ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށައިފި

Thu, 02 May 2024 01:26 PM

View on this article on Avas.mv

ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށައިފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނަގައި ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"ކުރަނގި" ނަމުގައި ފެށި މި ކެމްޕޭން ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ކުރީގެ ސަރުކާރުންވެސް ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް އޭރު އިސްކަން ދިނީ މާލޭގައި އުޅޭ ބިދޭސީންނަށް ކަމަށް އިހްސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިއަދު ފެށި ކެމްޕޭން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައިވެސް ކުރިއަށްދާނެ ކަމަށެވެ.

ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާނެކަން މިނިސްޓަރު އިހްސާން އިއުލާނު ކުރެއްވީ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމުގެ ގޮތުން މިއަދު ފެށި ކެމްޕޭންގައި ކޮންމެ ބިދޭސީއެއްގެ 10 އިނގިލީގެ ފިންގަޕްރިންޓް އަދި އެމީހެއްގެ ފޮޓޯ ނަގާނެ އެވެ.

މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި ނިންމުމަށްފަހު ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅިން ހައްލުކުރުމަކީ އަމާޒެއް ކަމުގައިވެސް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފަ އެވެ.

އިހްސާން ވިދާޅުވީ ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލާ ޑިޖިޓަލް ކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މި ނިޒާމު ބަލަހައްޓާނީ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ކަމަށެވެ. ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށްފަހު ސިސްޓަމަށް އެކްސަސް ވުމުގެ ފުރުސަތު ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް އަދި ލޯކަލް ކައުންސިލްތަކަށް އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.





More from Avas.mv