ފަހްމީއަށް އަލުން ސްޓޭޓް މިނިސްޓަރުކަން

Tue, 30 Apr 2024 12:39 PM

View on this article on Avas.mv

ފަހްމީއަށް އަލުން ސްޓޭޓް މިނިސްޓަރުކަން

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި އައްޔަންކުރިތާ ހަތަރު ދުވަސް ފަހުން މަގާމުން ވަކިކުރެއްވި މުހައްމަދު ފަހްމީ ހަސަން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހްމީ އެންމެ ފުރަތަމަ އައްޔަންކުރެއްވީ ނޮވެމްބަރު 20، 2023 ގަ އެވެ. ވަކިކުރީ ނޮވެމްބަރު 24، 2023 ގައެވެ.

ފަހްމީ މަގާމުން ވަކިކުރެއްވީ އޭނާ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައި ވަނިކޮށް ސިޔާސީ އިސް މަގާމަކަށް އައްޔަންކުރެއްވުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީގެ ވަޒީފާއަށް ފަހްމީ ނިކުންނަވަން ފައްޓަވާފައިވާ ކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން އަވަސްއަށް ޔަގީންކޮށްދެއްވި ނަމަވެސް އޭނާ އަލުން މަގާމަށް އައްޔަންކުރެއްވި ވަކި ދުވަހެއް ސާފުވެފައެއް ނުވެ އެވެ.

ފަހްމީއަށް ކުރިން ސްޓޭޓް މިނިސްޓަރުކަން ދެއްވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގާމުން ވަކިކުރެއްވި މައްސަލައިގައި އޭރު އެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފަހްމީއަށް މަގާމު ދެއްވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަކިކުރެއްވީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި މަގާމު ދެވިފައިވާތީ ކަމަށެވެ.

"ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ. އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" ނޫސްވެރިންނާ ބައްދަލުކުރައްވާ މިދިޔަ ޑިސެމްބަރު ފަސްވަނަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.





More from Avas.mv