އެމްޑީޕީގައި ތިބީ ބަލިވުމުން ފިލަންޖެހޭ ފަދަ ފިނޑި ބައެއް ނޫން: ޝާހިދު

Thu, 02 May 2024 09:53 AM

View on this article on Avas.mv

އެމްޑީޕީގައި ތިބީ ބަލިވުމުން ފިލަންޖެހޭ ފަދަ ފިނޑި ބައެއް ނޫން: ޝާހިދު

އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކުރައްވާފައި ފިއްލަވާނެ ފަދަ ފިނޑި ބައެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ އުސޫލުތަކެއްގެ ތެރެއިން ހިންގަމުންދާ ޕާޓީއެއް ކަމަށްވާތީ އެ ޕާޓީގެ ބޭފުޅުން ނުކުމެ ތިބީ އިންތިހާބަކުން ބަލިވާއިރަށް އެއީ އުޑު ބޮލަށް ވެއްޓުނީ ކަމަށް ހީކޮށް ފިލާ ގޮތަށް ނޫން ކަމަށެވެ.

އެމްޑީޕީގެ އާންމު މެންބަރުންނަށް ޝާހިދު ދެއްވި އުއްމީދާއި ޔަގީންކަމަކީ ޕާޓީގެ އާންމު މެންބަރުން ހަވާލުކުރި އަމާނާތަށް ވަފާތެރިވެ ސާބިތުކަމާ އެކު މަސައްކަތްކޮށް އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދޭނެ ކަމެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދި އެމްޑީޕީ އަނބުރާ ވެރިކަމަށް ގެންނާނަން. އިރާދަކުރެއްވިއްޔާ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނަގާ ތަންވެސް ރައްޔިތުންނަށް ފެނިގެންދާނެ،" ވާދަވެރި އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޝާހިދު ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލި 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީއަށް މާއެދެވޭ ކާމިޔާބެއް ލިބިފައި ނުވާ ކަމަށެވެ. އޭރުވެސް ޕާޓީގެ ލީޑަރުން އިސްތިއުފާ ދިނުމުގެ ބަދަލުގައި ނިންމެވީ އެ ބަލި އޭރު ދިމާވި ސަބަބުތައް ހޯދުމަށް ދިރާސާއެއް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އޭރު ކުރެވުނު ދިރާސާގައި ހުރި ކަންކަން ބަލައި ދެނެގަނެ އެމްޑީޕީން 2018 ވަނަ އަހަރު އަލުން އެއްބުރުން ވެރިކަން ހޯދައި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދި ކަމަށެވެ. އެހެންކަމުން މިފަހަރުވެސް އިންތިހާބުން ބަލިވުމުން އަމަލުކުރަނީ މާޒީގައި ކަންކުރި ގޮތަށް ކަމަށާއި ދިރާސާގެ އަލީގައި އެމްޑީޕީން ދުރާލައި ރާވައިގެން ކަންކަން ތަރުތީބުކޮށްގެން މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިސްތިއުފާ ވަކިން ބޮޑަށް ގޮވާލަމުން ގެންދާތީ ޝާހިދު ވަނީ އިސްތިއުފާ ނުދެއްވުމަށް ފައްޔާޒަށް ނަސޭހަތްތެރިވެ ހިތްވަރު ދެއްވާފަ އެވެ. އަދި ވިދާޅުވީ ފައްޔާޒު ހިމެނޭހެން އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކުރައްވާފައި ފިއްލާވާ ޒާތުގެ ބޭފުޅުން ނޫން ކަމަށެވެ.





More from Avas.mv