ރައީސް މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި

Fri, 20 Sep 2024 07:13 PM

View on this article on Avas.mv

ރައީސް މުއިއްޒު އެމެރިކާއަށް ފުރާވަޑައިގެންފި

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އަންގާރަ ދުވަހު އެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއީ ރައީސް މުއިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ އާދީއްތަ ދުވަހު އެވެ.





More from Avas.mv