"ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ދިނުމަށް ސޮއިކޮށްފި

Fri, 29 Mar 2024 01:40 AM

View on this article on Adhives Online

"ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ދިނުމަށް ސޮއިކޮށްފި

ރާއްޖޭގައި އަލަށް ފަށާ "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ތިން ކުންފުންޏަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފަހުމުނާމާގައި ސޮއިކޮށްފިއެވެ.



ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލް އިން ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއި ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) އާއެކުއެވެ.

މިގޮތުން ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީ-ޓު-އެއަރ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. މި ފަހުމުނާމާގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އަލީ ތޯރިގެވެ.

ކެރިއަރ ޕާޓްނަރަކަށްވުމުގެ އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

އެމް.އޭ.ސީއެލްއާއެކު ފަހުމުނާމާ ހެދީ "ސީ-ޓު-އެއަރ" ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ. މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދެވެ.

މި ތިން ފަހުމުނާމާގައި ވެސް އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.

"އެމް.ޕީ.އެލްގެ އާމްދަނީ އިތުރުވެ، ޚިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ކުރިއެރުން ލިބޭ ޚިދުމަތެއް،" ވަޖީހް ވިދާޅުވިއެވެ. "ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމް.ޕީ.އެލް އަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް."

ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމް.ޕީ.އެލާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓަރ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތަށް ރާއްޖެ ބޭނުންކުރަން،" ބިލާލް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ހިދުމަތުގެ ހަބަކަށް ހެދުން."

"ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް މި މަހުގެ 15 ވަނަ ދުވަހު ފަށާފައިވާކަން އެމް.ޕީ.އެލް އިން ވަނީ އިއުލާންކޮށްފައެވެ.

"ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ. މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި އެމް.އޭ.ސީ.އެލް އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ބުނެފައިވެއެވެ.

"މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ."

The post "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ދިނުމަށް ސޮއިކޮށްފި first appeared on އަދިވެސް އޮންލައިން.



More from Adhives Online