ވާހަކަ: މިހިތުގެ ލޯތްބޭ ތީ – ބާވިސްވަނަ ބައި

Sat, 25 Mar 2023 08:39 PM

View on this article on Dhuvas.mv

ވާހަކަ: މިހިތުގެ ލޯތްބޭ ތީ – ބާވިސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ…

“ޖަންނަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ އަޅެ.. އަރްހާންއަކީ އަހަރެންގެ ވާން އުޅޭ ފިރިމީހާގެ ކޮއްކޮ.. ” އެހުރި ގޮތަށް ހުރެ އިޒްވާ ބުންޏެވެ.

“ތިވިސްނައިދިނީ އަހަރެންނަށްތަ ނޫނީ އަމިއްލަ ހިތަށްތަ؟ ” ޖަނާން ބުނެލިއެވެ. އިޒްވާ ހިމޭންވިއެވެ. ޖަނާން ގޮސް އިޒްވާ ގަދަކަމުން އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. އިޒްވާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނައިން ޖަނާންއަށް ހުރިހާ ކަމެއް އެނގި ސާފުވެއްޖެއެވެ.

“ދެން ކިހިނެއް ހަދާނީ… އަހަރެން ގަސަދުގައެއް ނޫން… ” އިޒްވާ ރޯންފެށިއެވެ. ޖަނާންވެސް ކަންބޮޑުވީ ވަރުން އަނގަމަތީގައި އަތް އަޅައިލިއެވެ.

“ހެދޭނީ ކިހިނެއް އިޒީ.. އަރްހާންގެ އަމަލުތަކުން ވަރަށް ސާފު އޭނާވެސް އިޒީ ދެކެ ލޯބިވާކަން.. އަހަރެން ކަންބޮޑުވާނީ ތިކަމުގެ ސަބަބުން އާއިލާ ރޫޅި ދާނެތީ.. ޝިވަންބެއާއި ރައިހާނައްތަ އިޒީއާ މެދު ދެކޭނެ ގޮތެއް ނޭނގޭތީ.. ” ޖަނާން ބުންޏެވެ.

“ތިހެން ވެގެންނޭ މިވީހާ ދުވަހު އަހަރެންގެ އަމިއްލަ އިހުސާސްތަކަށް އިންކާރު ކުރަމުން މިގެންދިޔައީ.. ޝިވަންއާއި ރައިހާނާއްތަ ގެ އޯގާތެރިކަމުގެ ބަދަލު މިފަދަ ގޮތަކަށް ދޭން އަހަރެން ބޭނުމެއްނުވޭ.. އެކަމަކު އަހަރެން ކީއްކުރާނީ ޖަންނާ!! އަރްހާންގެ ކޮންމެ ހަރަކާތެއް ކޮންމެ އާދައެއް އަހަރެންނަށް ސިފަކޮށްދެނީ ކައިސަން.. އަރްހާންގެ ކައިރީގައި ހުންނައިރު އަހަރެންނަށް އިހުސާސްވަނީ ކައިސަން ކައިރީގައި ހުރެވޭ ކަހަލަ އިހުސާސެއް.. އަރްހާން ކައިރީގައި ހުންނައިރު އިހުސާސްކުރެވެނީ ކައިސަންގެ ކައިރީގައި ހުންނައިރު އިހުސާސް ކުރެވޭ ފަދަ ރައްކާތެރިކަމެއް.. ޝިވަންގެ ފަރާތުން އަހަރެންނަށް އެފަދަ އެއްވެސް ކަމެއް އިހުސާސެއް ނުވޭ.. ” އިޒްވާ ވާހަކަ ދައްކަމުން ގޮސް އެނދުގައި އިށީނެވެ.

“އިޒީ!!! ކޮންމެ މީހެއްގެ ކިބައިން ކައިސަން ހޯދަން ނޫޅެބަލަ.. ޝިވަންބެއަކީ ނުލާހިކު ހެޔޮ މީހެއް.. ” ޖަނާން ބުނެލިއެވެ.

“ތިކަމަކަށް އަހަރެން އިންކާރެއް ނުކުރަން.. ޝައްކެތްވެސް ނެތް ގޮތުގައި ޝިވަންއަކީ ވަރަށް ހެޔޮ އިންސާނެއް.. އެކަމަކު ކައިސަންއަށް ފަހު އަހަރެންގެ މިހިތް ލެނބުނީ އަރްހާންއަށް.. އެކަމަކު ހާސްނުވޭ! އަހަރެންގެ ސަބަބުން މިލޯބި އާއިލާ ރޫޅުނަ ނުދޭނަން.. އަހަރެން ކައިވެނި ކުރާނީ ޝިވަންއާ.. ” ދެލޯ ފޮހެލަމުން އިޒްވާ ބުންޏެވެ.

