އޮސްޓްރޭލިޔާގައި ވަޅިން ހަމަލާ ދިނީ އަންހެނުންތަކެއް މަރަން

Mon, 15 Apr 2024 05:26 PM

View on this article on Adhives Online

އޮސްޓްރޭލިޔާގައި ވަޅިން ހަމަލާ ދިނީ އަންހެނުންތަކެއް މަރަން

އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ވެރިރަށް ސިޑްނީގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާ ދީ ހަ މީހުން މަރާލުމުގައި، ހަމަލާ ދިން މީހާ އަމާޒު ކުރީ އަންހެނުންނަށް ކަމަށް އޮސްޓްރޭލިޔާގެ ފުލުހުން ބުނެފިއެވެ.



ޕޮލިސް ކޮމިޝަނަރު ކަރެން ވެބް މިއަދު ވިދާޅުވީ ހެކީގެ ގޮތުގައި ލިބުނު ވީޑިއޯތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަ ކުރެވުނީ ހަމަލާ ދިން މީހާ ކަމަށްވާ ޖޯލް ކައުކީގެ އަމާޒަކީ އަންހެނުންތަކެއް މެރުން ކަމަށެވެ.

ޖޯލްގެ ހަމަލާގައި ވަނީ ފަސް އަންހެނުންނާއި އެއް ފިރިހެނަކު މަރައިލައިފައެވެ. މަޝްހޫރު ބޮންޑައި ބީޗް ސަރަހައްދުގައި ހުރި މީހުން ތޮއްޖެހިފައިވާ މި މޯލްގައި އުމުރުން 40 އަހަރުގެ ޖޯލްގެ ވަޅީގެ ހަމަލާގައި ވަނީ ޗައިނާގެ ރައްޔިތެއް ވެސް މަރާލައިފައެވެ.

ޖޯލްގެ ހަމަލާގައި މަރުވި ހަމައެކަނި ފިރިހެނަކީ އުމުރުން 30 އަހަރުގެ ޕާކިސްތާނު ސެކިއުރިޓީ ގާޑެކެވެ. އޭނާ މަރާލީ ޖޯލްގެ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

ހޮނިހިރު ދުވަހު ޖޯލް ދިން ވަޅީގެ ހަމަލާތައް ހުއްޓުނީ ފުލުހުންގެ އިންސްޕެކްޓަރު އޭމީ ސްކޮޓް ޖޯލްގެ ގަޔަށް ބަޑި ޖަހާ ޖޯލް މަރާލުމުންނެވެ.

ޖޯލް މަރާލި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 55 އަހަރުގެ ޑިޒައިނަރަކާއި، 47 އަހަރުގެ އާރްކާޓީއަކާއި ރާޅާއަޅާ މީހުން ސަލާމަތްކޮށްދޭ ލައިފްގާޑަކާއި ވިޔަފާރިވެރިއެއްގެ އުމުރުން 25 އަހަރުގެ އަންހެން ދަރިފުޅަކާއި އަލަށް ވިހައިގެން އުޅޭ އުމުރުން 38 އަހަރު އަންހެނެކެވެ. މަރާލި ޗައިނާގެ އަންހެނަކީ އުމުރުން 27 އަހަރުގެ ކިޔަވަން ދާ މީހެކެވެ.

ޖޯލްގެ ހަމަލާތަކުގައި ޒަހަމް ވި ގިނަ މީހުންނަކީ ވެސް އަންހެނުންނެވެ.

"އަހަރެންނަށާއި ތަހުގީގު ކުރާ މީހުންނަށް ފާހަގަ ކުރެވުނީ ޖޯލްގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އަންހެނުންނަށް ކަމަށް. ފިރިހެނުންނަކަށް ނޫން،" އޮސްޓްރޭލިޔާގެ ދައުލަތުގެ މީޑިއާ އޮސްޓްރޭލިޔާ ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭ.ބީ.ސީ.) އަށް ދެއްވި އިންޓަވިޔުއެއްގައި ކަރެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުން މިހާރު އަންނަނީ ޖޯލްގެ ގާތް މީހުންނާ ވާހަކަ ދައްކަމުން ކަމަށެވެ. ބޭނުމަކީ ޖޯލްގެ ވިސްނުން ހުރި ގޮތް ދެނެގަތުމެވެ.

އޮސްޓްރޭލިޔާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒެ ވިދާޅުވީ ވަކި ޖިންސަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ ވެސްޓްފީލްޑް ބޮންޑައި ޖަންކްޝަން ބާޒާރުގައި، ސޯޓަކާއި އޮސްޓްރޭލިޔާގެ ގައުމީ ރަނގަބީ ލީގުގެ ޖާޒީއެއް ލައިގެން ހުރި ޖޯލް ވަޅިއެއް ހިފައިގެން އަންހެނަކާ ޖެހި އަންހެނަކަށް ހަމަލާ ދެމުންދާ މަންޒަރެވެ.

އޮސްޓްރޭލިޔާގެ ގައުމީ ދިދަ މިހާރު ވަނީ މައި ސަރަހައްދުތަކުގައި ބައިދަނޑިއަށް ތިރިކޮށްފައެވެ. އޭގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހާއި ސިޑްނީ ބަނދަރުގެ ބްރިޖްގައި ހުރި ދިދަތައް ވެސް ހިމެނެއެވެ.

The post އޮސްޓްރޭލިޔާގައި ވަޅިން ހަމަލާ ދިނީ އަންހެނުންތަކެއް މަރަން first appeared on އަދިވެސް އޮންލައިން.



More from Adhives Online