ކުޅިވަރުގައި ވިދަމުން އައި ތަރިއެއް ކެންސަރާއި ކުރަމުންދާ ހަނގުރާމަ، އެހީތެރިވެދެއްވާ!

Tue, 30 May 2023 10:10 PM

View on this article on XeeTimes

ކުޅިވަރުގައި ވިދަމުން އައި ތަރިއެއް ކެންސަރާއި ކުރަމުންދާ ހަނގުރާމަ، އެހީތެރިވެދެއްވާ!

ވެރިރަށް މާލެއަށް އުފަން އާމިނަތު ޖޭޒުމީންގެ ދަރިފުޅު ޛުލައިޚާ ޢީން މުޙައްމަދު ދަނީ ކެންސަރުބައްޔާއި ހަނގުރާމަ ކުރަމުންނެވެ. އުމުރުން 17 އަހަރުގެ ޢީންގެ ހާލަތު ލޮލުން ފެނުމުން ކުރެވުނީ ބަޔާންކުރަން ދަތި އިހްސާސްތަކެކެވެ. އިންޑިއާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އީންގެ ހާލަތު ވީޑިއޯ ކޯލަކުން ފެނުނީ އޭނާގެ މަންމައަށް ގުޅައިގެންނެވެ. ލޯބިވާ ދަރިފުޅު ކައިރީގައި ހުރެގެން މަންމަ އިންޓަވިއު ދެމުންދިޔައީ ހިތްދަތިކަމާއެކުގަ އެވެ. ބުނާކަހަލައެވެ. އީން އަށް ރަނގަޅުވާނެ ނަމައެވެ. އަނބުރާ ކުރިން ކުޅިވަރު ކުޅެ އުޅުނު ގޮތަށް ހަރަކާތްތެރިކޮށް އުޅެވޭނެނަމަ އެވެ. އެހެންނަމަވެސް އެ ދަރިފުޅު މިއަދު އެއޮތީ ހަށިގަނޑުގެ އެއްބައި ހަރަކާތް ނުކުރެވޭފަދަ ހާލަތެއްގައެވެ.



ސްރީލަންކާގެ އިންޓަސްކޫލް ޓެނިސް ޗެމްޕިއަންޝިޕް 2019 އިން އީން އަށް ލިބުނު ކާމިޔާބީ

ކުޅިވަރުގައި ފާހަގަކުރެވޭ ކުއްޖެއް

ހަތަރު ދަރިންގެ މަންމަ ޖޭޒުމީން އާއިލާއާއެކު ދިރިއުޅެމުން ދިޔައީ އީން ކުޑައިރުއްސުރެ ސްރީލަންކާގައެވެ. އީން އަކީ އުމުރުން 8 އަހަރުން ފެށިގެން ޓެނިސްގެ ޗެމްޕިއަންއެކެވެ. މުޅި އުމުރު ހޭދަކުރީ ފުޓްބޯޅަ ފަދަ ތަފާތު ކުޅިވަރު ކުޅުމުގައި ފާހަގަކުރެވޭ ދަރިވަރެއްގެ ގޮތުގައެވެ. ލިބެމުންދިޔަ މެޑަލްތަކާއި ތަށިތަކާއި ހަނދާނީ ލިޔުންތަކުން އީން ފާހަގަކުރެވިފައި ވަނީ ކުޅިވަރުގެ ދާއިރާގެ ތަރިއެއްގެ ގޮތުގައެވެ. އަޚްލާގު ރަނގަޅު ކިޔަމަންތެރި ދަރިއެކެވެ.

Advertisement

ބަލީގެ ފެށުން

ޖޭޒުމީން ކިޔައިދިންގޮތުގައި އީން އަކީ ކުޑައިރުއްސުރެ ސިއްހަތު ރަނގަޅު ކުއްޖެކެވެ.

" އުމުރުން 15 އަހަރު ވަންދެން ދުވަހަކުވެސް ބަލިވެ ނޫޅޭ. ވަރަށް ކުޅިވަރު ކުޅޭނެ. އެހެން ހުއްޓާ ކުއްލިއަކަށް ހޮޑުލާން ފެށީ. ދެމަސް ވަންދެން ނޭނގިދިޔަ ހޮޑުލާން މެދުވެރިވި ސަބަބެއް. ޑޮކްޓަރުން ބަލަމުން ދިޔައީ ބަނޑު. އެއްފަހަރު އުޅުނު އެޕަންޑިކްސް ނަގަން އޮޕަރޭޝަން ކުރަންވެސް. އެކަމަކު އެހެން ޑޮކްޓަރަކު ލަފާދިނީ އެފަދަ ކަމެއް ނުކުރަން. އެންމެފަހުން ސައިކޯ ކަމަކަށް ހަދާ.. ދެން އަޅުގަނޑު ބުނިން އަޅުގަނޑުގެ ދަރިފުޅަކީ ތިކަހަލަ ކުއްޖެއް ނޫނޭ.. އޭނަގެ ދިރިއުޅުމުގައި އިންނާނީ ކުޅިވަރުކުޅުމޭ. އެހެންކަމަކާ ބެހޭގޮތުން ނުވިސްނާނޭ. ދެން ޑޮކްޓަރު މުޅި ހަށިގަނޑުގައި މައްސަލައެއް ހުރިތޯ ބަލަން އެމްއާރުއައި ހެދުމުން އެނގުނީ. އެއިރު އިނީ ބޮލުގައި ހުރި ޓިއުމަރ ވަރަށް ބޮޑުވެފަ". ޖޭޒުމީން ކިޔައިދިނެވެ.

