ފަލަސްތީނު ރެފިއުޖީންނަށް ޔޫރަޕުން އަލުން އެހީ ފޯރުކޮށްދޭން ފަށައިފި

Thu, 23 May 2024 10:56 PM

View on this article on Adhives Online

ފަލަސްތީނު ރެފިއުޖީންނަށް ޔޫރަޕުން އަލުން އެހީ ފޯރުކޮށްދޭން ފަށައިފި

ޔޫރަޕްގެ ގިނަ ގައުމުތަކުން، އދ.ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީ ދޭ އެޖެންސީއަށް އަލުން އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.



ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ.) އަށް ޔޫރަޕްގެ އިއްތިހާދުން ދޭ އެހީ ކަނޑާލީ އިސްރާއީލަށް ހަމަލާ ދިނުމުގައި އެ އެޖެންސީގެ މެންބަރުން ބައިވެރިވާ ކަމަށް އިސްރާއީލުން ތުހުމަތު ކުރުމުންނެވެ.

އޫރަޕްގެ އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)އިން މި ގޮތަށް ނިންމީ ސްލޮވީނިއާއިން މި ކަމަށް ހިތްވަރު ދީ، އިސްނެގުމުންނެވެ.

އީ.ޔޫ.ގެ ހާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލް ވަނީ ސްލޮވީނިއާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އެ ގޮތުން ފަލަސްތީނުގެ ޖީލުތަކުގެ ރެފިއުޖީންނަށް އަލުން އެހީ ދޭން ފެށުމަށް ސްލޮވީނިއާގެ ތާއީދު ލިބުމަކީ ފަލަސްތީނުގެ ރައްޔިތުން ދިރި ތިބުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއީ ޣައްޒާގެ އިތުރުން މި ސަރަހައްދަށް ވެސް ދިރުން ގެނުވާނެ ކަމެއް. ޔޫ.އެން.އާރް.ޑަބްލިޔު.އޭ.އަށް އަދިވެސް ވަނީ ފައިސާގެ ދަތިކަން ފޯރައިފައި. އަހަރެމެން ދޭ އެހީ އަދިވެސް އިތުރު ކުރަން ޖެހޭ. (ފަލަސްތީނު ރައްޔިތުންގެ) ބޭނުންތައް އިތުރުވަމުން އަންނަނީ،" އެކްސްގައި ޖޯސެފް މިއަދު ލިޔުއްވާފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދެކުނު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭ.ގެ 12 މުވައްޒަފުން ބައިވެރިވި ކަމަށް އިސްރާއީލުން މި ދިޔަ ޖަނަވަރީ މަހު ތުހުމަތު ކުރިއެވެ. މި ކަމުގެ ސަބަބުން އެތައް ގައުމުތަކުން އެ އެޖެންސީއަށް ދެމުން އައި އެހީ މެދުކަނޑާލުމުން އެ އެޖެންސީއަށް ފައިސާ ލިބުމުގައި ބޮޑު ދަތިކަމެއް ކުރިމަތިވިއެވެ.

މިހެންވެ އދ.އިން، ކުރީގެ ފްރާންސްގެ ހާރިޖީ ވަޒީރު ކެތަރިން ކޮލޯނާގެ ބެއްލެވުމުގެ ދަށުން މިނިވަން ތަހުގީގެއް ހިންގިއެވެ. މި ތަހުގީގުން ހާމަވީ އިސްރާއީލުން ފަލަސްތީނުގެ ރެފިއުޖީ އެޖެންސީގެ މެންބަރުންނާ ދެކޮޅަށް ކުރި ތުހުމަތުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

މި ތަހުގީގުގެ އިތުރުން ހަމާސް އިން ދިން ހަމަލާގެ މިނިވަން ތަހުގީގެއް ވެސް އދ.އިން ވަނީ ހިންގައިފައެވެ. ޔޫރަޕްގެ ތިން ގައުމެއް ވެސް ބައިވެރިވެ، ހަމަ ކެތަރިންގެ ބެއްލެވުމުގެ ދަށުން ހިންގި އެ ތަހުގީގުން ހާމަވީ އިސްރާއީލުން ކުރި ތުހުމަތުތަކަށް ބަރުދަނެއް ލިބޭ އެއްވެސް ހެއްކެއް ހުދު އިސްރާއީލަށް ވެސް ދެއްކިފައި ނުވާ ކަމެވެ. އެ ގޮތުން ހަމާސްގެ އަސްކަރީ ފައުޖުތަކާއި ފަލަސްތީނުގެ މިނިވަން ކަމަށް ދެން ޖިހާދު ކުރާ ޕަލަސްތީނިއަން އިސްލާމިކް ޖިހާދަށް ވެސް އދ.ގެ ރެފިއުޖީ އެޖެންސީން އެހީ ދިން ކަމުގެ ހެއްކެއް ނެތް ކަމަށް ކެތަރިންގެ ރިޕޯޓުން ހާމަވިއެވެ.