“އޭރުން ވަކި ރަނގަޅުވާނެތަ؟ ލޯބިނުވާ މީހަކާ އިނދެގެން އިޒީއަށް އުޅެވޭނެތަ؟ ޝިވަންއަށް އޭނާއަށް ހައްޤުވާ ލޯބި ދެވޭނެތަ؟ ”

“ނޭނގެ.. އެކަމަކު އަނތްބެއްގެ ހުރިހާ ވާޖިބު އަހަރެން އަދާކޮށްދޭނަން… އެއްވެސް މީހަކު ޝަކުވާ ކުރުމުގެ ފުރުސަތެއް ނުދޭނަން.. ޖަންނާ!! އަހަރެންނަށް ކަމެއް ކޮށްދެންޏާ މީ ނުދައްކާ ވާހަކައަށް ހަދާ.. ދެން އިތުރަށް މިމައުޟޫއަށް އެއްވެސް ވާހަކައެއް ދައްކަން އަހަރެން ބޭނުމެއްނޫން.. ” މިހެން ބުނެ އިޒްވާ އެތަނުން ތެދުވެގެން ހިނގައިގަތެވެ. ކަންބޮޑުވެފައިވާ ހާލު ޖަނާން ދެފަރާތަކަށް ބޯހޫރައިލިއެވެ.

**********

ފުލުސް އޮފީހުން ނިކުތް ގޮތަށް ޝިވަން އަރްހާންގެ ކަންފަތްފިލާ މަތީގައި ބާރަކަށް ޖަހައިފިއެވެ. ކައިރީގައި ހުރި ކައިލްވެސް ދިޔައީ ސިހިގެންނެވެ. ކޮލުގައި އަތް އަޅާލައިގެން އަރްހާން ހުރީ އިސްއުފުލާ ޝިވަންއަށް ބަލައިލަންވެސް ނުކެރިފައެވެ.

“ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ…؟ ބުނެބަލަ..؟ އަރްހާންއަށް އަންދާޒާ ކުރެވޭތަ ތިކުރެވުނީ ކިހާވަރެއްގެ ކަމެއް ކަން؟ މީގެ ކުރިން އަހަރެމެންގެ އާއިލާގެ އެއްވެސް މީހަކު ފުލުސް އޮފީހަށް ހާޒިރުވާން ޖެހިފައި ނުވާނެ.. އަނެއްކޮޅުން މިއަދު އަރްހާންގެ ސަބަބުން އަހަރެން ކުރަން މިޖެހުނީ ދުވަހަކުވެސް ނުކުރާ ފަދަ ކަމެއް.. މިތަނުން މިއަދު އަރްހާން ނެރެން މިޖެހުނީ ރިޝްވަތު ދީފައި.. އަހައިލެވިދާނެތަ އަރްހާން އައިދަން ގައިގަ ތަޅާ އަނިޔާ ކުރަން ޖެހުނު ސަބަބެއް..؟ ” ދެޖީބަށް އަތް ޖަހާލައިގެން ހުރެ ޝިވަން ވާހަކަ ދެއްކިއެވެ.

“ދޮންބެއަކަށް ނޭނގޭތަ؟ އޭނަ.. އޭނަ އިޒްވާ.. އިޒްވާއަށް…. ” އަރްހާން ބުނަން އުޅުނެވެ. ޝިވަންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ.

“އައިދަން އަނެއްކާ އިޒްވާއަށް އުނދަގޫ ކުރީތަ؟؟ ” ހައިރާންވެފައި ޝިވަން އެހިއެވެ.

“ނޫން.. އޭނަ އިޒްވާއާ ބެހެން އުޅުނުކަން އެނގި ދޮންބެއަށް ތިހާ މަޑުމަޑުން ހުރެވޭތަ؟ އަހަރެންނަމަ އެވަގުތު އެހިނދުން އޭނާގެ ދުވަސް ދުއްވާލީމުސް.. ” އަރްހާންގެ އަޑުގައި ރުޅިވެރިކަން ވިއެވެ.

“އަހަރެންނަކީ ތިހާ ކެތްތެރިކަން ކުޑަ ރުޅިގަދަ މީހެއް ނޫން.. އެހެންނޫނަސް އަހަރެން ނުކުރާ ކަމެއް ކީއްވެ އަރްހާން ކުރަންވީ…؟ އިޒްވާއަކީ އަހަރެންގެ ވާން އުޅޭ އަންހެނުން…. ” ޝިވަން ބުނެލިއެވެ.

“އެހެންވިއްޔާ އަހަރެން ވާޙަކައެއް އަހާލަންތަ؟؟ ދޮންބެ އިޒްވާދެކެ ހަޤީޤަތުގައިވެސް ލޯބިވަންތަ؟ ވާނަމަ ޔަގީން އެކަހަލަ ކަމެއް ވައިރު މަޑުން ނުހުރެވޭނެކަން.. ” އަރްހާން ބުނެލިއެވެ. އެހިނދު ކައިލް އެއްފަހަރު އަރްހާން އަށް އަނެއްފަހަރު ޝިވަންއަށް ބަލައިލިއެވެ. އަރްހާން އެބުނި ބަހާމެދު ޝިވަން ރަނގަޅަށް ވިސްނާލައިފިނަމަ އެބުނީ ކީކޭކަން ޔަގީނުންވެސް އެނގޭނެއެވެ. އަރްހާން އެބުނީ އޭނާއަށް މަޑުން ނުހުރެވުނީ އޭނާ އިޒްވާ ދެކެ ލޯބިވާތީ ކަމުގައެވެ.

