އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުން: ރައީސް

Mon, 26 Jul 2021 11:52 AM

View on this article on Zaviyani.mv

އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުން: ރައީސް

އަމާޒަކީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގަ އެެވެ.

"މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ހާލަތަކީވެސް، މުޅި ގައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ހާލަތެއް. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފަށްޓަވާނެކަމުގައި ވިދާޅުވި އެވެ.

ADVERTISEMENT

"ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގުރާމުގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭވަރަށް، ރާއްޖެއަށް މިހާރު ހުރީ ވެކްސިން ގެނެވިފައި ވާކަމަށެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން ހިފާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. ރައީސްގެ ޚިތާބުގައިވަނީ ކޮވިޑް-19 ދެކޮޅަށް މިކުރާ މަސައްކަތުގައި، ސިއްހީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

"ކޮވިޑް-19އާ އެކު އަޅުގަނޑުމެންނަށް މި ކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް. ހަމައެއާއެކު، ގައުމުގެ އިގުތިސާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާއެކު، މަސައްކަތް ފެށުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑް-19ގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްކަމަށެވެ. އޭގެ ތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ، ތައުލީމާ ގުޅޭ ޕްރޮގުރާމުތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.