ހާއްސަ އިގުތިސާދީ ސަރަހައްދުގައި އަވިން ހަކަތަ އުފައްދަނީ

Thu, 25 Apr 2024 01:55 AM

View on this article on Adhives Online

ހާއްސަ އިގުތިސާދީ ސަރަހައްދުގައި އަވިން ހަކަތަ އުފައްދަނީ

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ނުވަތަ "ސްޕެޝަލް އިކޮނޮމިކް ޒޯން" (އެސް.އީ.ޒެޑް.)އަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި އަވިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއަކަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފިއެވެ.



މި މަޝްރޫއަކީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވަރ ކޯޕަރޭޝަނާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ކަމަށްވާ ސަންގްރޯ ޕަވަރ ސަޕްލައި ކޮމްޕެނީ ލިމިޓެޑު ގުޅިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުން ހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރާނެއެވެ. އަދި ލައި-އޮން ބެޓެރީ ނިޒާމަކާއި ހަކަތަ މެނޭޖް ކުރާ ނިޒާމަކާއި މައިގަނޑު ކަރަންޓްގެ ވިއުގައެއް ގާއިމު ކުރުމަށް އިންވެސްޓް ކުރާނެއެވެ.

މި "އިނީޝަލް ޕާމިޓް" ނުވަތަ "ފުރަތަމަ ހުއްދަ"އިގެ ދަށުން އުސޫލެއްގެ ގޮތުން ބީ.އޯ.އައި.އިން މި ކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ އިތުރު ދިރާސާތަކާއި ވަޒަންކުރުންތައް ކުރިއަށް ގެންދާނެއެވެ. އެއީ އެސް.އީ.އެޒް. ގާނޫނުގެ ދަށުންނެވެ. އަދި ޕްރޮޖެކްޓްގެ ވިޔަފާރީގެ ބައިތަކާއި ޕްރޮޕޯސަލްގެ ފުޅާމިން، ހުށަހެޅި ފަރާތާއެކު މަޝްވަރާ ކުރާނެއެވެ.

ސަރުކާރުން ދެކޭ ގޮތުގައި މިއީ ތެލާއި ގޭސް ފަދަ މާއްދާތަކަށް ބަރޯސާވުމުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭނެ މުހިންމު ވަސީލަތެކެވެ. މީގެ އިތުރުން މި މަޝްރޫއަކީ 2028 އާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ޑިމާންޑު މަދުވެގެން 33 ޕަސެންޓް އިއާދަކުރަނިވި ވަސީލަތްތަކަށް ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތެވެ. އަދި މި މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް ތާނގައި ތެލާއި ގޭސް ބޭނުން ނުކުރަން ފެށުމުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށާއި ދުރު ކުރިމަގެއްގައި ހަކަތައިގެ އަގު ވަކި މިންވަރެއްގައި ހިފަހައްޓައި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ވާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ކަރަންޓުގެ ޑިމާންޑު މަދުވެގެން 33 ޕަސެންޓް އިއާދަކުރަނިވި ވަސީލަތްތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބިނާ ކުރުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއް ވަނަ ދުވަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައި ބޭއްވި 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވެފައި ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ ހަތަރު ޕަސެންޓްގައި ކަމަށާއި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު މިކަމަށް ހޯދުން ކަމުގައެވެ. މި ކަން ހާސިލު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް"އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެ މަސައްކަތް ބިނާވާންޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމު ވާންޖެހޭ ކަމަށާއި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖައާ ކުރަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ "ލޮސް އެންޑް ޑެމޭޖް ފަންޑު" ބޭނުންކުރަން ފެށުމަށް ކޮޕް28ގައި ނިންމުމުން ރައީސް ވަނީ އެ ކަމަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

The post ހާއްސަ އިގުތިސާދީ ސަރަހައްދުގައި އަވިން ހަކަތަ އުފައްދަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online