“އަރްހާން ކީކޭ ކިޔަން ތިއުޅެނީ… އަހަރެން އިޒްވާ ދެކެ ލޯބިވިޔަސް ނުވިޔަސް އަރްހާންއަށް ކޮން ކަމެއް..؟ ” ޝިވަން އިންތިހާއަށް ރުޅި އައިސްފައި ބުންޏެވެ.

“ޝިވަންބެ ދެން ގެއަށް ގޮއްސަ ތިވާހަކަ ދައްކަމާ.. އަސްލު ވާން އުޅޭ ފަހަރިއާ މެދު އެގޮތަށް ކަންތައްވިކަން އެނގުނީމަ އަރްހާންއަށް ނުހުރެވުނީ… އެކަމުންވެސް ދޭހަ ވަނީ އަރްހާން ޝިވަންބެ ދެކެ ލޯބިވާވަރު..” މައްސަލަ ހޫނުވާން އުޅޭކަން އިހުސާސްވެ ކައިލް އެދެމެދަށް ވަނެވެ. އެހިސާބުން ޝިވަންގެވެސް ރުޅިގަނޑު ފިނިވެ ފުންނޭވައެއް ދޫކޮށްލިއެވެ. އަރްހާންވެސް ހިންދިރުވައިލަމުން ޖީބަށް އަތްކޮއްޕައިލިއެވެ.

“ކައިލް ދޭ އަރްހާން ގޮވައިގެން ހުޅުމާލެއަށް އެގެއަށް.. އަރްހާންގެ ސަބަބުން އެންމެންގެ މޫޑު ހަރާބުވެ ދަތުރު ފަނިވެގެން ނުވާނެ.. ހާއްސަކޮށް މަންމަގެ. ” ޝިވަން  ބުންޏެވެ.

“ޝިވަންބެ ނުދާނަންތަ؟ ” ކައިލް އެހިއެވެ.

“އާނ.. ކުރަން ހުރި ކަންތައްތައް ދޫކޮށްލާފަ މިއައީ މިކަމާ ހެދި.. މަސައްކަތަކަށް އެނބުރި ދާން އެބަޖެހޭ..” ޝިވަން ބުންޏެވެ.

“ޝިވަންބެ ފްލައިޓުގަތަ އައީ..؟ މިހެން މިއެހީ ވަރަށް އަވަހަށް އައިމަ…” ކައިލް އެހިއެވެ. ޝިވަން އެމީހުންނަށް ނުބަލަން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ. ދޮގުހަދަން އުނދަގޫވީމައެވެ. އިތުރު ސުވާލެއް ކުރުމުގެ ކުރިން ދަނީ ކަމަށް ބުނެ އަވަހަށް ކާރަށް އަރާ ދުއްވާލިއެވެ.

“ކީއްވެ ދޮގު ހެދީ ކައިލް.. އަހަރެން ހުރީ ހުރިހާ ވާހަކައެއް ދޮންބެއަށް ކިޔައިދޭން ތައްޔާރުވެގެން.. އަހަރެން ހުރީ އަހަރެން އިޒްވާދެކެ ލޯބިވާ ކަމަށް ބުނަން ނިންމައިގެން.. ” އަރްހާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ނުފެނޭތަ ޝިވަންބެ ރުޅިއައިސްފައި ހުރިވަރެއް.. އަހަރެން އެގޮތަށް ކަންތައް ކުރީ މަސްލަހަތަށްޓަކައި.. އެހެންނޫނަސް އެގޮތަށް އެވާހަކަ ބުނަން ނޫނެއްނު ނިންމީ.. އިޒްވާ ދެކޭ ގޮތެއް ބަލާފައި ނޫނީ އެހެން ބުނެގެނެއް ނުވާނެއްނު.. ” ކައިލް ބުންޏެވެ. އެހިނދު އަރްހާން ހަނދާންވީ ފުލުހުން އޭނާގެ އަތުގައި ބިޑިއަޅުވަމުން ދިޔަ ވަގުތު އިޒްވާއާ ދިމާލަށް އޭނާ ބަލައިލި ހިނދެވެ. އެހިނދު އިޒްވާގެ ދެލޯ ފެންކަޅިވެގެން ދިޔަ ގޮތެވެ. އެވަގުތު އޭނާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އިޒްވާގެ ހިތުގައި އޭނާއާ މެދު އިހުސާސްތަކެއް ނެތްނަމަ އިޒްވާގެ ދެލޮލުން އޭނާއަށްޓަކައި ކަރުނައެއް ނުފެންނާނެއެވެ. އަރްހާން އެވާހަކަ ކައިލްއާ ހިއްސާ ކުރީ ގެއަށް ދިޔަ މަގުމަތީގައެވެ.