އިސްރާއީލުން ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ ރެފިއުޖީ އެޖެންސީގެ 12 މެންބަރުން ހަމަލާގައި ސީދާ ބައިވެރިވެފައިވާއިރު ޖާސޫސީ މައުލޫމާތާއި ލޮޖިސްޓިކް އެހީ އެ އެޖެންސީގެ 190 މުވައްޒަފުން ހަމާސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާރިޗު މަހު އިސްރާއީލުން ބުނީ ހަމާސް ދިން ހަމަލާގައި ރެފިއުޖީ އެޖެންސީގެ އިތުރު ހަތަރު މެންބަރުން ބައިވެރިވި ކަމަށެވެ.

ކެތަރިންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރެފިއުޖީ އެޖެންސީއަށް މުވައްޒަފުން ހޯދާ ގޮތާ ބެހޭ ގޮތުން 2011 ވަނަ އަހަރުން ފެށިގެން ވެސް އިސްރާއީލުން ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވެއެވެ. އަދި މި ކަމާ ބެހޭ ގޮތުން އިސްރާއީލުން އެއްޗެކޭ ބުނީ މިދިޔަ ޖަނަވަރީ މަހު ކަމަށެވެ.

ކެތަރިންގެ ރިޕޯޓަށް ތާއީދު ކުރި ބައެއް ޔޫރަޕްގެ ގައުމުތަކުން ފާހަގަ ކުރީ އިސްރާއީލަށް ހަމަލާ ދިނުމަށް ރެފިއުޖީ އެޖެންސީން ބައިވެރިވި ކަމަށް ބުނާ މުވައްޒަފުންގެ ނަމާއި އެ ކަމަށް ހެކި ލިބޭ ކަންތައްތައް އދ.އަށް ހުށަހެޅުމަށް އިސްރާއީލަށް ސިޓީ ފޮނުވުމުން ވެސް އިސްރާއީލުން ޖަވާބު ނުދޭ ކަމާއި މި ކަން ކުރި ނަމަ ތަހުގީގެއް ހިންގަން ރެފިއުޖީ އެޖެންސީއަށް ފުރުސަތު ލިބުނީސް ކަމެވެ.

ހަމައެކަނި އިސްރާއީލުގެ ތުހުމަތަކަށް ބަރޯސާ ކޮށްފައި 18 ގައުމަކުން ރެފިއުޖީ އެޖެންސީއަށް ފައިސާ ދިނުން ހުއްޓާލިއެވެ. އޭގެ ތެރޭގައި އެ އެޖެންސީއަށް އެންމެ ގިނަ ފައިސާ ދޭ އެމެރިކާ ވެސް ހިމެނެއެވެ.

ކެތަރިންގެ ރިޕޯޓް ހާމަކުރަންދެން ރެފިއުޖީ އެޖެންސީއަށް އެހީ ނުދީ މަޑުކޮށްގެން ބައެއް ގައުމުތައް ތިއްބެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެއެވެ. ނަމަވެސް ގިނަ ގައުމުތަކުން ނިންމީ އަލުން އެހީ ދޭން ފަށާށެވެ. އަދި ޔޫރަޕްގެ އިއްތިހާދުން ދޭ އެހީ އިތުރު ކުރުމަށް ނިންމުމުން ޖޯސެފް މިއަދު ވަނީ އެ ކަމަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

މިހާރު އެހީ ދިނުން ހުއްޓާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރިއާ، ޖަރުމަން ވިލާތް، އިޓަލީ، ނެދަލެންޑްސް، އިނގިރޭސި ވިލާތް އަދި އެމެރިކާއެވެ. އިސްރާއީލުގެ ތުހުމަތުތަކާ މެދު އެހާ ބޮޑު އިތުބާރެއް ނެތް ކަމަށް މިދިޔަ ފެބްރުއަރީ މަހު ބުންޏަސް، އެމެރިކާއިން ނިންމާފައިވަނީ އަންނަ އަހަރުގެ މާރިޗު މަސް ވަންދެން ރެފިއުޖީ އެޖެންސީއަށް އެހީ ނުދީ މަޑުކޮށްލާށެވެ. އެމެރިކާއިން ރެފިއުޖީ އެޖެންސީއަށް ދޭ އެހީ ކަނޑާލީ ކެތަރިންގެ ރިޕޯޓް ނުނިމެނީސް ކަމަށް ވިޔަސް އެމެރިކާއިން ބުނީ "ވަރަށް ބޮޑު ތަހުގީގެއް" ނުހިންގާހާ ހިނދަކު ރެފިއުޖީ އެޖެންސީއަށް ފައިސާ ނުދޭނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ހާރިޖިއްޔާއިން ބުނީ އިސްރާއީލުން ރެފިއުޖީ އެޖެންސީއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތާމެދު ސިހުނު ކަމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ އެހެން ގޮތްތަކެއް އެބައޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

