އުރީދޫގެ "ފަން ރަން" ޖުލައި 5ގައި ލ. ގަމުގައި

Fri, 24 May 2024 08:00 PM

View on this article on Avas.mv

އުރީދޫގެ "ފަން ރަން" ޖުލައި 5ގައި ލ. ގަމުގައި

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" މިއަހަރުގެ ޖުލައި މަހު ލ. ގަމުގައި ބޭއްވުމަށް ނިންމާ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އުރީދޫ ފަން ރަން ލާމު އެޑިޝަން ގަމުގައި އޮންނާނީ މިއަހަރުގެ ޖުލައި 5 ގައެވެ. މިއީ މިއަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ.

ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ދުވުމުގެ މަޖާ ހަރަކާތަކަށް ވާނެ އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދުގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަން - ލާމު ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ.

ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާ އެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް މަޖާ އަދި ގުޅުން ބަދަހި ކުރެވޭ ފަދަ ހަރަކާތެއް ބޭއްވުން ކަމަށެވެ.

"މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން. ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުއްމީދުކުރަން،" ހާލިދު ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫއިން ހުރިހާ އެންމެންނަށްވެސް ދައުވަތު ދެއެވެ. ފަން ރަން ލާމު އެޑިޝަންގައި ރަޖިސްޓްރީވުމަށް އުރީދޫ އިން ވަނީ ހާއްސަ ޕޯޓަލެއްވެސް ހަދާފަ އެވެ.





More from Avas.mv