“ތިހެންވިޔަސް އަދި އިޒްވާ ދެކޭ ގޮތެއް ބަލާލުން ވަރަށް މުހިންމު.. އަރްހާންއަށް ނުކެރެންޏާ ޖަނާން މެދުވެރި ކުރުވައިގެން އަހަރެން އެގޮތެއް ބަލާލަދީފާނަން.. ” ކައިލް ބުންޏެވެ.

“އުނހު.. އަހަރެން މީ އެހާ ފިނޑިމީހެއް ނޫން.. މާ ލަސް ކުރާކަށް އަހަރެން ބޭނުމެއްނޫން.. އަހަރެންނަށް ކަމެއް ކޮށްދެންޏާ މިރޭ އަހަރެންނަށް އިޒްވާއާ އެކަނިން ވާޙަކަ ދައްކާލެވޭނެ ގޮތެއް ހަދައިދީ.. ” އަރްހާން އެދުނެވެ. އެކަމާ އެއްބަސްވަމުން ކައިލް ބޯޖަހައިލިއެވެ.

**********

ޝިވަން ގެއަށް އައިސް ވަންއިރު ސޯފާގައި އިން އައިދަން ފެނިފައި ހުއްޓުން އެރިއެވެ. އެއްފައި މައްޗަށް އަނެއް ފައި ލައިގެން ތަޅުވާލަ ތަޅުވާލާ އިންއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ތުންފަތް ފަޅައިގެން ގޮސްފައި ހުރިއިރު ކޯމަތީގައިވެސް މަލަން ގަނޑެއް އަޅާފައި ހުއްޓެވެ. ވާތްފަރާތު ލޯކައިރި ނޫފައިގަނެފައި ހުރިއިރު ހުރީ ދުޅަކޮށެވެ. އައިދަން ކައިރީގައި މައިރާވެސް އިނެވެ.

“ވަޑައިގެންފި.. މާރަނގަޅު މީހަކަށް ހެދިގެން އުޅެނީ އެހެންމީހުންގެ ލޯމައްޗަށް.. މިހާރުވެސް އެއައީ ރިޝްވަތު ދީފައި ކޮއްކޮ ސަލާމަތްކޮށްފައި.. ނޫންތަ؟ އެކަމަކު ހީވޭތަ އަހަރެން މަޑުން ހުންނާނެހެން..  ” އިންތަނުން ތެދުވަމުން އައިދަން ބުނެލިއެވެ.

“ލިސެން އައިދަން.. އަރްހާންގެ ފަރާތުން އަހަރެން މައާފަށް އެދެން.. ލީވް ހިމް އައުޓް އޮފް އިޓް.. ” ކުރިއަށް އަންނަމުން ޝިވަން ވާހަކަ ދެއްކިއެވެ.

“ކަލޭ ކޮއްކޮއަށް ހުރިހާ ވާހަކައެއް ކިޔައިދީ އަހަރެންނަށް އަނިޔާކުރަން ފޮނުވާފަ  ހީކުރީތަ ހުރިހާ ކަމެއް ރަނގަޅުވާނޭ.. އަހަރެމެން ދެމީހުން ދޭތެރޭ އެއްބަސްވުމެއް އޮތީ އެވާހަކަ އިތުރު މީހެއް ކައިރީ ނުދައްކާ ގޮތަށް ދޯ.. ” އައިދަން ބުންޏެވެ.

“އައި ޕްރޮމިސް އަހަރެން އެވާހަކަ އެއްވެސް މީހެއް ކައިރީ ނުދައްކަން.. އަރްހާންއަށް އެނގުނީ ކިހިނެއްކަމެއް ނޭނގޭ.. ދެން މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަހަރެން ދެން.. މިކަމުގެ ބަދަލެއްގެ ގޮތުން އައިދަން ބޭނުންވަރަކަށް އެކައުންޓަށް ފައިސާ ޖަމާކޮށްދެވިދާނެ.. ” ޝިވަންގެ އަޑުގައި ޖެހިލުންވުން ވިއެވެ.

“މައްސަލައެއް ނެތް.. އެއްފަހަރެއް ކަމަށް އަހަރެން މިކަން ނުވާ ކަމަކަށް ހަދާފާނަން.. ބަދަލުގައި ތިފައިސާގެ އިތުރުން އަހަރެން ބޭނުން އެހެން ކަމެއް އަދި އެބައޮތް.. ” އައިދަން ބުނެލިއެވެ. ޝިވަން ފުންނޭވައެއް ދޫކޮށްލިއެވެ.

“އެއީ ކޮންކަމެއް..؟ ” ޝިވަން އެހިއެވެ.

