ޓައިވާން ފަތަހަކުރެވޭތޯ ޗައިނާ އަޖުމަބަލަނީ

Fri, 24 May 2024 06:19 PM

View on this article on Adhives Online

ޓައިވާން ފަތަހަކުރެވޭތޯ ޗައިނާ އަޖުމަބަލަނީ

ޗައިނާގެ ދެކުނުގައިވާ އަމިއްލަ ސަރުކާރެއް އޮންނަ ޖަޒީރާ ޓައިވާންގެ ވަށައިގެން އަސްކަރީ ހަރާތްތަކެއް ޗައިނާއިން ފަށާފައިވަނީ ޓައިވާން ފަތަހަ ކުރެވޭތޯ އަޖުމަ ބެލުމަށް ކަމަށް ޗައިނާއިން ބުނެފިއެވެ.



އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ޗައިނާގެ އަސްކަރިއްޔާއިން އިއްޔެ ފެށި، އަދި މިއަދަށް ދިގުދަންމާލި އަސްކަރީ ހަރަކާތްތަކަކީ ޓައިވާނަށް ވެރިވެގަނެ، ޓައިވާންގެ އެކި ސަރަހައްދުތައް ހިފިދާނެތޯ އަޖުމަ ބެލުން ކަމަށް ޗައިނާއިން ބުންޏެވެ.

ޗައިނާއިން އިއްޔެ އެންމެ ފުރަތަމަ ބުނީ މި އަސްކަރީ ހަރަކާތްތަކަކީ ޓައިވާންގެ އާ ރައީސް ވިލިއަމް ލައި ޗިންގް-ޓެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައަށް އަދަބު ދިނުމުގެ ގޮތުން ފެށި މިލިޓަރީ ޑްރިލްތަކެއް ކަމަށެވެ. ވިލިއަމް ވިދާޅުވެފައިވަނީ ޓައިވާނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި ހުރިހާ ބާރެއް ފެށިގެން އަންނަނީ ޓައިވާންގެ ރައްޔިތުންގެ ކިބައިން ކަމަށެވެ. 

"ޖޮއިންޓް ސްވޯޑް-2024އޭ" ނަން ދީފައިވާ ޗައިނާގެ އަސްކަރީ އޮޕަރޭޝަން ހިންގިއަސް ޓައިވާންގެ މިނިވަންކަން ދޫނުކޮށްލާނެ ކަމަށް ވިލިއަމް ވިދާޅުވިއެވެ. 

"އަހަރެމެން ޗައިނާއަށް މި ގޮވާލަނީ ޗައިނާއިން ޓައިވާނަށް ބިރުނުދެއްކުމަށް،" ވިލިއަމް ވިދާޅުވިއެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތަކަކީ ސިޔާސީ އަދި އަސްކަރީ ގޮތުން ޓައިވާނަށް ބިރުދެއްކުން ކަމަށް ޓައިވާނުން ބުންޏެވެ.

ޗައިނާއިން އަބަދުވެސް ބުނަމުން އަންނަނީ ޓައިވާންއަކީ ޗައިނާގެ ރަށެއް ކަމަށެވެ. އަދި ޗައިނާގެ ބައެއްގެ ގޮތުގައި ޓައިވާން ހަދަން ބާރުގެ ބޭނުން ކުރަން ޖެހިލުން ނުވާނެ ކަމަށެވެ.

"މި ދެ ދުވަހުގެ އަސްކަރީ ހަރަކާތްތަކަކީ ޓައިވާންގެ މައިގަނޑު ސަރަހައްދުތައް ޗައިނާގެ ބާރުގެ ދަށަށް ގެނެވިދާނެތޯ ބެލުމަށް އަޖުމަބެލުމުގެ ގޮތުން ހިންގާ އަސްކަރީ ހަރަކާތްތަކެއް،" ޗައިނާގެ ކާނަލް ލީ ޝީ ވިދާޅުވިއެވެ.

ޗައިނާއިން އަސްކަރީ ހަރަކާތްތައް ފެށުމުން ޓައިވާނުންވަނީ އެ ހަރަކާތްތައް ބަލަން ފަށައިފައެވެ. 

ޓައިވާންގެ ދިފާއީ ވުޒާރާއިން ވަނީ މިސައިލް ހަރުކޮށްފައިވާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޓައިވާންގެ އުޑުމަތީގެ ކަންތައްތައް ބަލަމުންދާ މަންޒަރުތަކެއް ހިމެނޭ ފޮޓޯތަކެއް މިއަދު އާއްމުކޮށްފައެވެ.

މީގެ އިތުރުން ޓައިވާނުން ވަނީ ޓައިވާނުގެ ކައިރީގައި އޮންނަ ޕެންޖިއާ ނަމަކަށް ކިޔާ ކުޑަ ޖަޒީރާއެއް ކައިރީގައި ޗައިނާގެ ކޯސްޓް ގާޑްގެ އުޅަނދުތަކެއް އަސްކަރީ ހަރަކާތްތަކެއް ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް މިއަދު އާއްމުކޮށްފައެވެ.

