ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- ގެއްލިގެން ދިޔަ އަސްރު

Sat, 27 May 2023 12:01 AM

View on this article on Adhives Online

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- ގެއްލިގެން ދިޔަ އަސްރު

ތެދެކެވެ. އިންސާނާ ދުނިޔެއަށް އަންނަނީ އެކަންޏެވެ. އަދި އޭނާ ދުނިޔެ ދޫކޮށްދަނީ ވެސް ހަމަ އެކަންޏެވެ. އިންސާނާގެ ކަންތައް މިހެން އޮތަސް، އޭނާ ސިފަކުރެވެނީ 'އެކަނިވެރި ކާއިނެއް’ގެ ގޮތަށް ވުރެ ބޮޑަށް 'އިޖުތިމާއީ ކާއިނެއް’ގެ ގޮތުގައެވެ. އާދެ، އޭނާއަކީ އެހެން މީހުންގެ ސުހުބަތަށް އެދި، އަދި އެހެން މީހުންނާ އެކުގައި އުޅެން ބޭނުންވާ މީހެއްގެ ގޮތުގައެވެ. އެހެންވެ، ދޭދޭ ގުޅުމަކީ އިންސާނާއަށް ވަރަށް މުހިއްމު ގުޅުމެކެވެ. ތިމާގެ ކަމުގެ ގުޅުމެވެ. ރަހުމަތްތެރިކަމުގެ ގުޅުމެވެ. ލޯބީގެ ގުޅުމެވެ. މިފަދަ ގުޅުންތަކަކީ އިންސާނާއަށް ހިތްހަމަޖެހުމާއި ނުހަނު އުފާވެރިކަން މެދުވެރި ކުރުވާ ކަމެކެވެ. މިފަދަ ގުޅުންތައް ކެނޑި އޭނާ އެކަނިވެރިވާން ދިމާވާ ވަގުތުތަކަކީ ހިތާމައާއި ހިތްދަތިކަން، އޭނާ އިހުސާސުކުރަން ޖެހޭ ވަގުތުތަކެކެވެ. ވޭނާއި ކެކުޅުން، ބަރުދާސްތު ކުރަން އެނާ ޖެހޭ ވަގުތުތަކެކެވެ.

ތިރީގައި ހުށަހަޅާލެވިފައިވާ ލަވައިގައި ފާޅު ކުރެވިފައިވަނީ މިފަދަ ގުޅުމެއް ކެނޑިގެންދިޔަ ވަގުތެއްގައި، މީހެއްގެ ހިތުގައި އުފެދުނު ޝުއޫރުތަކެއްގެ ވާހަކަ ކޮޅެކެވެ. އާދެ، 'ހަމް ތެ ޖިންކޭ ސަހާރޭ ވޯ ހުވެ ނާ ހަމާރޭ' (އަހަރެން އެމީހެއްގެ މައްޗަށް ބަރޯސާވި މީހާ، އަހަރެންގެ މީހަކަށް ނުވިއެވެ. މި ލަވައިގައި ހިމެނޭ އެފަދަ އިހުސާސުތަކެއްގެ ވާހަކައެވެ.

މި ލަވައަކީ 1970ގައި ނިކުތް 'ސަފަރު' (ދަތުރު) މި ފިލްމުގެ ލަވައެކެވެ. މި ލަވައިގައި ރާވީ (ލަވަ ކިޔައިދޭ މީހާ، ނެރޭޓަރ) ބަޔާންކޮށްދެނީ އޭނާގެ އަތުން ބީވެގެން ދިޔަ ލޯތްބެއްގެ ވާހަކައެވެ. އެ ލޯބީގެ މައްޗަށް އޭނާ އިތުބާރުކޮށް ބަރޯސާވިއެވެ. އެ ލޯބި އޭނާއަށް ލިބޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އެ ލޯބި ހަގީގަތަކަށް ހެދުމަށްޓަކައި އެތައް ވައުދުތަކާއި އަހުދުތައް އެ ލޯބީގައި ޝާމިލުވާ ދެފަރާތުން ކުރެވިފައިވާތީއެވެ. އެހެންވެ، އެ ލޯތްބައިގެން ކުރިއަށް ދެވުނީ އެތައް އެތައް ފޮނި އުއްމީދުތަކަކާއި އެކުގައެވެ. އެ ލޯބި އެއީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހަދާލުމުގެ އުއްމީދެވެ. އެ ލޯބި އެއީ އޭނާގެ ހަޔާތުގެ މަދަދުގާރު ކަމުގައި ވާނެ ކަމުގެ އުއްމީދެވެ. އެލޯތްބަކީ އޭނާގެ އުފާތައް ހިއްސާކުރާ އަދި އޭނާގެ ހިތާމަތަކަށް ލުއިކަން ގެނެސްދޭނޭ ފަރާތަށް ވާނޭ ކަމުގެ އުއްމީދެވެ. އެ ލޯބީގެ ސުހުބަތުގައި މުޅި ހަޔާތް ހޭދަކޮށްލުމުގެ އުއްމީދެވެ. މި އުއްމީދުތަކާ ހަމައަށް ވާސިލުވާން ދަތުރު ކުރި ހަޔާތުގެ ނައު ވަރަށް ހަލުވިކަމާއެކު ދަތުރުކޮށް ހަގީގަތުގެ އައްސޭރިއަށް ވާސިލުވާން ދާދި ކައިރިވެފައިވަނިކޮށް، އެ ނައު ފެތި އުއްމީދުތައް ގެނބި، ގެއްލިގެން ދިޔައީއެވެ. އާދެ، އޭނާގެ ލޯބި ހަގީގަތަކަށް ނުވެ، ބޭކާރުވެ ދިޔައީއެވެ. އެ ލޯބި ހަގީގަތަކަށް ހެދުމަށް ކުރެވުނު ވައުދުތަކުގެ ބިނާ އެޅުނީ ވެލީގެ ފާރުތަކަކުންނެވެ. އެހެންވެ، އެ ބިނާ ވައްޓާލައި ގިރާލަން މާ އުނދަގޫ ކަމަކަށް ނުވީއެވެ.