“އިޒްވާ އަހަރެންނަށް ލިބޭކަށް ނެތް.. ކަލޭ އެމޮޅު ހޯދައިފި.. އެކަމަކު އަދި ރީތި ކުދިން ހުސްވީކީ ނޫނެއްނު ދޯ.. މައިރާ އަހަރެންނާ އިންނަން އެއްބަސްވިއްޔާ ކަލެއަށް ހުރިހާ ކަމެއް މާފު.. ” އައިދަން އެހެން ބުނި ހިނދު މައިރާ ސިހިފައި އައިދަންއަށް ބަލައިލިއެވެ. ޝިވަންގެ މުށްކެވިގެން ދިޔަ ހިނދު ދަތްކުޑިވިކައިލެވުނެވެ. މައިރާދެކެ ރުޅި އައިސްފައި ހުރި ނަމަވެސް އައިދަން ކަހަލަ ޝައިޠާނަކާ މައިރާ ގުޅެން ޝިވަން ބޭނުމެއް ނުވެއެވެ.

“އައިދަން ކަލޭ މޮޔަވެގެންތަ ތިއުޅެނީ.. އަހަރެން ބޭނުމެއްނޫން ކަލެއާ އިންނާކަށް.. ” މައިރާ ހިތްހަމަނުޖެހިފައި ބުންޏެވެ. އައިދަން ހިނިގަނޑެއް ޖަހައިލިއެވެ.

“މައިރާއަށް ވިސްނައިދީ ކައިވެންޏަށް އެއްބަސް ކުރުވުމަކީ ކަލޭގެ ކަމެއް ޝިވަން.. އަހަރެން މިދެނީ އެންމެ ހަފްތާއެއް.. ކައިވެންޏަށް މައިރާ އެއްބަސް ނުވެއްޖެނަމަ ވަރަށް ގޯސްވާނެ.. އަރްހާންއާ ދެކޮޅަށް އަހަރެން ދައުވާވެސް ކުރާނަން އަދި އެއްކަލަ ވީޑިއޯވެސް މުޅި ދުނިޔެއަށް ފެންނާނެހެން ލީކް ކޮށްލާނަން.. ” އައިދަން ބުނެލިއެވެ.

“ކަލެއަށް އެއްވެސް ކަމެއް ނުކުރެވޭނެ އައިދަން.. ވީޑިއޯއެއް އަހަރެން އަތުގައިވެސް އެބައޮތް.. ހަނދާން ނެތުނީތަ؟ ” ޖެހިލުން ކުޑަ ގޮތަކަށް ޝިވަން ބުނެލިއެވެ. މިފަހަރުވެސް އައިދަން ހިނިގަނޑެއް ޖަހައިލިއެވެ.

“ޔަގީންތަ؟ ޔަގީންތަ އެވީޑިއޯ އެބައޮތް ކަން މިހާރުވެސް… ” ހެމުން ހެމުން އައިދަން ބަލައިލީ މައިރާ އަށެވެ. އެހިނދު ޝިވަންވެސް މައިރާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކުށްވެރިކަމުގެ ކުލަވަރުތަކެވެ. ހައިރާންވީ ވަރުން ޝިވަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“މައިރާ އަހަރެންނާ އިންނަން އެއްބަސްވިއްޔާ ކަލެއަށް ވަރަށް ފައިދާ ބޮޑުވާނެ.. ކައިވެނި ކުރެވޭ ހިނދުން ފެށިގެން އަހަރެން އެވީޑިއޯ ޑިލީޓްކޮށްލާނަން.. އަދި ކަލޭ އަތުން ނަގަމުން އައި ފައިސާވެސް ނުނަގާނަން.. ގޮތް ނިންމާނީ ކަލޭ.. ހަފްތާއެއް ފަހުން އަނެއްކާވެސް ބައްދަލުކޮށްލާނަން..” މިހެން ބުނެ ހެމުން ހެމުން އައިދަން އެތަނުން ގޮއްސިއެވެ.

ދެއަތް ދެއަތާ މޮޑެމުން ކުށްވެރިއަކު ފަދައިން މައިރާ އިސްޖަހައިލިއެވެ. ޝިވަންއާ ހަތަރުކަޅި ހަމަކުރާނެހާ ހިތްވަރު ނެތީއެވެ.

