ދެކުނު ކޮރެއާއަކީ މިހާރު "ދެކޮޅު" ކޮރެއާ

Thu, 17 Oct 2024 08:59 PM

View on this article on Adhives Online

ދެކުނު ކޮރެއާއަކީ މިހާރު "ދެކޮޅު" ކޮރެއާ

ދެކުނު ކޮރެއާއަކީ "ދުޝްމިނު ދައުލަތެއް"ގެ ގޮތުގައި ސިފަކޮށް، އުތުރު ކޮރެއާގެ ގާނޫނު އަސާސީގައި އެ ކަން ރަސްމީ ގޮތުން ހިމަނައިފިއެވެ.



އުތުރު ކޮރެއާގެ ދައުލަތުގެ ނޫސް ރޮޑޮންގް ސިންމުންއިން ބުނީ މި ގޮތަށް ނިންމަންޖެހުނީ "މަޖުބޫރުވެގެން"ކަމަށާއި މިހެންވެ މިއީ "ގާނޫނާ ހިލާފު ނޫން" ނިންމުމެއް ކަމަށާއި މި ހާލަތަށް ދިޔައީ މިއިން ދުވަހަކު ނުދާ ވަރަށް ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުމުންކަމަށެވެ.

އުތުރު ކޮރެއާއިން އަންގާރަ ދުވަހު ވަނީ ދެކުނު ކޮރެއާއާ ގުޅުވައިދޭ މަގުތަކާއި ރޭލުދަގަނޑުތައް ގޮއްވައިލައިފައެވެ.

"މިއީ ދެ ކޮރެއާ ވަކިކޮށްލުމަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެޅުމުގެ ބައެއްގެ ގޮތުންކުރި ކަމެއް،" އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ބައެއް ސިޔާސީ ތަޖުރިބާކާރުން ބުނީ ދެކުނު ކޮރެއާއަކީ ދުޝްމިން ދައުލަތެއްގެ ގޮތުގައި އުތުރު ކޮރެއާގެ ގާނޫނު އަސާސީގައި ހިމެނުމަކީ ހަމައެކަނި ރަމްޒީ ކަމެއްކަމަށެވެ. ސަބަބަކީ ދެ ކޮރެއާ އެއްކޮށްލުމާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން ވާހަކަދައްކަވައިފައިވާތީއެވެ.

"ދެ ކޮރެއާގެ ގުޅުމަކީ ދުޝްމިނު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމެއް. ހަނގުރާމަކުރަމުންދާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމެއް،" ކިމް އެއިރު ވިދާޅުވިއެވެ.

އެއަށް ފަހު މި އަހަރުގެ ޖެނުއަރީ މަހު ކިމް ވިދާޅުވީ ދެ ކޮރެއާ އެއްކޮށްލުމަކީ "ވާނެ ކަމެއް ނޫން"ކަމަށެވެ. އަދި އިޝާރާތްކުރެއްވީ ދެކުނު ކޮރެއާއަކީ އުތުރު ކޮރެއާގެ "އެންމެ ބޮޑު ދުޝްމިނު"ކަމަށެވެ.

އޭގެ ފަހުން ދެން ފެންނަން ފެށީ ދެ ކޮރެއާގެ ދެމެދުގައި ތަފާތު ބާވަތުގެ ކުރިމަތިލުންތައް ހިނގަމުންދާ މަންޒަރެވެ. މި ކަން ވަނީ ވޭތުވެދިޔަ މަސްތަކުގައި ސީރިއަސް ހާލަތަކަށް ގޮސްފައެވެ.

ރޭންޑް ކޯޕަރޭޝަންގެ ދިފާއީ ތަޖުރިބާކާރު ބްރޫސް ބެނެޓް ބުނީ އުތުރު ކޮރެއާގެ ގާނޫނު އަސާސީގައި ނުހިމަނައި ނަމަވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އުތުރު ކޮރެއާއިންކުރާ މުއާމަލާތްތަކުގައި ދެކުނު ކޮރެއާ ސިފަކުރަމުން ދިޔައީ "ދުޝްމިނު ދައުލަތެއް"ގެ ގޮތުގައިކަމަށެވެ.

"ދުޝްމިނު ދައުލަތެއްގެ ގޮތުގައި މި ދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިފަކުރުމާ ހިސާބުން ދެކުނު ކޮރެއާއާ ދެމެދު ކުރިމަތިލުންތައް ހިނގައި، އެ ކަން ސީރިއަސް ހާލަތަކަށް ގޮސްފައިނެކަމަށް އެއިރު ބެލެވުނު. އެއީ ފާހަގަކޮށްލެވުނު ކަމެއް. އޭގެ ފަހުން ކިމް އާއި އޭނާގެ ދައްތަ ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާއާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމަށް ބިރުދައްކަވައިފައި. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ފެނުނީ އުތުރު ކޮރެއާއިން މަސްރަހު ހޫނުކުރަން ފެށިތަން. އަދި މިހެންވެ މަސްރަހު މިހާރު އިތުރަށް ނުރައްކާވެފައިވޭ،" ބްރޫސް ބުންޏެވެ.

މިދިޔަ ހަފުތާގައި އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ދެ ކޮރެއާ އެއްކޮށްލައި، ދެ ކޮރެއާގެ ބޯޑަރު ބަލަހައްޓާ ސިޔާސަތުތަކަށް ބަދަލެއް ގެންނާނެކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ހީކުރިއެވެ. ނަމަވެސް އެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގުނީ އުތުރު ކޮރެއާއިން ދެކުނު ކޮރެއާއާ ގުޅެން ބޭނުން ނުވާކަމެވެ. ނަމަވެސް ސިޔާސީ ތަޖުރިބާކާރުން އަދިވެސް ދެކެނީ ދެ ކޮރެއާގެ ދެމެދުގައި ސީދާ ހަނގުރާމައެއް ނުހިނގާނެކަމަށެވެ.

"ހަގީގަތުގައި އުތުރު ކޮރެއާއިން ހަނގުރާމައެއްގެ ވާހަކަދައްކަނީ އެ ގައުމުގެ ދާހިލީ ކަންކަމުގައި އެ ގައުމުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރަން،" ދެކުނު ކޮރެއާގެ ބޫސާން ސިޓީގެ ޑޮންގް-އާ ޔުނިވާސިޓީގައި ސިޔާސީ އިލްމާއި ޑިޕްލޮމެސީ ކިޔަވައިދޭ ޕްރޮފެސަރު ކާންގް ޑޮންގް-ވާން ބުންޏެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ޔުނިވާސިޓީގައި އުތުރު ކޮރެއާއާ ބެހޭ ފިލާވަޅުތައް ނަގައިދޭ ޕްރޮފެސަރު ކިމް ޑޮންގް-ޔަޕް ބުނީ އުތުރު ކޮރެއާއަށް ހަނގުރާމައެއްކުރުމުގެ ގާބިލުކަމެއް ހުރިކަމާމެދު ޝައްކުކަމަށެވެ.

"އުތުރު ކޮރެއާގެ ސަރުކާރަށް އެނގޭނެ ހަނގުރާމައެއް އިސްކޮށްފިއްޔާ އޭގެން ލިބޭނެ ހިތި ނަތީޖާތައް،" ޑޮންގް-ޔަޕް ބުންޏެވެ.

The post ދެކުނު ކޮރެއާއަކީ މިހާރު "ދެކޮޅު" ކޮރެއާ first appeared on އަދިވެސް އޮންލައިން.



More from Adhives Online