މިފަހަރުގެ އިންޑިއަން އައިޑޮލް ކާމިޔާބުކުރާނީ ކޮން ބައިވެރިއެއްބާ؟

Tue, 27 Jul 2021 01:45 PM

View on this article on Zaviyani.mv

މިފަހަރުގެ އިންޑިއަން އައިޑޮލް ކާމިޔާބުކުރާނީ ކޮން ބައިވެރިއެއްބާ؟

އިންޑިޔަން އައިޑަލް އަކީ އިންޑިޔާގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ މަޝްހޫރު އެއް ރިއާލިޓީ ޝޯވ އެވެ. މިހާރު މި ޝޯވ ގެ 12 ވަނަ ސީޒަން ކުރިޔަށްދާއިރު، ޝޯވގެ ބައިވެރިން ދަނީ އެމީހުންގެ ހިތްގައިމު އަޑުން ބެލުންތެރިން ގެ މަގުބޫލުކަން ހޯދަމުންނެވެ. މި ޝޯވގެ ފައިނަލް އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ހުރިހާ ބައިވެރިންވެސް ދަނީ ފައިނަލަށް ވަރަށް ފުރިހަމަޔަށް ތައްޔާރުވަމުންނެވެ.

އިންޑިޔާގެ ނޫސްތަކުން ޚަބަރު ފަތުރާގޮތުގައި، އިންޑިއަން އައިޑަލްގެ ފައިނަލްގައި އިންޑިޔާގެ މިއުޒިކީގެ ދުނިޔޭގެ އެންމެ އަލިގަދަ ތަރި އާޝާ ބޯސްލޭ ބައިވެރިވާނެ އެވެ. މި ޝޯވގެ ފައިނަލް ގައި ވާދަ ކުރާނީ ޕަވަންދީޕް ސިންގް، އަރުނިތާ ކަންޖިލާލް، ސޭލީ ކަންބްލް އަދި އަޝިޝް ކުލްކަރްނީ އެވެ.

ޕަވަންދީޕް ސިންގް:

ADVERTISEMENT

އިންޑިޔާގެ އުއްތަރުކާންދުގެ ޗަންޕަވަތަށް ނިސްބަތްވާ ޕަވަންދީޕް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބައިވެރިއެކެވެ. ޕަވަންދީޕަކީ މި މުބާރާތުގެ އެންމެ ގިނަ މީހުން ތާއީދުކުރާ އަދި އެންމެ ގިނައިން ވޯޓު ލިބޭ އެއް ބައިވެރިއެކެވެ. އޭނާ އަކީ ކުޑަ އިރުއްސުރެ މިއުޒިކަށް ލޯބިކުރާ އަދި މިދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މީހެކެވެ. ޕަވަންދީޕް އެންމެ ފުރަތަމަ ފެނިގެންދިޔައީ 2015 ވަނަ އަހަރު ބޭއްވި "ދި ވޮއިސް އޮޕް އިންޑިޔާ 2015" އިންނެވެ. އެ ޝޯވގައި ވެސް ރީއްޗަށް ލަވަ ކިޔާ ގިނަ ބައެއްގެ މަގުބޫލުކަން ޕަވަންދީޕް ހޯދިއެވެ. ވަކިން ޚާއްސަކޮށް އޭނާ ނިސްބަތްވާ އަވަށުގެ މީހުންވަނީ އޭނާ އާމެދު ފަޚުރުވެރިވާކަމަށާއި އޭނާ އަކީ ތަރިއެއްކަމަށް ބުނެފަ އެވެ. އިންޑިއަލް އައިޑަލް ގައި މިހާ ހިސާބަށް ހޯދާފައިވާ ކާމިޔާބީއަށް ޕަވަންދީޕް އަށް ވަނީ އުއްތަރުކާންދްގެ ޗީފް މިނިސްޓަރުގެ ފަރާތުން ޝަރަފުވެރި ކަމުގެ އެވޯޑެއްވެސް ދީފައެވެ. އަދި ޕަވަންދީޕްގެ ހުނަރަކީ އުއްތަރުކާންދުގެ ޒުވާނުންނަށް ހުރި މިސާލެއް ނުވަތަ ނަމޫނާއެއް ކަމަށް އެ އަވަށު މީހުން ބުނެއެވެ.

