އައިސީޖޭގެ އަމުރަށް ރައީސްގެ މަރުހަބާ

Fri, 24 May 2024 09:57 PM

View on this article on Avas.mv

އައިސީޖޭގެ އަމުރަށް ރައީސްގެ މަރުހަބާ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން އިޒްރޭލާ ދެކޮޅަށް ނެރުނު އަމުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިސީޖޭގެ ނިންމުމަށް އިޒްރޭލުން އިހްތިރާމުކުރަންޖެހޭނެ ކަމަށެވެ. އެހެންވެ އިޒްރޭލުން ފަލަސްތީންގެ ރަފާ އަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެމަނިިކުފާނު ގޮވާލެއްވި އެވެ.

އައިސީޖޭގެ އަމުރާ ގުޅިގެން ރައީސް ވިދާޅުވީ ރަފާގެ ބޯޑަރު ހުޅުވުމަށްފަހު އިންސާނީ އެހީ ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް މަގުފަހިކުރަންޖެހޭ ކަމަށެވެ.

އިޒްރޭލާ ދެކޮޅަށް އައިސީޖޭ އަށް މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާ އިންނެވެ. މައްސަލައިގައި އެދިފައި އޮތީ ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އިޒްރޭލު ސިފައިން ރަފާއަށް އެރުން ހުއްޓާލުމަށާއި އަދި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރެއް ނެރުމަށެވެ.

އިޒްރޭލާ ދެކޮޅަށް މީގެކުރިންވެސް ދެކުނު އެފްރިކާ އިން އައިސީޖޭ އަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލައިގައި އައިސީޖޭ އިން ނެރުނު އަމުރުގައި ވަނީ ޣައްޒާގެ ގަތުލު އާންމު ހުއްޓުވަން އިޒްރޭލުން މަސައްކަތް ކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެ އަމުރުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ.

އައިސީޖޭގެ ކުރީގެ އަމުރަށްވެސް އިޒްރޭލުން އަމަލުކޮށްފައި ނުވާތީ މިއަދު ނެރުނު އަމުރަށްވެސް އިޒްރޭލުން އަމަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ.

އިޒްރޭލުން ދިފާއުގައި ބުނެފައިވަނީ އެ މީހުން ޣައްޒާއާއި ރަފާގައި ކުރިއަށް ގެންދާ ހަމަލާތަކަކީ ހަމާސް ނައްތާލުމަށް ކުރިއަށް ގެންދާ ހަމަލާތަކެއް ކަމަށެވެ.





More from Avas.mv