މިނިމަމް ވޭޖް ކަނޑައެޅުމާއެކު ސިވިލް ސަރވިސްގެ އާދައިގެ މުވައްޒަފުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް އޮފީސް

Mon, 20 Sep 2021 11:14 AM

View on this article on Zaviyani.mv

މިނިމަމް ވޭޖް ކަނޑައެޅުމާއެކު ސިވިލް ސަރވިސްގެ އާދައިގެ މުވައްޒަފުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް އޮފީސް

މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސް ކޮމިޝަންގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ބުނެފައިވަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގަ މުވައްޒަފުން އިހުތިޖާޖުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19ގެ ދަތި ހާލަތުގައި ވެސް ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ސަރުކާރުން ދީފައި ވާކަމަށެވެ. އެގޮތުން، މިނިމަމް ވޭޖެއް ކަނޑައަޅާ މިއަހަރުގެ ތެރޭގައި އިއުލާނު ކުރާނެކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ADVERTISEMENT

" ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި. އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި، މި ޕޭ ފްރޭމްވަރކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

މިގޮތުން ކަނޑައަޅާ މުސާރައާއި އިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ
ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިއާޔަތްކޮށްގެން ކަނޑައެޅޭނެ މުސާރައާއި އިނާޔަތްތަކެއް ކަމުގައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި އައު ޕޭ ފްރޭމްވަރކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުމަށް ކަމަށާއި، މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.