މި ފަސް އަހަރު ވެގެންދާނީ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާ ފަދަ ފަސް އަހަރަށް: ރައީސް

Wed, 17 Apr 2024 09:02 AM

View on this article on Adhives Online

މި ފަސް އަހަރު ވެގެންދާނީ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާ ފަދަ ފަސް އަހަރަށް: ރައީސް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ވެގެން ދާނީ ކޮންމެ ރައްޔިތަކު ވެސް ފަހުރުވެރިވާ ފަދަ ފަސް އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިިލިސް އިންތިހާބުގެ ކެންޕެއިންގައި ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދުގެ (އިބުޓީ) ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވެރިކަމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާއެއް ކަމަށާއި އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކުރުމަށާއި ގާނޫނުން އެމަނިކުފާނުގެ މައްޗަށް ލާޒިމްކުރާ ޒިންމާތައް އަދާކުރުމަށް ކަމަށެވެ.

"އެ ޒިންމާތައް އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދާނަން… ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި،" ރައީސް ވިދާޅުވި އެވެ.

މިމަހު 21ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނުގެ ސަރުކާރަށް ފުރިހަމަ ތާއީދެއް ދޭނެ ކަމުގެ ޔަގީން އޮތް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ފަސް އަހަރު ވެގެންދާނީ ރައްޔިތުން ކޮންމެ ބޭފުޅަކު ވެސް ފަހުރުވެރިވާ ފަދަ ފަސް އަހަރަކަށްކަން އަޅުގަނޑު ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާތައް އަދާކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސްއަޅައި މި ގައުމުގައި ހަމަނުޖެހުން ގާއިމްކޮށް، މި ގައުމުގައި ކުރިން އޮތް ބަދަލުހިފުމުގެ ރޫހު އަލުން އިޔާދަކޮށް، އެކަމުގެ ތެރޭގައި ރައްޔިތުން ތާށިކޮށްގެން މުސްތަގުބަލް ބަނަކޮށްލުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެއީ މި ގައުމަށް ހައްގު މިންވަރު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަބަދަކު ދެ ތިން މީހަކު ބޭނުންވާހާ ގޮތަކަށް ނޫން އަޅުގަނޑުމެންގެ މުސްތަގުބަލް ދީލާލަން ޖެހޭނީއެއް،" ރައީސް ވިދާޅުވި އެވެ.

ދަރިންގެ މުސްތަގުބަލަކީ ހިޔާލީ ދުނިޔެއެއްގައި ދެކެދެކެ އޮންނަ ކަމަކަށް ހަދައިގެން ނުވާނެ ކަަމަށާއި ވިސްނުން ބަހައްޓަންޖެހޭނީ ހަގީގީ މާނައިގައި އެ ދަރިންނަށް އުފާވެރި މުސްތަގުބަލެއް ގެނެސްދޭން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ އެ އަޒުމުގައި ކަމަށާއި އެ ޔަގީންކަން މި ސަރުކާރަށް އެބައޮތް ކަަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

The post މި ފަސް އަހަރު ވެގެންދާނީ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާ ފަދަ ފަސް އަހަރަށް: ރައީސް first appeared on އަދިވެސް އޮންލައިން.



More from Adhives Online