އަޅުގަނޑުގެ އަޒުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ދައުރުގެތެރޭ ހޯދައިދިނުން: ރައީސް

Wed, 01 May 2024 05:22 PM

View on this article on Bonthi News

އަޅުގަނޑުގެ އަޒުމަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ދައުރުގެތެރޭ ހޯދައިދިނުން: ރައީސް

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އުންމީދު އަދި ޢަޒުމްފުޅަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.



ރައީސް މުޢިއްޒު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި، މަސައްކަތްތެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ތަފުޞީލީ ގޮތެއްގައި އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިއަދުގެ ޚިޠާބު ނިންމަވާލައްވަމުން، ރައީސް ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފައެވެ. އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ ޚިޠާބުގައި، ދިވެހި ޤައުމަށް މަންފާލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.



More from Bonthi News