ވިއްސާރައިގެ ސަބަބުން މުސްލިމް ތިން ގައުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

Tue, 16 Apr 2024 11:18 PM

View on this article on Adhives Online

ވިއްސާރައިގެ ސަބަބުން މުސްލިމް ތިން ގައުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

ހޮނު އަޅައިގެންނާއި ބޯކޮށް ވިއްސާރަ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން މިއަދު ދެކުނު އޭޝިޔާގެ ދެ އިސްލާމީ ގައުމު ކަމަށްވާ ޕާކިސްތާނާއި އަފްޣާނިސްތާނުގައި އެތައް ބަޔަކު މަރުވިއިރު، ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މެދުއިރުމަތީގެ މުސްލިމް ގައުމެއް ކަމަށްވާ އޮމާންގައި ވެސް އެތައް ބަޔަކު މަރުވެއްޖެއެވެ.



ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ އެ ގައުމުގައި 50 ވަރަކަށް މީހުން މަރުވެފައިވާ ކަމަށެވެ. އަފްޣާނިސްތާނުން ވެސް ބުނީ އެ ގައުމުގައި 50 ވަރަކަށް މީހުން މަރުވެފައިވާ ކަމަށެވެ. އޮމާންގެ އޮފިޝަލުން ވިދާޅުވީ އެ ގައުމުގައި މަދުވެގެން 18 މީހުން މަރުވި ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ މޫސުން އަދިވެސް ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހެންވެ ކުއްލި އެހީދޭ ފަރާތްތައް ތައްޔާރަށް ތިބުމަށް އަންގާފައިވާ ކަމަށެވެ.

ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ހަފުތާގައި ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހެންވެ ގައުމުގެ ހުޅަނގުދެކުނު ސަރަހައްދުގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައިވާ ކަމަށެވެ.

ޕާކިސްތާނުގައި 2022 ވަނަ އަހަރު ފެންބޮޑުވުމުގެ ސަބަބުން ވަނީ މަދުވެގެން 1،739 މީހުން މަރުވެފައެވެ. އަދި އޭގެ ނުރަނގަޅު ނަތީޖާ 33 މިލިއަން މީހުންނަށް ކުރިމަތިވެފައެވެ. ސަބަބަކީ ފެންބޮޑުވުމުގެ ސަބަބުން ގައުމުގެ ތިންބައިކުޅައެއްބައި "ފެނުގެ އަޑިއަށް" ދިއުމުންނެވެ.

އަފްޣާނިސްތާނުން މިއަދު ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 36 މީހުން ޒަހަމް ވެސް ވެފައިވާ ކަމަށާއި 200 އެއްހާ ނާމުސޫފި މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން 600 އަށްވުރެ ގިނަ ގެދޮރު ހަލާކު ވެފައިވާއިރު އެތައް ދަނޑުވެރި ބިންތަކާއި 53 މޭލުގެ މަގު ހަލާކު ވެފައިވާ ކަމަށް ވެސް އަފްޣާނިސްތާނު އޮފިޝަލުން ވިދާޅުވިއެވެ.

އަފްޣާނިސްތާނުން ވަނީ 23،000 އާއިލާ އަށް އެހީ ފޯރުކޮށްދީފައެވެ. އެ ގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން 20 ޕްރޮވިންސްގައި ވަނީ ފެންބޮޑު ވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަފްޣާނިސްތާނަށް އައި ބިންހެލުމެއްގައި ވަނީ މަދުވެގެން 1،500 މީހުން މަރުވެފައެވެ.

އޮމާނުން މިއަދު ބުނީ ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން ދެ މީހަކު ގެއްލިގެން އަދިވެސް ހޯދަމުން އަންނަ ކަމަށެވެ.

އޮމާންގެ އޮފިޝަލުން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި މަދުވެގެން ނުވަ ދަރިވަރުން ހިމެނޭ ކަމަށާއި އެ ކުދިން ދަތުރު ކުރި އުޅަނދުގެ ޑްރައިވަރު ވެސް ހިމެނޭ ކަމަށެވެ.

އޮމާންގެ އިތުރުން މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރައިން އާއި ގަތަރާއި އަދި ސައޫދީ އަރަބިއްޔާ އަށް ވެސް ވަނީ ވާރޭގެ އަސަރު ކޮށްފައެވެ. އެ ގޮތުން ބައެއް މަގުތަކުގައި ފެން ބޮޑުވެ، ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

The post ވިއްސާރައިގެ ސަބަބުން މުސްލިމް ތިން ގައުމެއްގައި އެތައް ބަޔަކު މަރުވެއްޖެ first appeared on އަދިވެސް އޮންލައިން.



More from Adhives Online