މާލީ ލަފާ ހޯދުމުގެ އެއްބަސްވުން އުވާލުމަކީ ބުއްދިވެރި ފިޔަވަޅެއް

Tue, 22 Oct 2024 08:13 PM

View on this article on adduLive

މާލީ ލަފާ ހޯދުމުގެ އެއްބަސްވުން އުވާލުމަކީ ބުއްދިވެރި ފިޔަވަޅެއް

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް އެމެރިކާގެ ސެންޓަވިއުއާ އެކު ހެދި އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.



ނަޝީދު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ހަރަދުގައި ކަނޑައެޅި ދަރަންޏާއި ބެހޭ އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.

"މިފަދަ އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާ އަށް ނާޖާއިޒު ފައިދާ،" ނަޝީދު ވިދާޅުވި އެވެ.

މި އެއްބަސްވުން ސަރުކާރުން އުވާލީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އެމެރިކާއާ އަންނަނީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރާއި އިކޮނޮމިމް މިނިސްޓަރު ވެސް އެމެރިކާ އަށް ދަތުރުތަކެއް ކުރައްވާފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރައީސް އދ. އަށް ކުރެއްވި ދަތުރުގައި ވެސް އެމެރިކާގެ ބައެއް ކުންފުނިތަކާ ބައްދަލު ކުރައްވާފައިވެ އެވެ.

ރާއްޖޭގެ ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ޖީޑީޕީގެ 116 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ ޗައިނާ އާއި އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކެވެ.

The post މާލީ ލަފާ ހޯދުމުގެ އެއްބަސްވުން އުވާލުމަކީ ބުއްދިވެރި ފިޔަވަޅެއް appeared first on adduLIVE.



More from adduLive