ވަގު ޕާސްޕޯޓުގައި އެތެރެވާން އުޅުނު 51 ބިދޭސީއަކު ހުއްޓުވައިފި

Tue, 22 Oct 2024 08:45 PM

View on this article on adduLive

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރު އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ ފޯޖްކޮށްފައިވާ ޕާސްޕޯޓާއި، ވަގު ޓްރެވެލް ޑޮކިއުމަންޓާއި، ސްޓޭމްޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އެތެރެވާން މަސައްކަތް ކުރާ ކަމަށެވެ.

"އެފަދަ 51 ބިދޭސީއަކު ވަނީ ބޯޑާއިން ހިފެހެއްޓިފައި، އަނބުރާ ފޮނުވާލެވިފައި،" ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ރާއްޖޭން ޑީޕޯޓްކުރުން ކަމަށާއި އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 4،360 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭން ފުރުވާލެވުނު މީހުންގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅެނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަން ގެނެސް ފުރުވާލި މީހުންނާއި އަމިއްލަ އަށް ފުރައިގެން ދިޔަ މީހުންގެ އިތުރުން ވަކި މުއްދަތެއްގެ ތެރޭގައި ފުރަން އަންގައިގެން ފުރައިގެން ދިޔަ މީހުންވެސް ހިމެނޭ،" ޝައްމާން ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

The post ވަގު ޕާސްޕޯޓުގައި އެތެރެވާން އުޅުނު 51 ބިދޭސީއަކު ހުއްޓުވައިފި appeared first on adduLIVE.



More from adduLive