ނައިބް ރައީސްގެ ތައުރީފް އެމްޑަބްލިއުއެސްސީއަށް

Fri, 26 May 2023 02:55 PM

View on this article on Avas.mv

ނައިބް ރައީސްގެ ތައުރީފް އެމްޑަބްލިއުއެސްސީއަށް

ރާއްޖެއަށް ހިދުމަތް ދިނުމުގައި ފާއިތުވި 28 އަހަރު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަގުނުކުރެވޭ ވަރުގެ ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވެ ނައިބް ރައީސް ފައިސަލް ނަސީމު، އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް ތައުރީފް ކުރައްވައިފި އެވެ.

އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހެންވޭރު ދަނޑުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ފާއިތުވި 28 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ފެނަކީ އަސާސީ އެއްޗަކަށް ވާއިރު ފެން ކުންފުނިން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުހިއްމު އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ހިދުމަތް ދިނުމުގައި އެމްޑަބުލިއުއެސްސީގެ މުވައްޒަފުން ކުރަނީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށެވެ.

"އަދި ކުންފުނިން މުވައްޒަފުންގެ ހިދުމަތްތަކުގެ އަގު ވަޒަންކޮށް މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެމުން ގެންދިއުން އެއީ ވަރަށް ރަނގަޅު ކަމެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ކުޑަރަށެއް އަދި ބޮޑު ރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހްގެ ސަރުކާރުން ދެއްވާ ކަމަށެވެ.

މި ހަފްލާގައި ވަނީ އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ފެން ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދީފަ އެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ދޭ ޔުނީކް ޕާފޯމަންސް އެވޯޑާއި، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ހާސިލްކުރި މުވައްޒަފުންނަށް ވެސް މިހަފްލާގައި އެ އެވޯޑް ދީފައިވެ އެވެ. އަދި މިހަފްލާގައި އެމްޑަބުލިއުއެސްސީގެ ފަރާތުން ވަނީ ނައިބް ރައީސް އަށް ވެސް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

އެމްޑަބްލިއުއެސްސީ އުފައްދާފައިވަނީ އޭޕްރީލް 1، 1995 ގައެވެ. އެކުންފުނީގައި މިހާރު 1،247 މުވައްޒަފުން މަސައްކަތްކުރާއިރު، މިވެރިކަމުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫއެއް ހިންގުމާއި ފެން ކުންފުނި ހަވާލުވެފައިވެ އެވެ. މީގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.More from Avas.mv