ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެހެން ގައުމުތަކާއެކު ހަރުދަނާ ގުޅުމެއް ބޭއްވުން މުހިންމު – ރައީސުލްޖުމްހޫރިއްޔާ

Mon, 26 Jul 2021 11:21 AM

View on this article on Zaviyani.mv

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެހެން ގައުމުތަކާއެކު ހަރުދަނާ ގުޅުމެއް ބޭއްވުން މުހިންމު – ރައީސުލްޖުމްހޫރިއްޔާ

ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ގައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ހިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމުގައި ފާހަަގަކުރައްވާފަ އެވެ.

ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިއުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާސްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.

ADVERTISEMENT

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަސްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް މިހާރު މި އަސާސްތަކާ މުޅިން ޚިލާފަށް އިސްލާމް ދީނަކީ، ހައްގަކާ ނުލާ މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، ވަރަށް ފާޅުގައި ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާ، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް. އެހެންކަމުން، މި ދެ ކަމަކީ ވެސް އެއްވެސް ހާލެއްގައި ދިވެހި މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާއީ ދެ މައްސަލަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދެ މައްސަލައިގެ އޮތް ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.