ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް- ހުކުރު ޚުތުބާ

Fri, 19 May 2023 12:40 PM

View on this article on XeeTimes

ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް- ހުކުރު ޚުތުބާ

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. "އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ އަމަލެއް ދައްކަވައި ދެއްވާނުތޯއެވެ". އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. މާނައީ: "ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭހުއްޓެވެ". ރަސޫލާ ﷺ ގެ މި ބަސްފުޅުތަކުން އަހަރެމެންނަށް މި ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށެވެ.

ރުޅި މަތަކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅިމަޑުކަމަކީ، ﷲ ލޯބިވެވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ﷺ ލޯބިފުޅުވާ ސިފައެކެވެ.  

މިއަދު އަހަރެމެންގެ ތެރެއިން ރުޅިމަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެނެއެވެ. ފެންނަނީ ބަދަލުހިފުމުގެ ރޫޙެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: "ވަރުގަދަ މީހަކީ، ހިފާ ބަލިކުރާ މީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަހިނދު، ނަފްސު ކޮންޓްރޯލްކުރާ މީހާއެވެ".

އެއްދުވަހަކު މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހަށް މީހަކު އައިސް، އެކަލޭގެފާނާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި، ހަޅޭއްލަވަން ފެށިއެވެ. އެހިނދު އިބްނު ޢައްބާސް އެކަލޭގެފާނުގެ ޚާދިމަކަށް ވިދާޅުވިއެވެ. އެއީ ކަމަކު އައި މީހެއް ނަމަ، އޭނާ ބޭނުންވާކަމެއް ފުއްދައި ދޭށެވެ. އިބްނު އައްބާސްގެ މި ބަސްފުޅު އަޑު އިވުމުން، އެމީހާ އިސް ދަށަށް ޖަހައިގެން، އެތަނުން ހިނގައްޖެއެވެ. އެބޭކަލުންގެ އަޚްލާޤު ކިހާ ފުރިހަމަތޯއެވެ.

ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ސަޙާބީންނަށް ވަސިއްޔަތް ކުރައްވާފައިވަނީ "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ. ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ". މިފަދައިންނެވެ.

އިސްލާމީ އުއްމަތަކީ ރުޅި އިސްނުކުރާ ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅިވެސް އަންނާނެއެވެ. އެހެނަސް އެމީހުން ރުޅި އަންނާނީ، ﷲ އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫނެވެ. އެހެނަސް އެކަލޭގެފާނަކީ، ﷲ ގެ ޙުރުމަތަށް އަރައިގަނެވޭ ހިނދު، ކޯފާ ގަދަ ބޭކަލެކެވެ. ނަމޫނާ އަކަށް ބަލަންޖެހޭނީ ލޮބުވެތި މާތް ރަސޫލާ ﷺ އެވެ.

މީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި ރުޅި، އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެންޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ. ﷲ ގެ ޙަޟްރަތުގައި އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

The post ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް- ހުކުރު ޚުތުބާ appeared first on XeeTimes.


More from XeeTimes