ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި

Sat, 27 Jul 2024 12:51 PM

View on this article on Gohkolhu

ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި

ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަނެއްކާ ވެސް ފަށައިފިއެވެ.



އިންޑިއާއިން ދިން ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތައް މީގެ ކުރިން ދުއްވީ ކުރިން ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިންނެވެ. ނަމަވެސް، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނުބޭތިއްބުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުން އެ ހިދުމަތް އޮތީ މެދުކެނޑިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންނަމަވެސް، އެމްއެންޑީއެފްއިން ބުނީ، މިހާރު އަނެއްކާ ވެސް އިންޑިއާގެ ސިވިލިއަން ކްރޫންނާއެކު އެ އުޅަނދުތަކުން، ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް ބަލި މީހުން އުފުލުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ރޭ 21:40 ހާއިރު، ޑޯނިއާ މަތިންދާބޯޓުގައި އުމުރުން 36 އަހަރުގެ މީހަކު ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށްފަހު، ޑޯނިއާ އަދި ހެލިކަޕްޓަރުތައް ދުއްވުމަށް ރާއްޖެ ގެނައީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން އެނގޭ އިންޑިއާގެ ސިވިލިއަން ކްރޫއިންނެވެ. ސަރުކާރުން ބުނާ ގޮތުގައި، އިންޑިއާގެ ސިފައިންގެ އެއްވެސް ބަޔަކު މިހާރު ރާއްޖޭގައި ގާއިމްވެގެން ނެތެވެ.

އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށްފަހު، ސަރުކާރުން ވަނީ މީގެ ކުރިން ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ފަށައިފައެވެ.



More from Gohkolhu