ގައުމުގައި ހަމަޖެހުުންނެތި ހާސިލްވާނެ ތަރައްގީއެއް ނެތް: ރައީސް މުއިއްޒު

Wed, 17 Apr 2024 01:05 AM

View on this article on Adhives Online

ގައުމުގައި ހަމަޖެހުުންނެތި ހާސިލްވާނެ ތަރައްގީއެއް ނެތް: ރައީސް މުއިއްޒު

ކިތަންމެ ވަަރަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަވެސް ގައުމުގައި ހަމަޖެހުުންނެތި ހާސިލްވާނެ ތަރައްގީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިިލިސް އިންތިހާބުގެ ކެންޕެއިންގައި ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދުގެ (އިބުޓީ)ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ތަރައްގީ ގެންނަން ބޭނުންވާއިރު ސަރުކާރުން އެ ތަރައްގީ ގެނެސްދިނުމަށްޓަކައި ރެއާއިދުވާލު މަސައްކަތްކުރަމުން ދަނިކޮށް، އެކަމަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭނެ ސަބަބެއް އޮންނާނެ ކަމަށް އެއްވެސް މީހަކު ގަބޫލް ނުކުރާނެ ކަމަށެވެ.

 

މިދިޔަ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދިޔަހެން ދިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުން ޔަގީންކަމާ އެކު ތަރައްގީ ހާސިލްކުރުމަށްޓަކައި މި ފަސް އަހަރަށް ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދޭނެ ކަމަށް ޔަގީން ކުރައްވާ ރައީސް ކަމަށެވެ.

މި ގައުމުގައި ހަމަޖެހުން ގާއިމްކުރަން ވަރަށް ސީރިއަސްކަމާ އެކު އެންމެ އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑުމެން ބްރިޖާއި މަގާއި ގެދޮރުވެރިކަމާ މިހެން ގޮސް އެކި ކަހަލަ ކަންތައް ކުރިއަސް މިގައުމުގައި ހަމަޖެހުން ނެތިއެއް އަޅުގަނޑުމެންނަށް ހާސިލްވާނެ ތަރައްގީއެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެ ހަމަޖެހުން ގެނައުމަށް ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ރެއާއި ދުވާލު ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅައި ގައުމުގައި ހަމަޖެހުން އޮތަނުދޭން މަސައްކަތް ކުރާނެ ބަޔަކު މަޖިލީހަށް ވައްދާނަމަ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ ސިޔާސަތަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ކަންކުރި ގޮތަށް ސިޔާސީ މީހުން ހިފައި ހައްޔަރުކޮށް، ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭނެ ކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ. އެ މިސްރާބުން މިގައުމު ދާތީ އެކަމާ ހިތްހަމަނުޖެހިގެން ބަދަލުހިފުމުގެ ރޫހުގައި އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން، ކުރީގައި ދިޔަ މިސްރާބު ކަމުނުގޮސްގެން ދިވެހީންގެ އަތްމައްޗަށް ރާއްޖޭގެ މިސްރާބު ގޮސްފައި އޮއްވައި، އެކަން ކުރަން ފަށައިފައި އޮތް ސަރުކާރެއް، އަނެއްކާ ވެސް އެކި ކަހަަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި އަޒުލްކުރުމާއި މި ކަހަކަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެ ބޭފުޅުންނަށް ކެތްނުވެގެން، އިންތިހާބު ގާތްވާން ފެށީމަ ފާޅުގައި ސާފުކޮށް ވިދާޅުވާން ވެސް ފެށީނޫންތޯ،" ރައީސް ވިދާާޅުވި އެވެ.

