ޙަޤީޤަތެއް ކަމުގައިވިޔަސް ކޮންމެ ކޮންމެ ވާހަކައެއް ފެތުރުމަކީ މުއުމިނުންގެ ސިފައެއް ނޫން: ޚުޠުބާ

Fri, 19 Apr 2024 01:34 PM

View on this article on Dhuvas.mv

ޙަޤީޤަތެއް ކަމުގައިވިޔަސް ކޮންމެ ކޮންމެ ވާހަކައެއް ފެތުރުމަކީ މުއުމިނުންގެ ސިފައެއް ނޫން: ޚުޠުބާ

ޙަޤީޤަތެއްކަމުގައިވިޔަސް ކޮންމެ ކޮންމެ ވާހައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫންކަމަށާއި އެއީ މުއުމިނުންގެ ސިފައެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.



މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “މުއުމިނުންގެ ސިފަތައް” މިއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާ މުއުމިނުންގެ ސިފަތަކާއި އެ ސިފަތަކުގެ ވާހަކަތައް


ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން

ފުރަތަމަ ސިފައެއްކަމުގައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. އަދި އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނެވެ.

ބޭކާރު ވާހަކަތަކާއި ބޭކާރު ކަންތައްތަކުން ދުރުވުން

ދެވަނަ ސިފައެއް ކަމުގައި މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކައެވެ. އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކައެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ. އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ. ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެކެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދާށެވެ! ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ!

ޒަކާތުގެ ވާހަކަ

ތިންވަނަ ސިފައެއްކަމުގައި ދީނުގެ ރުކުނެއްގެ ވާހަކައެވެ. އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވެއެވެ.

ލަދުވެތި ގުނަވަންތައް ރައްކާތެރިކުރުން

ހަތަރުވަނަ ސިފައެއްކަމުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ. އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމެވެ. އަދި ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައެވެ.

އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުން

ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެކެވެ. އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫނެވެ. އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި  ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ.

ނަމާދުތަކަށް ރައްކާތެރިވުން

ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދު ތަކަށް ރައްކާތެރިވުމެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. މިއާޔަތްތަކުގައި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތެވެ. ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެކެވެ. އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިންނެވެ. އެތާނގައި އެމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެތެވެ.



More from Dhuvas.mv