ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރުގައި ހިމެނުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ތަސްދީގު ކުރެއްވި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީ ކުރާނީ އަދި ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އަމަލުކުރާނީ އެ ގާނޫނުގައިވާ ގޮތުގެމަތިން ނެވެ.
އެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ ދަފްތަރު އެކުލަވައިލަން ޖެހެ އެވެ.
ލޭބާ މިނިސްޓްރީން ބުނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި ޖަމާޢަތްތައް، ޓްރޭޑް ޔޫނިއަންގެ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތުދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ އެކަމަށް ގޫގުލް ފޯމެއް ތައްޔާރުކޮށްފަ އެވެ.