އިދިކޮޅުން އަބަދު ވެސް މަޖިލީސް މެޖޯރިޓީ ބޭނުންވަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ކުރިން ބުނަމުން ގޮސްފައިވާ ކަމަށާއި ޖަވާބުދާރީވެސް ކުރުވަން ޖެހޭނެ ކަމަށެވެ. ނަމަވެސް "އިދިކޮޅުން ޖަވާބުދާރީގެ އެ ލަފްޒު ބޭނުން ކުރަނީ ސަރުކާރު ވައްޓާލަން" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ކުޑަތަންވެފައި ވާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ވޯޓުގައި އެންމެން އަވަސްވެގެންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ކަމަށް ވިދާޅުވި އެވެ. އަދި މި ގައުމުގެ ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތާއި އަމަން އަމާންކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަަކައި އެންމެން އެކުގައި ނުކުމެ ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ކަންކަން ހާސިލްވާން އޮތީ ސަރުކާރުގެ ކެނޑިޑޭޓުންނަށް މަޖިލީސް އިންތިހާބުގައި ވޯޓް ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާއި މި ސަރުކާރުން ބޭނުންވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ޔަގީންކޮށްދޭން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ނުވެފައި ހުރި މުހިންމު ބޮޑެތި ކަންތައްތައް ކަމުގައިވާ ގެދޮރުވެރިކަމުން ފެށިގެން ގޮސް އެންމެ ކުދި ކަންކަންކަމާ ހަމައަށް ތަރައްގީ ޔަގީންކޮށްދޭން ބޭނުންފުޅުވާ ކަމަށާއި މިދިޔަ ރިޔާސީ  އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އެ ތަރައްގީ ޔަގީންކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ އެންމެ ފުރަތަމަ ވެސް ގެދޮރުވެރިކަން. އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެންމެ މުހިންމީ ގެދޮރުވެރިކަން. އެހެންވީމަ އެންމެ ފުރަތަމަ ވައުދަކަށް ވެސް ގައުމީ މިނިވަންކަމާ ގުޅިފައިވާ ކަންކަމަށްފަހު އަޅުގަނޑުވީ ވައުދަކީ ގެދޮރުވެރިކަމުގެ މައްސަލަ،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމަށް ބޭނުންވެފައި ހުރި އެންމެ ރައްޔިތަކު ވެސް މި ފަސް އަހަރު ނިމޭއިރު ނުހުންނާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު އެ ވިސްނުމާ އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު މަޖިލީސް އިންތިހާބުގައި ހިޔާރުނުކޮށްފިއްޔާ މަޖިލީސް ތެރެއިން އެކަމަށް ހުރަސްއަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މާލޭގެ ރައްޔިތުން އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް މުހިންމުވެފައިވާ މި ގެދޮރުވެރިކަމުގެ މައްސަލަ ބާރު ސްޕީޑުގައި ގެންގޮސް އެންމެ ފުރިހަމައަށް ހައްލުކުރުމުގެ ވިސްނުން ބާއްވަންވީ،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމާ ބެހޭ މަޝްރޫއެއް ހިންގުމާ ބެހޭ ބިލެއް މަޖިލީހަށް ވެއްދުމުން އެ ބިލް ބޭރުކޮށްލައި ބިލްތައް އެޖެންޑާނުކޮށްދީ ސަރުކާރަށް ޖެއްސުންކޮށް ރައްޔިތުން ބިކަވާ ގޮތަށް ކަންތައްތައް ކުރާނެ ބަޔަކަށް އަލުން އެ ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު މަޖިލީހުުގެ ސުޕަމެޖޯރިޓީ އޮވެމެ މާލޭގެ ރައްޔިތުންނަށް މި މައްސަލަ ހައްލެއް ނުކޮށްދެވުނެއް ނޫންތޯ. ދައުރު ނިމެން ވަރަށް ގާތްވެފައި އޮއްވާ ނޫންތޯ މިކަމާ އުޅެން ފެށީ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން އެމްޑީޕީއަށް ސަރުކާރާއި މަޖިލީސް ދީގެން، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަަލަ އެމްޑީޕީއަށް ހައްލުކޮށް ދެވިފައިނުވާތީ އެމަނިކުފާނަށް މޭޔަރުކަން ހަވާލުކުރީ އެ މައްސަލަ ހައްލުކުރުމަށް ކަމަށާއި ނަމަވެސް އޭރު ވެސް އެމްޑީޕީން އެކަމަށް އެއްބާރުލުން ދީފައިިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެކަން ބަދަލުކުރުމަށް ރައްޔިތުން ނިންމައި ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑަށް ސަރުކާރު ހިންގަންދީފައި އެއަށް ހުރަސްއަޅަން މަޖިލީސް ހިންގަން އެ ބޭފުޅުންނަށް (އިދިކޮޅަށް) ދިނީމަ ދެކޮޅެއް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެެން ކަމަށާއި ތަރައްގީގެ ނަތީޖާ ނެރެ މާލޭގެ ރައްޔިތުންނަށް ދައްކާދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެފަޅު އެކަނި ހިއްކައިގެން ނުފުދޭނެ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކޮށްދިނުމުގެ މަގުސަދުގައި އެންމެ ކައިރީގައި ހިއްކެން އޮތް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ ކުރީގެ ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތަށް އެ ކަންތައް ނުކުރައްވަން ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ގޯތިތައް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ މިހާ މުހިންމު ކަމެއްގައި އެހާ ފަރުވާކުޑަކޮށް ކަންތައްތައް ކުރި ބަޔަކަށް އަނެއްކާ ފަސް އަހަރު ދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސަރުކާރަށް އެކަން ހައްލުކުުރަން ހަވާލުކޮށްފައި އެކަމަށް އެންމެ ބޮޑު އެހީތެރިކަން ދޭންޖެހޭ މަޖިލީސް އެމަނިފާނާ އިދިކޮޅަށް މަސައްކަތް ކުރާ ގޮތަށް މާލޭގެ ރައްޔިތުން ނުނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ އެތައް މަޝްރޫތަކެއްގެ ތަފާސްހިސާބު ރައީސް މީގެ ކުރިން ވަނީ ދެއްވާފައިވެ އެވެ. އަދި އެ މަސައްކަތްތަކުގެ އިތުރުން މި ސަރުކާރުން އަލަށް ފަށައިފައިވާ އެތައް މަޝްރޫއެއްގެ ތަފާސްހިސާބުވެސް ވަނީ ދެއްވައިފައެވެ. އޭގެތެރޭގައި ބިން ހިއްކުމާއި ނަރުދަމާ އެޅުމާއި ބަނދަރު ހެދުމާއި އެއާޕޯޓް އެޅުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވޯޓް ދޭންވީ ތަރައްގީއަށް ކަމަށާއި މި ސަރުކާރުން އެންމެ ވަގުތުކޮޅެއް ވެސް ތަރައްގީ ޔަގީންކޮށްދިނުމަށް ނޫނީ މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

The post ގައުމުގައި ހަމަޖެހުުންނެތި ހާސިލްވާނެ ތަރައްގީއެއް ނެތް: ރައީސް މުއިއްޒު first appeared on އަދިވެސް އޮންލައިން.



More from Adhives Online