އީން އޭނާގެ މައިންބަފައިންނާއެކު ހޮސްޕިޓަލުގައި

ޓިއުމަރެއްކަން އެނގުނު ހިސާބުން އެމަޖެންސީކޮށް ލަންކާގައި އޮޕަރޭޝަން ކުރިއެވެ. އެއަށްފަހު ރޭޑިއޭޝަން ދިނުމަށްފަހު ކޮންމެ 3 މަހަކުން 3 މަހަކުން ދިޔައީ ޓެސްޓް ހަދަމުންނެވެ.

" އެއްއަހަރު ފަހުން އެމްއާރުއައި ހެދިއިރު އެނގުނީ ދެވަނަފަހަރަށް ޓިއުމަރެއް ހުރިކަން. ލަންކާއިން ދެވަނަ އޮޕަރޭޝަންވެސް ކުރީ. ދެން ޑޮކްޓަރުން ބުނެފި އޭނަ ރަނގަޅެއް ނުވާނޭ. އޭނަ ބަހައްޓާށޭ. އެމީހުން ބުނިގޮތަށް ބުނަންޏާ މަރުވަންދެން ބަހައްޓާށޭ ބުނީ.. އެހިސާބުން އަޅުގަނޑުމެން އާސަންދަ ހޯދައިގެން އިންޑިއާ އަށް ބޭސްފަރުވާ ކުރުމަށް އައީ" އަސަރާއެކު ލޯބިވާ ދަރިފުޅުގެ ހާލަތު ކިޔައިދެމުން ޖޭޒުމީން ބުންޏެވެ.

އީން އަށް އިންޑިއާ އިން ފަރުވާ ހޯދާތާ 3 މަސް ދުވަސްވީއެވެ. 1 މަސްދުވަސް ކުރިން އިންޑިއާއިން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.

އީންގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލިޔުން

" އޮޕަރޭޝަން ކުރީވެސް ވަރަށް ހާލުދަށްކޮށް އޮއްވާ. ލަންގްސް ވެސް ހުއްޓިފައި އޮތީ. ވެންޓިލޭޓަރގައި އޮއްވާ އޮޕަރޭޝަން ކުރީވެސް. ޑޮކްޓަރުން ވަރަށް މޮޅު. އެހާލަތުގައި އޮއްވާ އޮޕަރޭޝަން ކޮށްފަ ޓިއުމަރގެ 90 އިންސައްތަ ނެގިއްޖެކަމަށް ބުނީ. އަނެއްކާ ބާކީއިން 10 އިންސައްތަ ނަގަން ބޭނުންވަނީ. ދަރިފުޅުގެ ކަނައަތްފަޅި އެއްގޮތަކަށްވެސް ހަރަކާތް ނުކުރޭ. އެއްޗެއް ކަރުތެރެއިން ނުދޭ. ހޮޅިލައްވާފަ ކާއެތިކޮޅު ދެނީ. ފިޒިއޮތެރަޕީ ވަރަށް މުހިންމު އީންގެ ހާލަތު ރަނގަޅުވޭތޯ ބަލަން".

އިންޑިއާގައި ކުރި އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ދިނީ އުންމީދީ މެސެޖެއް ކަމަށާއި ޓިއުމަރުގެ ބާކީއިން 10 އިންސައްތަ ނެގުމުން އިރާދަކުރެއްވިއްޔާ ދެން ރަނގަޅުވީކަމަށް ޑޮކްޓަރާއި ހަވާލާދީ އީންގެ މަންމަ ވަނީ ބުނެފައެވެ.

