އެމް.ޑަބްލިޔު.އެސް.ސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައި: ފައިސަލް

Fri, 26 May 2023 06:31 PM

View on this article on Adhives Online

އެމް.ޑަބްލިޔު.އެސް.ސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައި: ފައިސަލް

ފާއިތުވި 28 އަހަރުގެ ތެރޭގައި، އެމް.ޑަބްލިޔު.އެސް.ސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައި ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ރޭ ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމް.ޑަބްލިޔު.އެސް.ސީން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުޙިއްމު އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެ ކުންފުނިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުޙިއްމު ވަޢުދެއްކަން ފާހަގަކުރައްވައި، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށް ޚިދުމަތް ދިނުމުގައި އެމް.ޑަބުލިޔު.އެސް.ސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ތަޢުރީފް ކުރެއްވިއެވެ. އަދި ކުންފުނިން މުވައްޒަފުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެއްވަމުންގެންދަވާތީ އެކަންވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށްދޭ ޔަޤީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދެވުން ކަމަށެވެ.

މި ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދެއްވާފައެވެ. މީގެ އިތުރުން އެކުންފުނިންދޭ ޔުނީކް ޕަރފޯމަންސް އެވޯޑާއި، ޗެއަރމަންސް އެވޯޑް ފޮރ އެކްސެލެންސް ޙާޞިލް ކުރެއްވި މުވައްޒަފުންނަށް އެ އެވޯޑްތައް ޙަވާލުކޮށްދެއްވީ، ނައިބު ރައީސެވެ. އަދި މިހަފްލާގައި އެމް.ޑަބުލިޔު.އެސް.ސީގެ ފަރާތުން ވަނީ ނައިބު ރައީސަށް ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު 1،247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫޢެއް ހިންގުމާއި އެކުންފުނިން ޙަވާލުވެފައި ވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

 

The post އެމް.ޑަބްލިޔު.އެސް.ސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައި: ފައިސަލް first appeared on އަދިވެސް އޮންލައިން.More from Adhives Online