ޗައިނާއިން އާއްމު ކުރި ވީޑިއޯތަކުން ފެންނަނީ އިމާރާތްތަކަކުން އެ ގައުމުގެ ސިފައިން ނިކުމެ އަސްކަރީ މަރުކަޒުތަކަށް ދާ ތަނާއި އަސްކަރީ ރާގަކަށް ޖެޓްތަކެއް އުދުއްސާލާ މަންޒަރެވެ. 

ޗައިނާގެ ދައުލަތުގެ މީޑިއާ ކަމަށްވާ ސީ.ސީ.ޓީ.ވީ.އިން ބުނީ ޗައިނާގެ މަނަވަރުމީހުން ވަނީ ޓައިވާންގެ މަނަވަރުމީހުންނަށް އިންޒާރު ދީފައި ކަމަށެވެ. އެއީ ޗައިނާގެ ބައެއް ކަމަށް ޓައިވާން ހެދުމަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތަށް ހުރަސްނޭޅުމަށެވެ.

ޗައިނާއިން ވިލިއަމް ދެކެނީ "ވަކިވެގަންނަން އުޅޭ ދުއްތުރާލެއް" ގޮތުގައެވެ. ވިލިއަމްގެ ކުރިން ޓައިވާންގެ ރައީސްކަން ކުރެއްވި ޒައި އިން-ވެން ވެސް ވިދާޅުވި ފަދައިން ވިލިއަމް ވެސް ވިދާޅުވީ ޓައިވާންގެ ކުރިމަގު ކަނޑައަޅާނީ ޓައިވާންގެ ރައްޔިތުން ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވެންގް ވެންބިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ޓައިވާނަށް އިންޒާރު ދެއްވައިފައެވެ. މީގެ އިތުރުން ޗައިނާގެ ސަރުކާރުގެ މީޑިއާ އެޖެންސީއެއް ކަމަށްވާ ޒިންހުއާ އާއި ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ނޫހެއް ކަމަށްވާ ޕީޕަލްސް ޑެއިލީން ވަނީ ޗައިނާއިން މިއަދު ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތްތަކަށް ތައުރީފުކޮށްފައެވެ. އަދި ވިލިއަމްގެ އަމަލުތަކަކީ "ގައްދާރުވެރިންގެ ހުންނަ ކަހަލަ އަމަލުތަކެއް" ކަމަށް ސިފަކޮށް، "ވަރުގަދަ ބަދަލެއް ދޭނެ" ކަމަށް އިންޒާރު ދީފައެވެ.

އދ.އިން ވަނީ ޗައިނާ އާއި ޓައިވާނުން ވެސް މަޑުމައިތިރިވުމަށް ގޮވާލައިފައެވެ. އަދި ޓައިވާންގެ އެންމެ ވަރުގަދަ ރަހްމަތްތެރިޔާ ކަމަށްވާ ޓައިވާނަށް އަސްކަރީ އެހީ ދޭ އެމެރިކާއިން ވަނީ ޗައިނާ މަޑުމައިތިރި ވުމަށް ގޮވައިލައިފައެވެ.

"ރިޕަބްލިކް އޮފް ޗައިނާ"ގެ ނަމުގައި ޗައިނާގައި އޮތް ސަރުކާރު 1949 ގައި ވެއްޓުމުން އެ ސަރުކާރު ފިލައިގެން ދިޔައީ ކައިރީގައިވާ ޖަޒީރާއެއް ކަމަށްވާ ޓައިވާނަށެވެ. އަދި ޓައިވާނަށް ރިޕަބްލިކް އޮފް ޗައިނާގެ ނަން ދިނެވެ. އެ ގޮތުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީން މި އަހުލީ ހަނގުރާމަ ކާމިޔާބުކޮށް، ޗައިނާގެ ވެރިކަން ލިބުމުން ޗައިނާއަށް "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ނަން ދިނެވެ.

ޗައިނާއިން އިއްޔެ އާއި މިއަދު ހިންގަމުން އަންނަ އަސްކަރީ ހަރަކާތްތަކަކީ ޓައިވާންގެ ވަށައިގެންވާ ޓައިވާންގެ ބާރު ހިނގާ ކުދި ޖަޒީރާތަކެއް ކަމަށްވާ ކިންމަން، މަޓްސޫ، ވުގިއު، އަދި ދޮންގްޔިންގެ ވަށައިގެން ހިންގާ އަސްކަރީ ހަރަކާތްތަކެކެވެ. 

The post ޓައިވާން ފަތަހަކުރެވޭތޯ ޗައިނާ އަޖުމަބަލަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online