ސައުދީ ފަންޑުގެ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކުރައްވައިފި

Thu, 16 May 2024 08:24 PM

View on this article on Avas.mv

ސައުދީ ފަންޑުގެ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކުރައްވައިފި

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަހްމާން އަލް މަރްޝަދާ މަޝްވަރާ ކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، އެސްއެފްޑީގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިފަހުން ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އެސްއެފްޑީގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތައް އިތުރަށް ފުޅާކުރުމާ މެދުވެސް މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މަރްޝަދާ ވަނީ ރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.





More from Avas.mv