ހުޅުމާލޭގައި ވެއާހައުސިން ކޮމްޕްލެކްސްއެއް އަޅަނީ

Wed, 24 Apr 2024 11:41 PM

View on this article on Avas.mv

ހުޅުމާލޭގައި ވެއާހައުސިން ކޮމްޕްލެކްސްއެއް އަޅަނީ

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމަންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެންނެވެ.

މިއިމާރާތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މިމަސައްކަތާ ހަވާލުވި ކުންފުނި -- ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮން އެވެ.

މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ކޮމްޕްލެކްސް އަކީ އިންޑަސްޓްރީއަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ.

"އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ،" ފަޒުލް ވިދާޅުވި އެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެ އެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެ އެވެ.

އެޗްޑީސީ އިން ބުނީ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށްވެސް ބުންޏެވެ.





More from Avas.mv