" އަދި އަޅުގަނޑުމެން މިތާގައި މަޑުކުރަން ޖެހެނީ ކިހާ ދުވަހަކަށްކަމެއް ނޭގޭ. ހޮސްޕިޓަލު ކައިރީ ތަނެއްގައި މިތިބެނީ. އަދި ފިޒިއޯވެސް ކަވަރ ނުކުރޭ ހޮސްޕިޓަލުން ދޫކުރުމަށްފަހު އާސަންދައިން. ދަތްޕިލައިގެ މަތީބައިގައިވެސް ގޮއްސަ ހުރީ.. އެއީ ވަރަށް އަގުބޮޑު ކަމެއް. ވަރަށް ޅަކުއްޖެއް ވީމަ ބޭނުން ދަތްޕިލަވެސް ޖަހަން. ވަރަށް ޚަރަދުބޮޑު މިތަނުގައި. އެކަމަކު ނަސީބަކުން ހޮސްޕިޓަލުން ކާން ލިބޭނެގޮތް ވަނީ ހަމަޖެހިފައި. ހޮސްޕިޓަލު ކައިރިން ހޮޓަލެއްގައި މިހުންނަނީވެސް". އީންގެ މަންމަ ކިޔައިދިނެވެ. 

އީން އެޑްމިޓްކޮށްފައި އޮތްއިރު ނަގާފައިވާ ފޮޓޯއެއް

ހިތްވަރުގަދަ ކުއްޖެއް

އީން އަކީ ބަލީގެ ކުރީކޮޅުވެސް ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. ފުރަތަމަ އޮޕަރޭޝަނަށްފަހު ލަންކާގައި ވަނީ އިންޓަސްކޫލް ޓެނިސް މުބާރާތުގައި ކުޅެ މެޑަލް ހޯދާފައެވެ.

އީން 2022 ވަނަ އަހަރު އިންސްޓަގްރާމްގައި ލިޔެފައިވެއެވެ. " އަހަރެން ކެންސަރާއި ހަނގުރާމަކުރާތާ 1 އަހަރު ވީއެވެ. ކެންސަރާއި ހަނގުރާމަކުރަމުން ދިޔައިރު ރައްޓެހިންނާއި ގާތްމީހުން އަހަރެންނާއި ދުރަށް ދިޔަޔަސް ހިތްވަރުކުރުމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަހަރެންގެ މަންމައަށް އަހަރެން ޚާއްސަ ޝުކުރެއް އަދާކުރަމެވެ. އަހަރެންގެ ބަލި ފުރަތަމަ އެނގުނުއިރު އަހަރެން ބިރެއް ނުގަނެއެވެ. ސަބަބަކީ 3 މަހެއްހާ ދުވަހު ހޮޑުލަމުންދިޔައިރު ފުރަތަމަފަހަރަށް އަހަރެންގެ ބައްޔަކީ ކޮބައިކަން އެނގުނީމައެވެ. ބޮޑު އޮޕަރޭޝަނެއް ކުރަންޖެހުމުން ބިރުގަތަސް އޮޕަރޭޝަން ކާމިޔާބުވުމުން ހިތްހަމަޖެހުން ލިބުނެވެ. އަހަރެންނަށް ކުޅިވަރު ކުޅެވޭނެއެވެ. ޑޮކްޓަރުވެސް ބޭނުންވަނީ އެގޮތެވެ. އެހެންވުމުން އޮޕަރޭޝަނަށްފަހު ލިބުނު ފުރަތަމަ ޓްރޮފީ މިހަދިޔާކުރީ ޑޮކްޓަރަށެވެ".

ފުރަތަމަ އޮޕަރޭޝަނަށްފަހު އީން އަށް ލިބުނު މެޑަލް ޑޮކްޓަރަށް ހަދިޔާކުރަނީ

ކޮންފަދަ ހިތްވަރުގަދަ ކުއްޖެއް ހެއްޔެވެ. ކަންތައް ދިމާކުރީ އީން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ހާލަތު ބަދަލުވެ ބަލި އެނދުގައި އޮންނަން ޖެހުނީއެވެ. އީންގެ އާއިލާގެ އުންމީދަކީ ޓިއުމަރުގެ ބާކީ ނެގުމަށްފަހު ފިޒިއޮތެރަޕީ ދީގެން ރަނގަޅު ވޭތޯ މަސައްކަތްކުރުމެވެ.

އީންގެ ބޭސްފަރުވާ އަށް ފުރަތަމަ ފަހަރަށް އާއިލާ އިން އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމަށެވެ.

" އަދި އަލަށް މިގޮތަށް ރިޕޯޓެއް ލިޔެ އެހީތެރިކަމަށް މިއެދެނީ. ފަންޑްރައިޒިންގ އިވެންޓްތައްވެސް އާއިލާއިން އެބަ ރާވާ" އީންގެ މަންމަ ޖޭޒުމީން ފާހަގަކުރިއެވެ.

'ޒީޓައިމްސް' އިން އެދެނީ އީން އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ. އާމީން!

ނޯޓް: މި ޢާއިލާ އަށް އެކަށީގެންވާ މިންވަރަށް އެހީ ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
+1
6
+1
14
+1
10
+1
1
+1
4
+1
0
+1
176


More from XeeTimes