ދޮގު ހެކިބަސް ދިން މައްސަލަ ބަލަނީ

Tue, 27 Dec 2022 03:59 PM

View on this article on DhiDaily

ދޮގު ހެކިބަސް ދިން މައްސަލަ ބަލަނީ

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނާ ދޮގު ހެކިބަސް ދިނުމުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ މީޑިޔާތަކަށް މައުލޫމާތުދީފައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން 7 ބޭފުޅަކު ހެކިންގެ ގޮތުގައި ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން މިވަގުތު ޒިންމާދާރު ނުވަތަ އިސް މަގާމެއްގައި ހުންނެވީ ނަރީޝް އެކަންޏެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.

އެ ޝަރީއަތުގެ އަޑުއެހުމެއްގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔާމީންގެ އެދިވަޑައިގަތުމަކަށް އެމަނިކުފާނު އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ވަޑައިގެންނެވި ކަމަށެވެ.

އަދި، ޔޫސުފް ނައީމްއަށް އެ ފައިސާ ގެންގޮސްދެއްވުމުގެ ކުރިން ދޫވެހީގައި ޔާމީންގެ ކުރިފުޅުމަތީގައި އެ ފައިސާ ގުނާފައިވާނެ ކަމަށާއި، ޔާމީންގެ ޑްރައިވަރެއްގެ ގޮތުގައި އޭރު އުޅުނު މީހަކާއެކު އެފައިސާ ޔޫސުފް ނައީމަށް ގެންގޮސްދެއްވާފައިވާނެ ކަމަށް ނަރީޝް ހެކިބަސް ދީފައިވެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓްގައި ބަޔާންކޮށްފައި ވާގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހެކީންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވެއެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކޯޓުން ވަނީ އިއްވައިފަ އެވެ. ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.



More from DhiDaily