ކޮންމެއަކަސް، ރާވީ ބަޔާންކުރާ ގޮތުގައި، އޭނާގެ ހަޔާތަށް ކޮންމެވެސް ދުވަހަކުން ހަމަޖެހުން އަތުވެދާނެއެވެ. ގެއްލުނު ލޯބީގެ ސަބަބުން ހިތުގައި އުފެދުނު ފުން ޒަޚަމްތަކާއި ފާރުތައް ފަސޭހަވެދާނެއެވެ. ނަމަވެސް، އަލަތު ލޯތްބަކީ އެހާ ފަސޭހައިން ހަނދާނުން ފޮހެލެވޭނޭ އެއްޗެއް ނޫނެވެ. ރޭދުވާ ތަކުރާރުވެ، ޒަމާން ދައުރުވަމުން ދިޔަޔަސް، ފަސްއަޅައި އެ ހަނދާންތައް ވަޅުލެވޭ ގޮތެއް ނުވެއެވެ. އަބަދުމެ އަބަދު، އެ ހަނދާންތައް އާވެ އާވެ، ހުރެއެވެ. އެ ލޯބީގެ ހަނދާންތައް، ފޫނުބެއްދޭ އެކަނިވެރިކަމެއްގެ އިހުސާސުތަކެއް ގެނުވަ، ގެނުވާ، ހުރެއެވެ. އަދި، އެ އިހުސާސުތައް އަބަދުމެ އަބަދުމެ ހިތުގައި ކަށި ޖަހާލަ ޖަލާލަ ހުރެއެވެ. ނަމަވެސް، ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ގެއްލި ދިޔަ ލޯބި އަނބުރައެއް ނުލިބޭނެއެވެ. ގެއްލި ދިޔަ އެ ރަން އަސްރު، އެ ހިތްގައިމު ޒަމާން، އަލަކުން ނުގެނެވޭއެވެ. ދެން އޮތީ، ނަސީބާއި އެކަން ހަވާލުކޮށްލައި ހިތްހަމަ ޖައްސާލައިގެން ހުރުމެވެ. ދުނިޔެއިން ލޯތްބާއި ވަފާތެރިކަން އެއްބަޔަކަށް ލިބުނަސް، އަނެއްބަޔަކު ވަނީ މިކަމުން މަހުރޭމުވެފައޭ ބުނެލަމުންނެވެ. އާދެ، ޅެން ވެރިޔާ ވިދާޅުވެފާވާ ފަދައިންނެވެ.

ރަބީއެއް ނުމެ ދެކޭ ގަސްވެސް ފަޅާ ހެދެޔޭ މިދުނިޔޭގައި

އަބީރުގެ ފޮނިކަމެއް ދުވަހަކު ލިބުން ނުމެވާ ނަސީބެއްގައި

އެއީ ދުނިޔޭގެ ގާނޫނޭ ރަބީއާ އަދި ޚަރީފު އައުން

މިއީ ވިއަކަސް ތަބީއަތަކަށް ހިނގާ އާލަމް ހަގީގަތުގައި

ބައެއް ގުލްޝަން ވެފައި ހީނަރު އަލުން ތާޒާވަމުންދާ އިރު

ބައެއް ގަސް ހިކި ފަނާވެ ދިޔުން ޚަރީފުން ވޭ ތަބީއަތުގައި

ބައެއް މާ އޭގެ ފޮނި ލައްޒަތު ދެމުން ދާއިރު އެތައް ހިތަކަށް

ބައެއް މާ ފަނާވެ ދެޔޭ ނުފެނި ތިބެ ހޫނު ސަހަރާގައި”

އާދެ، ތިމާ އެދޭ ލޯބި ބައެއް ފަހަރު ނުލިބި ދިޔުން އެއީވެސް ބައެއް ފަހަރު ތަގުދީރު މެދުވެރިކުރާ ކަމެކެވެ. އޭގައިވެސް ކޮންމެވެސް ހިކުމަތެއް ވާނެއެވެ. ދެން، އެއީ ކޮބައިކަމާ މެދު ފިކުރުކޮށް، އެކަމަށް ކެތްކޮށްލައިގެން ހުރުން ނޫން ގޮތެއް ދެނެއް ނެތެވެ.

ދެން، އިތުރު ވާހަކަ ނުދައްކައި 'ހަމް ތެ ޖިންކޭ ސަހާރޭ ވޯ ހުވެ ނާ ހަމާރޭ’، މިލަވަ، ހުށަހަޅާލަމެވެ.

ވީޑިއޯ ބައްލަވައިލެއްވުމަށް

 

The post ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- ގެއްލިގެން ދިޔަ އަސްރު first appeared on އަދިވެސް އޮންލައިން.More from Adhives Online