މިފްކޯއަށް ބޭރުގެ ސީއީއޯއަކު ހޯދަނީ ކޮރަޕްޝަނާ ދުރުކުރަން: ރައީސް

Sat, 27 Jul 2024 10:13 AM

View on this article on Avas.mv

މިފްކޯއަށް ބޭރުގެ ސީއީއޯއަކު ހޯދަނީ ކޮރަޕްޝަނާ ދުރުކުރަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯދަނީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސަރުކާރުގެ އެކި ކުންފުނިތައް އޮތީ ބަނގުރޫޓްވާ ހިސާބުގައި ކަމަށެވެ.

ސަރުކާރު ކުންފުނިތައް ހުރީ ނަމެއްގައި ކަމަށާއި މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ތަންފީޒުކުރަން ފަށައި ކުންފުނިތައް ރިފޯމްކުރުމަށް ވަރަށް ގިނަ މަސައްކަތް މިހާތަނަށް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ މިފްކޯ ރިފޯމްކުރުމަށެވެ.

މިފްކޯ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުވުމުގެ އިތުރަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިފްކޯ ހިންގުން ހަރުދަނާކުރެވޭނީ ބޭރުގެ ތަޖުރިބާކާރަކާ ހަވާލުކޮށްގެން ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުން އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައި ހުރި ފެންވަރުގެ ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔާކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއީ ދިވެއްސަކަށް ނުކުރެވޭނެ މަސައްކަތެއް ނޫން ނަމަވެސް ފާއިތުވި ދުވަސްތަކުގެ ކަންކަން ހިނގާފައިވާ ގޮތުން މިފްކޯ ހިންގުން ހަވާލުކުރަން ބޭނުންވަނީ ބޭރުގެ ތަޖުރިބާކާރު އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ގުޅިފައިނެތް މީހަކާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިފްކޯއާ ހަވާލުވާން އަޅުގަނޑުމެން ބޭނުންވަނީ މިދެންނެވި ފަދަ ބޭރުގެ ތަޖުރިބާކާރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އެއްވެސް ފަރާތަކާ ގުޅިފަ ނެތް (ބޭފުޅެއް). އަޅުގަނޑުމެންނަށް އެބަ އެނގޭ މިފްކޯ ދަރަނިވެރިވާ ގޮތް ވަރަށް ރަނގަޅަށް. އެއިން އެއްވެސް ނުފޫޒެއްގައި ނުޖެހޭނެ މިނިވަން މީހަކު ގެނެސް އެތަނާ ހަވާލުކުރުމުގެ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފައްދާފައިވާއިރު އެތަނުގެ ބޯޑުގައި ތިބޭނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ވިޔަފާރިކުރުމުގައި ޔަގީންކަން އެ ބޯޑުގައި ތިބި މީހުންނަށް ބަލާލީމަ ލިބޭނެ ފެންވަރުގެ މީހުން އަޅުގަނޑުމެން މި ހޯދަނީ. އެ ބޯޑުގައި ތިބޭނީ އެފަދަ މީހުން މި ބޭންކްގެ ސީއީއޯއަކަށްވެސް އެފަދަ މީހަކު މި ހޯދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.





More from Avas.mv