އަރުނިތާ ކަންޖިލާލް:

އަރުނިތާ އަކީ ބެންގާލް ގެ ލަވަކިޔުންތެރިއެކެވެ. އަނުރިތާވެސް ވަނީ 12 ވަނަ އިންޑިއަން އައިޑޮލް ގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަރުނިތާ އަކީ 2013 ވަނަ އަހަރު ބޭއްވި ޒީ ބަންގްލާ ޝޯ "ސަ ރެ ގަ މަ ޕާ ލިލް ޗޭންޕް 2013" މުބާރާތުގެ އެއްވަނަ ހޯދި ލަވަކިޔުންތެރިޔާ އެވެ. އަނުރިތާ ވަނީ އޭނާގެ އުމުރުން ހަތަރު އަހަރުން ފެށިގެން ކްލެސިކަލް އިންޑިއަން މިއުޒިކް ޓްރެއިނިންގ ފަށާފަ އެވެ. ލަވަކިޔުމުގެ އިތުރުން އޭނާ އަކީ ހާރމޯނިއަމް އަދި ޓަމްޕުރާ ކުޅޭ މީހެކެވެ. އިންޑިއަލް އައިޑަލްގެ މި ސީޒަނުގައި އަރުނިތާ ވަނީ ވަރަށް ފުރިހަމަ ހުށަހެޅުންތައް ހުށަހަޅާދީ ގިނަ ބައެއްގެ ހިތް އަތުލާފަ އެވެ. އަދި އޭނާ ލަވަކިޔުންތަކުން މަޝްހޫރުކަން ހޯދާފަ އެވެ. އިންޑިއަލް އައިޑަލްގައި އަރުނިތާ ގިނައިން ހުށަހަޅާފައިވަނީ ބެންގާލް ސްޓައިލްގެ ލަވަތަކެވެ. 

ސޭލީ ކެމްބްލް:

ސޭލީ އަކީ މަހާރަޝްތްރާގެ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. މޮޅުކޮށް ލަވަކިޔާ ސޭލީ ވަނީ އުމުރުން 24 އަހަރުގައި އިންޑިއާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާ، އިންޑިއަން އައިޑަލް 12 ގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. ކުޑަ އިރުއްސުރެ މިއުޒިކަށް ލޯބި ކުރާ ސޭލީ ގެ ހުވަފެނަކީ މިއުޒިކީ ދާއިރާއިން ދެވުނު އެންމެ މައްޗަކަށް ގޮސް އޭނާ ގެ މައިންބަފައިން އޭނާއާމެދު ފަޚުރުވެރިވާތަން ދެކުމެވެ. ފައިނަލްއާ ހަމައަށް ސޭލީ ގެ ކޮންމެ ހުށަހެޅުމަކީވެސް ގިނަ ބަޔަކު ބަލައިގަތް އަދި އޭނާ އަށް ތައުރީފު އޮހުނު ހުށަހެޅުންތަކެކެވެ. އިންޑިއަން އައިޑަލް ގެ ބައިވެރިން ތެރޭގައިވެސް އެންމެ ވާދަވެރި އެއް ބައިވެރިއަކީ ސޭލީ އެވެ. 

އަޝިޝް ކުލްކަރްނީ:

އިންޑިއަލް ކްލެސިކަލް މިއުޒިކަށް ޓްރެއިންވެފައިވާ އަޝިޝް އަކީ ޕޫނާ ސިޓީއަށް ނިސްބަތްވާ މީހެކެވެ. އަޝިޝް އަކީ ޝޮވްގެ ފަނޑިޔާރުންގެ މެދުގައި އެންމެ މަގުބޫލު ބައިވެރިޔާ އެވެ. މިހާރު އައިޑަލްގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވާ އަޝިޝް އަކީ އޭނާގެ ކޮންމެ ހުށަހެޅުމެއްގައި، ތަފާތުކޮށް ލަވަކިޔާ އަދި އޭނާގެ މޮޅުކަން ދައްކާލާ ބައިވެރިއެކެވެ. ލަވަކިއުމުގެ އިތުރުން އަޝިޝް އަކީ ގިޓާ ކުޅޭ މީހެކެވެ. 2008 ވަނަ އަހަރު ބޭއްވި ޒީ މަރާތީ ޓީވީ ކިޑްސް ސިންގިންގް ރިއަޓީ ޝޯވ "ސަރެގަމަޕާ" ގައި އަޝިޝް ބައިވެރިވި އެވެ. ލަވަކިއުމާއި ގިޓާ ކުޅުމުގެ އިތުރުން 27 އަހަރުގެ އަޝިޝްވަނީ ލަވަތައް ވެސް ކިޔެފައެވެ. އޭގެ ތެރޭގައި "ޕެހްރާ" އަދި "ސައުދާ" ހިމެނެއެވެ. މި ލަވަތައް ސްޕޮޓިފައި، ޔޫޓިއުބް އަދި ގާނާ އިން ލިބެން ހުންނާނެއެވެ.

މިފަހަރުގެ އިންޑިއަލް އައިޑަލްއަކީ އެންމެ ވަރުގަދަ އަދި ކާމިޔާބު ސީޒަންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ މި 4 ފައިނަލިސްޓުނގެ ތެެރެއިން ސީޒަން ކާމިޔާބުކުރާނެ މީހަކު ދެނެގަތުމަށެވެ.