ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

Wed, 24 Apr 2024 03:40 PM

View on this article on Adhives Online

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް ދީދީ، އަވަހާރަވުމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.



އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވައިފައެވެ.

އައްޝައިޚް މޫސާ ޖަމީލު ދީދީ އަވަހާރަވީ ޢުމުރުފުޅުން 90 އަހަރުފުޅުގައެވެ. އެމަނިކުފާނަކީ ދީނީ، ޝަރުޢީ ޚިދުމަތްތައް ކުރެއްވި ޤައުމީ ޚިދުމަތްތެރި، ޢިއްޒަތްތެރި ބޭފުޅެކެވެ. ދީންވެރި ޚުލްޤުމާތް ހެޔޮލަފާ ޞާލިޙު ބޭފުޅެކެވެ.

އައްޝައިޚް މޫސާ ޖަމީލު ދީދީ އަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ، އަލްއަމީރާ ޢާއިޝަތު ރަނި ކިލެގެފާނު (ކަކައިގޭ ގޮމާ)ގެ، ކަކައިގެ އަލްއަމީރު ޢަލީ ‎ރަންނަބަނޑޭރި ކިލެގެފާނު (ބޮޑުވަޒީރު)ގެ، ކަކައިގޭ އަލްއަމީޜު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު (ބޮޑުވަޒީރު)ގެ، ފާޠިމަތު ދީދީގެ ބޭފުޅެކެވެ.

ޝައިޚް މޫސާ ޖަމީލު ދީދީ އަކީ މިހާތަނަށް ތިއްބެވި ހުރަވީ ރަސްދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، ދޮންބަންޑާރައިންނަށް ފަސް ވަނަ ކާފާފުޅު ވިދާޅުވާ ހައެއްކަ ބޭފުޅުންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާއެވެ. ހުރަވީންގެ ނަޞަބުގެ މަތިވެރިކަން ބަލާ މިންގަނޑަކީ ދޮންބަންޑާރައިންނާއި ކައިރިކަމެވެ.

އެ މަނިކުފާނަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުން (ދިޔަމިގިލި ބަންޑާރައިން) 1704-1721 ގެ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން (އިބްރާހީމް ރަސްގެފާނު) 1721-1750ގެ، އަލްއަމީރާ ފާޠިމަތު ރަނިކިލެގެފާނުގެ, އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ ޙުސައިން ދީދީ (ވެލިދޫގެ ތުއްތުދީދީ) އުއްތަމަ ފަނޑިޔާރު މަނިކުފާނު)ގެ، ދޮންދީދީގެ، ފާޠިމަތު ދީދީގެ، އައްޝައިޚް މޫސާ ޖަމީލު ދީދީ! އަލްޤާޟީ ޙަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ، އަލްޚަޠީބު (ފުރަމާލެ ޚަޠީބު) އަޙްމަދު މުޙުޔިއްދީނުގެ، އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، އަލްޤާޟީ ޙުސައިން ދީދީ (ވެލިދޫގެ ތުއްތުދީދީ) އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ، ދޮންދީދީގެ، ފާޠިމަތު ދީދީގެ، އައްޝައިޚް މޫސާ ޖަމީލު ދީދީ އެވެ. ޝައިޚު މޫސާ ޖަމީލު ދީދީއަކީ، އުސްތާޛުލްޖީލު ޝައިޚް މުޙައްމަދު ޖަމީލު ދީދީގެ އެއްބައްޕާފުޅު ކޮއްކޯފުޅެވެ. އަދި ބައްޕާފުޅުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ބޮޑުބޭބޭފުޅަކީ ޢައްލާމާ ޙުސައިން ޞަލާޙުއްދީނެވެ. އެމަނިކުފާނުގެ މަންމާފުޅުގެ ފަރާތްޕުޅުން ޢައްލާމާ ޙުސައިން ޞަލާޙުއްދީނަކީ ދޮންކާފާފުޅެއްވެސްމެއެވެ.

  • ތާރީޚީ މައުލޫމާތު: މުހައްމަދު ޝާތިރުގެ ލިއުއްވުމަކުން

The post ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ first appeared on އަދިވެސް އޮންލައިން.



More from Adhives Online