އަމާޒު ކައްސާލައިފި، ރަސްމާލެ ހިއްކަން އިތުރު އަށް މަސް

Sat, 27 Jul 2024 12:03 PM

View on this article on Avas.mv

އަމާޒު ކައްސާލައިފި، ރަސްމާލެ ހިއްކަން އިތުރު އަށް މަސް

ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކާ ނިންމުމަށް އިތުރު އަށް މަސް ދުވަސް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޝްރޫއު ނިންމުމަށް އިތުރު އަށް މަސް ދުވަސް ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހިއްކާ ނިންމާނަން،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވަމުން ރައީސް މުއިއްޒު ވަނީ އެ މަޝްރޫއު އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތު އަންނަ މަހުގެ 18 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ރަސްމާލެ ހިއްކަން ފެށިފަހުން އެ މަޝްރޫއު ހުއްޓުނެވެ. ނަމަވެސް މިހާރު ވަނީ އެ މަޝްރޫއު އަލުން ފަށާފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށެވެ.

ސީއެމްސީ އިން ފުށިދިއްގަރު ފަޅު ހިއްކުމާ ހަވާލުވީ އެތަނުން 70 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވިސްނުމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ބަޖެޓްގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ މިސަރުކާރުން ހިމެނުމުން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުނިކުރުމުންނެވެ.





More from Avas.mv