ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ އިސްލާހު މަޖިލީހަށް ބަލައިގެންފި

Tue, 22 Oct 2024 12:18 PM

View on this article on adduLive

ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ އިސްލާހު މަޖިލީހަށް ބަލައިގެންފި

ރާއްޖޭގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓް މަނާކުރާ ތާރީހާ ޖެހެންދެން އަދި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.



ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު ބިލު ބަލައިގަތުމަށްވެސް ވޯޓަށް އަހާފައިވެ އެވެ. އެގޮތުން މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 65 މެންބަރުން އަދި ބިލު ބަލައިގަތުމާ ދެކޮޅަށް 3 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. މި ބިލު ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ.

އެ ބިލުގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. ބޮޑު ކުރަން ހުށަހަޅާފަ އެވެ.

އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް ބޮޑުކުރަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

މި ބަދަލުތަކާއެކު މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.

The post ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ އިސްލާހު މަޖިލީހަށް ބަލައިގެންފި appeared first on adduLIVE.



More from adduLive