“ވައި.. މައިރާ..!! ބުނެބަލަ!! ކީއްވެ ؟؟؟ މައިރާގެ ސަބަބުން މިހާރުވެސް އަހަރެންގެ ދިރިއުޅުން ނަރަކައަށް ވެފައިވާވަރު ކުޑައީތަ؟ ހުރިހާ ކަމަކަށް ފަހުވެސް އަހަރެން މައިރާއަށް މިގެއިން ޖާގަ ދިނިން.. އަހަރެންނަށް އެނގޭ މައިރާގެ ބައްޕަގެ މަރަށް ފަހު ދޮންމަންމަ މައިރާ އެގެއިން ނެރެލީކަން.. ތިމާގެ މީހެއްގެ ގޭގައި ވަރަށް ހާލުގައި އުޅޭކަން އެނގިގެން އަހަރެން މައިރާ މިގޭގައި ބަހައްޓާ ގޮތަށް ގެނައީ.. އެއީ އަހަރެން ހިތުގައި މައިރާއަށްޓަކައި ނިމުމެއް ނުވާ އިހުސާސްތަކެއް ވާތީ.. އާނ!! މައިރާ ކަންތައް ކުރިގޮތުން އަހަރެން ވަރަށް ރުޅި އައި މައިރާ ދެކެ..!! އަހަރެން އިޒްވާއާ އިންނަން މިއުޅެނީ ފަހަރެއްގައިވެސް މައިރާދެކެ ލޯބިނުވާތިއެއް ނޫން… މައިރާ އާއި އަހަރެންނަށް އެމީހުންނަށް ދެވުނު ދެރައިގެ ބަދަލެއްގެ ގޮތުން.. އިޒްވާއާ އިނަސް އަހަރެންގެ މިހިތުން ތިނޫން މީހަކަށް ޖާގައެއް ނުދެވޭނެ.. މިވީހާ ދުވަހު އަހަރެން މިހުންނަނީ ކޮންމެވެސް ދުވަހަކުން މައިރާއަށް އަހަރެންގެ މިހިތް މާފު ދޭނެ ކަމުގެ އުއްމީދުގައި.. ނަމަވެސް މިއަދު ތިކުރި ކަމަކުން ދެން ދުވަހަކުވެސް އަހަރެންނަށް މައިރާއަކަށް މާފެއް ނުދެވޭނެ.. ” ޝިވަން އަޑުގައި ރިހުމެއްވިއެވެ. މައިރާ ރޯންފެށިއެވެ.

“ޕްލީޒް ނުބުނާތި އައިދަންއާ އިންނާށޭ.. ޝިވަން ނޫން މީހަކާ އިންނާކަށް އަހަރެން ބޭނުމެއްނޫން.. ” މައިރާ ރޮމުން ބުންޏެވެ.

“ހުރިހާ ކަމަކަށްފަހުވެސް އަހަރެން މައިރާއަށް އެދެނީ ހެޔޮގޮތް.. އަހަރެންނަށް ކޮންމެ ގޮތެއް ވިޔަސް އައިދަން ކަހަލަ ހައިވާނަކާ އިންނާށޭ ބުނެ މަޖުބޫރެއް ނުކުރާނަން.. އަހަރެންނަށް ރަނގަޅީ މައިރާ އެހެން ގޮތެއް ހޯދައިގެން މިގެއިން ނިކުމެގެން ދިޔައިއްޔާ.. ތިމަކަރުވެރި މޫނު ދެން ދުވަހަކުވެސް ދެކޭކަށް އަހަރެން ބޭނުމެއްނޫން.. ” މިހެން ބުނެ އެތަނުން ދިއުމަށް ޝިވަން ހިނގައިގަތެވެ. އެވަގުތު ދުވަމުން ގޮސް މައިރާ ޝިވަންގެ އަތުގައި ހިފިއެވެ.

“ޝިވީ.. ޕްލީޒް ތިހެން ނުބުނޭ.. އަހަރެން ޝިވީއަށް ސިއްރުންއަށް އެވީޑިއޯ ޑިލީޓް ކޮށްލީ ހަމަ ޝިވީއަށް ރަނގަޅަކަށް.. އައިދަން އަތުގައި އޮތް ވީޑިއޯ ޑިލީޓް ކޮށްލަން އޭނާ އެއްބަސްވީ ޝިވަން އަތުގައި އޮތް ވީޑިއޯ ޑިލީޓް ކޮށްލާ މަތިން.. އަހަރެން ކުރި ކަމެއް ކުރީ ޝިވީއަށް ރަނގަޅަކަށް.. ” މައިރާ ބުންޏެވެ. ޝިވަން ގަދަކަމުން މައިރާގެ އަތް ނައްޓުވައިލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ފުންނޭވައެއް ދޫކޮށްލުމަށްފަހު ޝިވަން ގޮސް އެނދުގައި އިށީނެވެ. ކަކުލުގައި އުޅަބޮށި ވިއްދާލައިގެން ދެއަތްތިލަ ޖޯޑުކޮށްލައިގެން ތިރިއަށް ބަލަން އިންއިރު ހިޔާލަށް އަންނަމުން ދިޔައީ މާޒީގައި ވެފައި ހުރި އެކި އެކި ކަންތަކެވެ. މާޒީގައި އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމުން ފެށިގެން އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އެހިނދު ލޮލުން ފާޅުވި ކަރުނަ ތިކި ވެއްޓުނީ އޭނާގެ އަތަށެވެ. ހިންދިރުވާލާއި ދެލޯ ފޮހެލަމުން ޝިވަން އެނދަށް ވެއްޓިގަތެވެ.

