މިމަހުގެ 23 ގެ ކުރިން ރާއްޖެއަށް އެތެރެވި މީހުންނަށް ލުއިތަކެއް ދީފި

Sun, 25 Jul 2021 11:48 AM

View on this article on Zaviyani.mv

މިމަހުގެ 23 ގެ ކުރިން ރާއްޖެއަށް އެތެރެވި މީހުންނަށް ލުއިތަކެއް ދީފި

3 ޖުލައިގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންނަށް ޚާއްސަ ލުއިތަކެއް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ، މިމަހުގެ 23ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖެއައިސް ކަރަންޓީނުގައި މިވަގުތު ތިބި ފަރާތްތަކާއި، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާމެދު މިއަދުން ފެށިގެން އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަކޮށް ރާއްޖެ އައިސް 7 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން ވަނީ ނިންމާފަ އެވެ. އަދި، މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ދޫކޮށްލަންވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

ADVERTISEMENT

މިމީހުން ޕީސީއާރ ޓެސްޓު ހަދާނެގޮތްތައްވެސް އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން، ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީސީއާރ ޓެސްޓު ހަދަން ޖެހޭނެކަމަށް ބުނެފައިވާއިރު، ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރ ޓެސްޓު ހަދަން ޖެހޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް ފަސްދޮޅަސް ދުވަސް ހަމަނުވާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލަންވެސް ވަނީ ނިންމާފަ އެވެ. އަދި، މި ފަރާތްތަކާ އެކުގައި ދަތުރުކޮށްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5-7 ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރ ޓެސްޓު ހަދަން ޖެހެއެވެ. އަދި،
ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5-7 ދުވަހާ
ދެމެދުގެ ތެރޭގައި ޕީސީއާރ ޓެސްޓު ހަދަން ޖެހެއެވެ.

އެޗްޕީއޭއިން ބުނީ މި ހާލަތްތަކަށް ނުފެތޭ 23 ޖުލައިގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރ ޓެސްޓު ހަދާ ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.