ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދަނީ

Mon, 01 Jul 2024 02:16 PM

View on this article on adduLive

ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.



މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ، އެމްއެމްއޭގެ ގަވަރުނަރު މަގާމުގެ ޒިންމާތައް އަދާނުކުރައްވާކަމަށް ތުހުމަތު ކުރައްވާ މަގާމުން ވަކިކުރަށް މައްސަލަ ހުށަހަޅާފައެވެ.

ގަވަރުނަރު ވަކިކުރުމަށް ގޮވާލާ ނާޒިމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލާ، އެކަމަށް ބޭނުންވާ ޤާނޫނުތައް ތައާރަފްކޮށް އާ ސިޔާސަތުތައް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގައުމުގެ އިގްތިސާދު ހީނަރުވެ އިޔާދަކުރަން ދަތިވާ ހިސާބަށް އިގްތިސާދުގެ ހާލަތު ދިޔައިރު އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވިފައި ނެތްކަމަށެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށެވެ. އެހެންކަމުން ގަވަރުނަރު ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދިނުމަށް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް މާލިއްޔަތު ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ. އަދި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ގަވަރުނަރު ވަކިކުރުމަށް ރައީސްއަށް ލަފާއެރުވުމުގެ މައްސަލަ މަޖިލީހުގެ ރައީސްއަށް ފޮނުވުމަށް ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމުމުން، ދެން މި މައްސަލަ ސިޓީއަކުން މަޖިލީހުގެ ރައީސްގެ މޭޒުކޮޅަށް ފޮނުވާނެއެވެ. އަދި މަޖިލީހުގެ ރައީސް މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރުމަށްފަހު، ގަވަރުނަރު ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާނެއެވެ. އޭގެފަހުން ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ގަވަރުނަރަށް ލިބޭނެއެވެ. އަދި މަޖިލީހުން އެކަމުގައި ނިންމާގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާނެއެވެ.

ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށިއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަަޑައިގެންނެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަނު ކޮށްފައިވަނި 2019 ސެޕްޓެމްބަރު 8 ވަނަ ދުވަހުއެވެ. ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 ގެ ނިޔަލަށް ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

The post ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދަނީ appeared first on adduLIVE.



More from adduLive