ހަޤީޤަތް ފޮރުވަން އުޅެ އުޅެ އޭނާ މުޅިން ވަރުބަލިވެއްޖެއެވެ. ކަންކަމާ ކުރިމަތިލާނެހާ ހިތްވަރެއް ދެން އޭނާގެ ނެތެވެ. އެއާއެކު ހިތަށް އައިސްވަނީ އެންމެ ނަމެކެވެ. މިވީހާ ދުވަހު އޭނާ އެހުންނަނީ އެފަރާތަށް ނުގުޅަން ނިންމައިގެންނެވެ. ނަމަވެސް މިހާރު ކަންތައްތައް މިވަނީ ބޮއްސުންލާފައެވެ. އޭނާއަށް ކިރިޔާވެސް އެހީތެރިކަމެއް ދެވޭނެ ފަރާތަކީ އެއީއެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ނަމްބަރަކަށް ޑަޔަލް ކޮށްލިއެވެ. ދެތިން ފަހަރު ރިންގުވެލުމާއެކު އެމީހަކު ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ.

***********

ކައިލްއާ އެކު ގެއަށް އައިސްވަން އަރްހާން ފެނިފައި ސޯފާގައި އެމީހުންގެ އިންތިޒާރުގައި އިން ރައިހާނާ ފުންމައިގެން ތެދުވިއެވެ. ރޮއެ ރޮއެ ރައިހާނާގެ ދެލޯ ވަނީ ރަތްވެފައެވެ.

“އަދިވެސް ތައްޔާރު ނުވަންތަ..؟ މިހާރު އިޝާ ފަސްވީ.. އީލާކް ދޮންތީ ލޮނުމިރުސްގަނޑު ރެޑީ ކުރިންތަ؟؟ ” ވަދެގެން އަންނަމުން އަރްހާން ބުންޏެވެ. އަރްހާންގެ އަޑަށް ބަދިގޭގައި އުޅުނު އީލާކްއާއި އިޒްވާ ނިކުތެވެ. ޖަނާން އާއި އަލައިކާ ނިކުތީ ކޮޓަރިންނެވެ. އަރްހާން އޭނާގެ އަތުގައި ހުރި ބޮޑު ރަތް ކޮތަޅު ތިރީގައި ބެހެއްޓުމަށްފަހު ރައިހާނާ ކައިރިއަށް ޖެހިލިއެވެ.

“ކޮންކަމަކާތަ މަންމަ ތިރޮނީ.. ؟ އަހަރެން ބުނީމެއްނު އަންނާނަމޭ…” ރައިހާނާގެ ކޮނޑުގައި ދެފަރާތުން ހިފަހައްޓާލަމުން އަރްހާން ބުންޏެވެ.

“އެނގޭތަ ތިކުރިކަމަކުން މަންމަ ބިރުގަތްވަރު.. ކީއްކުރަން ކުރި ކަމެއްތަ އެއީ..؟ މީހުންނަށް އަނިޔާކުރުމަކީ މަންމަ އަރްހާންއަށް ދަސްކޮށްދިން ކަމެއް ނޫން.. ތިކަމުގެ ސަބަބުން އާއިލާއަށް ލިބޭނެ ހަޑިނަމާ ދޭތެރޭ ވިސްނާވެސް ލިންތަ؟؟ ” ރައިހާނާ ހުރީ ރުޅި އައިސްފައިނަމަވެސް ވިސްނާދެމުން ދިޔައީ މަޑުމައިތިރިކަމާ އެކީގައެވެ.

“އަރްހާން ކުށްވެރި ނުކުރޭ ދައްތާ..؟ އެކުއްޖާ ކުރިކަމެއް ކުރީ ދޮންބެއާއި ފަހަރި ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން..” ފާރިހާ ކުރިއަށް ޖެހިލަމުން ބުންޏެވެ. އެހިނދު އަރްހާން ލޮލުގެ ހިމަކޮޅުން އިޒްވާއަށް ބަލައިލިއެވެ. އިޒްވާ ހުރީ އިސްޖަހާލައިގެންނެވެ. ހަޤީޤަތަކީ އެޔެއް ނޫންކަން އިޒްވާއަށް އެނގެއެވެ.

“ދެން ދައްތަ ނުރޮއެބަލަ.. މިހާރު އަރްހާން މިހުރީ އައިހެއްނު.. މިރޭގެ މަޖާ އަދި ކުރިއަށް އޮތީ.. އަހަރެމެން މިއައީ ބާބެކިއުއަށް ބޭނުންވާނެ އެހެނިހެން ސާމާނުވެސް ގަނެގެން.. މިރޭވާނެ ވަރަށް މަޖާކޮށްލަން އެންމެންވެގެން.. ދޮންތީ ލޮނުމިރުސްގަނޑު ރެޑީވީތަ؟ ” އީލާކްއަށް ބަލައިލަމުން ކައިލް ބުންޏެވެ.

“އެރެޑީ ކުރިތާ ކޮންއިރެއް.. މިހާރު ރޮށިވެސް ފިހެ ނިންމައިފިން.. ” އީލާކް ބުނެލިއެވެ.

