100 ކިލޯގެ ޑްރަގް މައްސަލަ: 8 މީހެއް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި

Sun, 17 Oct 2021 06:03 PM

View on this article on Zaviyani.mv

100 ކިލޯގެ ޑްރަގް މައްސަލަ: 8 މީހެއް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި

100 ކިލޯގެ ޑްރަގް މައްސަލައިގަ ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހަކު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން 8 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އާއި ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި ބަނގްލަދޭޝް، ޑީއެމް މޮބިން (24އ) ބަންދުކުރަން ކޯޓުން އަމުރުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ.

ADVERTISEMENT

ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)، 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމަުރު ކޮށްފަ އެވެ. އަދި، ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ބަންދުކުރަން ނިންމީ 5 ދުވަހަށެވެ.

މި 8 މީހުންގެ އިތުރުން، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިތުރު ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވަނީ އެދިފަ އެވެ. ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައި ވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓަ އެވެ. މި އޮޕަރޭޝަންގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބިގެންގޮސްފައިވާކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.  މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.