރުމަށް، އެޓްމޮސްފެއަރ ފައުންޑޭޝަންއާއެކު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ޕްރޮޖެކްޓްގެ ދަށުން، އޮނުގަސް ރާއްޖޭގައި އިންދާ އާލާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އޮނު ގަހަކީ ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާގެއްސަށްވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެކެވެ. އަދި މި މިބާވަތުގެ ގަސް، އެހެން ގަސްތަކަށްވުރެ 35 އިންސައްތަ ގިނަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ. އޮނުގަސް ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި ކަމަށްވުން، ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓައެވެ.

ޕެރިސް އެގްރިމަންޓްގެ ދަށުން ތައްޔާރުކުރެވޭ ނޭޝަނަލީ ޑިޓަމައިނިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށްހެދުމަށް އަމާޒުކޮށްފައިވެއެވެ. އަދި 2021ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރި ކްލައިމެޓް އެމެޖެންސީ ގާނޫނުގައިވެސް މި އަމާޒު ގެނެސްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖެ ނެޓްޒީރޯ ގައުމަކަށް ވާސިލްވުމަށް ފަށާފައިވާ މިދަތުރުގެ މަންޒިލަށް ވާސިލުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.


More from Gohkolhu

...