“ނަސީބެއްނު.. ހުރިހާ ޝުކުރެއް އިޒްވާއަށް.. އަހަރެމެން އުޅުނީ ދާންވެގެން ޕެކް ކުރަން.. އިޒްވާ އަހަރެމެންނަށް ވިސްނައިދިނީ.. އަރްހާންއަށް އިތުބާރުކުރުމަށް ބުނެ.. އެހެންމީހަކަށް ޔަގިންކަން ނެތަސް އަރްހާން އެނބުރި އަންނާނަމޭ ބުނި ބަހަށް އިޒްވާ އިތުބާރުކުރި.. ” އަލައިކާ ބުނެލިއެވެ. އެވަގުތު އެންމެންގެ ނަޒަރު އިޒްވާއަށް ހުއްޓުނެވެ. ގަދަކަމުން ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން އިޒްވާ ހިނިތުންވެލިއެވެ. އަރްހާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބަލައިލެވުނީ ކައިރީގައި ހުރި ކައިލްއަށެވެ. އިޒްވާ އޭނާއަށް އެހާވަރަށް އިތުބާރު ކުރީތީ އޭނާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ.

*************

ބާބެކިއު ފެށިގެން ކުރިއަށް ދިޔައެވެ. ތަނުން އިވެމުން ދިޔައީ ހުނުމާއި ސަކަރާތުގެ އަޑެވެ. މުޅި ސަރަހައްދުގައި ހިފާލާފައިވަނީ ކުކުޅާއި މަސްފިހެވޭ މީރު ވަހެވެ. ހުރިހާ އެންމެން ނިންމީ ކުކުޅު ފިހެވެންދެން ގޭމެއް ކުރިއަށް ގެންދިއުމަށެވެ. ދެބަޔަކަށް ބަހާލައިގެން އެންމެން ކުޅެން ފެށީ ލަވަބާޒީއެވެ. މީމު އަކުރުން ލަވައެއް ކިޔަން ޖެހުނު ހިނދު ކިޔަން ފެށީ އަރްހާންއެވެ. އޭނާ އިނީ އެއަކުރުން ޖެހި ލަވަކިޔަން ތައްޔާރަށް ކަހަލައެވެ.

“މިހިތުގެ ލޯތްބޭތީ

ފާޅުގަ ބުނެލީމާ

ނަފްރަތު ވާނަން ހޭ

އައި.. ލަވް.. ޔޫ.. ” އަރްހާން ކިޔައިލީ އިޒްވާއަށް ބަލަހައްޓައިގެން އިނދެއެވެ. އެހެން މީހަކު ހީކޮށްފާނެ އެއްޗަކަށް އޭނާގެ ފަރުވާއެއް ނެތް ކަހަލައެވެ. އިޒްވާވެސް އެވަގުތު އިނީ އަރްހާންއަށް ބަލަހައްޓައިގެން ކަމުން އިޒްވާއަށް ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅިމީހާ އިންތަނަށް ގަނޑުވިއެވެ. އަރްހާންގެ އެހިތްވަރާ ހެދި ކައިލްވެސް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ޖަނާންއަށް ބަލައިލެވުނީ އެހެންމީހުންނަށެވެ. އެކަކަށްވެސް އެކަން ފާހަގަވިތޯ ބެލުމަށެވެ. ނަމަވެސް ނަސީބަކުން އެހެންމީހަކަށް އެކަން ފާހަގަނުވާކަން އެނގުނެވެ.

ޖަނާންގެ އަތުގައިވާ ބޭބީ މޮނީޓަރ އިން ކައިވާ ރޯންފެށި އަޑުއިވުނީ އެންމެ ފޯރިގަދަވީ ހިސާބުންނެވެ. އެހިސާބުން ޖަނާން ޖެހުނީ ކޮޓަރިއަށް ދާށެވެ. ކައިލްއަށް މޮޅު ހިޔާލެއް އައީ އެވަގުތުއެވެ. އިރުކޮޅެއް ކޮށްލާފައި އިޒްވާ ކައިރިއަށް ޖެހިލިއެވެ.

” ޖަނާން ބުނީ ޓެރޭސްގައި ހުރި ކައިވާގެ ހެދުންކޮޅުތައް ގެނެސްދީބަލާށޭ… ” އިޒްވާގެ ކަންފަތްދޮށުގައި ކައިލް ބުނެލިއެވެ. ބޯޖަހައިލުމަށްފަހު އިޒްވާ ގެއަށް ވަންނަން ހިނގައިގަތެވެ. އެހިނދު ކައިލް ލޮލުން އަރްހާންއަށް ކޮށްލި އިޝާރާތް އަރްހާންއަށް ފަހުމްވެއްޖެއެވެ. އެބައަންނަމޭ ބުނުމަށްފަހު އިޒްވާގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތެވެ.


ނުނިމޭ…



More from Dhuvas.mv