ސަލާން ޖަހާ މީހުން ރިމާންޑް ސެންޓަރަށް ގެންދަނީ

Tue, 22 Oct 2024 05:16 PM

View on this article on adduLive

ސަލާން ޖަހާ މީހުން ރިމާންޑް ސެންޓަރަށް ގެންދަނީ

މާލޭ މަގުމަތީގައި ސަލާން ޖަހައި، ވަންނާނެ ތަނެއް ނެތި މަގުމަތީގައި އުޅޭ މީުން ރިމާންޑް ސެންޓަރުތަކަށް ގެންގޮސްގެން ފަރުވާ ދިނުމުގެ މަސައްކަތް ފަށައިފި އެވެ.



މި މަސައްކަތް ފެށީ މިއަދު ހަވީރު އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވަންނާނެ ތަނެއް ނެތި މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މަގުމަތިން ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން ނެގުމަށް ފަހު ފަރުވާ ދިނުމަށް ރިމާންޑް ސެންޓަރުތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު ހަވީރުން ފެށިގެން އަޅުގަނޑުމެން ވަކިން ހާއްސަކޮށް މާލޭގެ ބާޒާރުމަތީ ސަރަަހައްދުތަކަށް ޓާގެޓްކޮށްގެން މިގޮތަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވޭ މީހުން ނަގަމުން ގެންދާނަން،" އޭނަ ވިދާޅުވި އެވެ. "ނަގާ ރިމާންޑް ސެންޓަރުތަކުގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނަން."

މިނިސްޓަރި ވިދާޅުވީ "ހާލުހައި ޖެހި" މަގުމަތީގައި މީހުން އުޅޭ ސަބަބުތައް ދެނެގަނެ، އެކަމަށް ހައްލު ގެނައުމަށް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

މާލޭގެ މަގުމަތީގައި ސަލާން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް މާރުކޭޓް ސަރަހައްދަކީ ސަލާން ޖަހާ މީހުންގެ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ސަލާން ޖަހާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް މަސްތުގެ ވަބާގައި ޖެހިފައިވާ މީހުން ވެސް އުޅޭކަން ފާހަގަކުރެވެ އެވެ.

The post ސަލާން ޖަހާ މީހުން ރިމާންޑް ސެންޓަރަށް ގެންދަނީ appeared first on adduLIVE.



More from adduLive