އިސްރާއީލުގެ އަނެއް ގާތް އެކުވެރިޔާ ކަމަށްވާ ޖަރުމަނު ވިލާތުން ބުނީ ޣައްޒާ ފިޔަވާ ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް އެހީ ވުމަށް ރެފިއުޖީ އެޖެންސީއަށް ފައިސާ ދޭން ފަށައިފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ ފަލަސްތީނަށް ފޯރުކޮށްދެވޭނެ ތަފާތު އެހީތައް އަންނަ މަހު ހުސްވާނެ ކަމަށެވެ.

"އޭގެ ފަހުން އަހަރެމެންގެ މަސައްކަތަށް ފައިސާ ހޯދާނެ ގޮތެއް ނޭނގޭ. އަހަރެމެންގެ އެޖެންސީން މި ކުރާ ކަހަލަ މަސައްކަތް އެހެން އިދާރާއަކަށް ނުކުރެވޭނެ،" ރެފިއުޖީ އެޖެންސީގެ މުވާސަލާތާ ބެހޭ ޑައިރެކްޓަރު ޖޫލިއެޓް ޓޯމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން މުޅި ޣައްޒާ ހިމެނޭ ގޮތަށް އެހީ ފޯރުކޮށްދެވުނު ކަމަށެވެ. ނަމަވެސް ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ދިއުން އެ އެޖެންސީއަށް ބަންދުކޮށްލާނެ ކަމަށް އިސްރާއީލުން މާރިޗު މަހު ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

"އުތުރު ޣައްޒާއަކީ ބަނޑަށްޖެހޭނެ ސަރަހައްދު،" ޖޫލިއެޓް ވިދާޅުވިއެވެ.

އުތުރު ޣައްޒާގައި 210،000 މީހުން ދިރިއުޅެއެވެ. އަދި އދ.އިން ލަފާ ކުރަނީ ޣައްޒާ ސިޓީގައި ތިބި މީހުން މިހާރު ވެސް ބަނޑަށްޖެހެމުންދާ ކަމަށެވެ.

ޣައްޒާގެ ދެކުނާއި މެދުތެރެ އަކީ ކުއްލި ހާލަތުގައި އޮތް ސަރަހައްދުތައް ކަމަށް އދ.އިން ވަނީ ކަނޑައަޅައިފައެވެ. އެ ސަރަހައްދުތަކަށް އެހީ ނުދީފި ނަމަ ނުވަތަ އިސްރާއީލުގެ އަސްކަރިއްޔާ އާއި ހަމާސްއިން ކުރަމުންދާ ހަނގުރާމަ ހުއްޓާ ނުލައިފި ނަމަ އަންނަ ޖުލައި މަހު އެ ސަރަހައްދުތައް ބަނޑަށްޖެހޭނެ ކަމަށް އދ.އިން ބުންޏެވެ.

"ޔަމަން މި ހާލަތަށް ވެއްޓެން އެތައް އަހަރެއް ނެގި. ނަމަވެސް ޣައްޒާ މި ހާލަތަށް ވެއްޓެން ނެގީ އެންމެ ތިން މަސް. މި ހަނގުރާމާގައި ބަނޑުހައިހޫނުކަން ބޭނުން ކުރަމުން ދަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި. އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން،" ޖޫލިއެޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ފަލަސްތީނު ރައްޔިތުން އުޅެނީ އާއްމު ސާފުތާހިރުކަން ނެތް ގޮތެއްގައި ކަމަށެވެ. ފާހާނާ ކުރަން މީހުން ތިބެން ޖެހޭ ކިއު ވެސް އެހާ ދިގު ކަމަށެވެ.

"ދަތްއުނގުޅާބޭސް، ސައިބޯނި އަދި އެހެނިހެން އަސާސީ ތަކެތި ވެސް ނުލިބޭ،" ޖޫލިއެޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާކަން އެއީ ނަސީބެއް ކަމަށެވެ.

"ނަމަވެސް ބަނޑުހައިހޫނުކަން ނައްތާލަން ދެވޭނެ ވެކްސިނެއް ނޯންނާނެ،" ޖޫލިއެޓް ވިދާޅުވިއެވެ.

އިސްރާއީލަކީ މާ ކުރިން ވެސް ރެފިއުޖީ އެޖެންސީއާ ދެކޮޅު ގައުމެކެވެ.

މިދިޔަ ހަފުތާގައި އެ އެޖެންސީގެ ވެރިޔާ ފިލިޕް ލަޒަރިނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވީ އިސްރާއީލުން އުޅެނީ ޣައްޒާގައި އެ އެޖެންސީން ދޭ ހިދުމަތް ހުއްޓުވާލަން ކަމަށެވެ.

"ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ދިއުމަށް އިސްރާއީލުން ހުއްދައެއް ނުދޭ. އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާ އިސްރާއީލާ ދެމެދު ވިލަރެސް ކުރާ ބައްދަލުވުންތަކުން އަހަރެމެން ތިބެނީ ބާކީކޮށްފައި،" ފިލިޕް ވިދާޅުވިއެވެ.

"އަހަރެމެންގެ މަސައްކަތް ނައްތާލަން އިސްރާއީލުން ހިންގަމުން ދަނީ މަޑުމަޑުން އެހެނަސް ނާމާން ރޭވުމެއް. މިއީ ބައިނަލްއަގުވާމީ ސުލްހައަށް އޮތް ނުރައްކަލެއް،" ފިލިޕް ވިދާޅުވިއެވެ.

އިސްރާއީލުން ބުނީ ރެފިއުޖީ އެޖެންސީގެ ބަދަލުގައި އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމާއަތް ކަމަށްވާ ޔޫ.އެން. ވޯލްޑް ފުޑް ޕްރޮގްރާމަށް ރެފިއުޖީ އެޖެންސީ ނެތްތަން ފޫބެއްދޭނެ ކަމަށެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ބަނަކަން އެހެން އެޖެންސީއަކަށް ފޫބެއްދޭނެ ކަމަކަށް ނުފެނެއެވެ. ސަބަބަކީ މިހާރު ވެސް އެ އެޖެންސީގެ 30،000 މީހުން އަންނަނީ ޣައްޒާގައި ހަރަކާތްތެރިވަމުން ކަމަށް ވާތީއެވެ. އަދި މަސައްކަތް ކުރުމުގެ ނިޒާމުތައް ހަމަޖެހި، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެތައް ތަޖުރިބާއެއް ކޮށްފައިވާތީއެވެ. މިހާތަނަށް ވެސް ކަންތައްތައް ގޮސްފައިވާ ގޮތަށް ބަލާއިރު އެ އެޖެންސީ މަސައްކަތް ކުރާ ގޮތާ ގާތަށް ވެސް އެހެން ޖަމާއަތަކަށް އިންސާނީ އެހީ ފޯރުކޮށްދެވިފައެއް ނުވެއެވެ.

މި ފަހަކަށް އައިސް އެމެރިކާ އާއި އިސްރާއީލުން ބުނީ އިތުރު އެހީތައް ޣައްޒާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އދ.އިން ބުނީ އެހީ ފޯރުވުމުގެ ދުވެލި ވަރަށް ލަސް ކަމަށާއި ޣައްޒާގައި ތާށިވެފައިވާ މީހުންނަށް މިހާރަށް ވުރެ އަވަސްކޮށް އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ރެފިއުޖީ އެޖެންސީއަށް އެހީވާ ފަރާތްތަކުން ވެސް ބުނަނީ އެ އެޖެންސީގެ މަސައްކަތްތަކަށް ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ. އަދި އެ އެޖެންސީގެ މަސައްކަތަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ކެތަރިންގެ ރިޕޯޓްގައި ވެސް މިކަން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ރެފިއުޖީ އެޖެންސީގެ މަސައްކަތަކީ "އެއާ ނުލައި ނޫޅެވޭނެ" މަސައްކަތެއް ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގަ އާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރެފިއުޖީ އެޖެންސީން މުހިންމު ރޯލެއް ކުޅޭ ކަމަށް ކެތަރިންގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ގޮތުން ސިއްހަތާއި ތައުލީމު ވެސް ޣައްޒާ، ހުޅަނގު އައްސޭރި، އުރުދުން، ލުބްނާން، އަދި ސޫރިޔާގައި ދިރިއުޅެމުން އަންނަ ހުރިހާ ފަލަސްތީނުގެ ރެފިއުޖީންނަށް ލިއްބައިދޭން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ހަމާސްގެ ހަމަލާގައި ޔަހޫދީންގެ އެއްހާހަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި އިސްރާއީލުން ތުހުމަތު ކުރަނީ 200 އަށްވުރެ ގިނަ ޔަހޫދީން ހަމާސްއިން ރަހީނުކުރި ކަމަށެވެ. މި ކަމުގެ ބަދަލުހިފުމެއް ކަމަށް ބުނެ އިސްރާއީލުން މިހާރު ޣައްޒާ ސުންނާފަތި ކުރަމުންދާއިރު ފަލަސްތީނުގެ އާއްމުންގެ 35،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

The post ފަލަސްތީނު ރެފިއުޖީންނަށް ޔޫރަޕުން އަލުން އެހީ ފޯރުކޮށްދޭން ފަށައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online