މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް

Mon, 06 May 2024 11:33 PM

View on this article on vNews

މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް

މި ހިނގާ މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެެވެ.



އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 240 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މާޗް މަހު މި ބަލީގެ 5 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އޭޕްރީލް މަހު 117 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މި ބަލި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލޭންނެވެ. އެގޮތުން މާލޭން މިބަލީގެ 193 ކޭސް ރިޕޯޓްކޮށްފައިވާއިރު ހުޅުމާލޭން 40 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަސް ޑެންގޫ ޖެހިގެން 660 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި ބަލި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ. އެމަހު ޑެންގޫގެ 239 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ޖެނުއަރީމަހު 146 ކޭސް، ފެބްރުއަރީ މަހު 116 ކޭސް، އަދި މާޗް މަހު 119 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިހިނގާ މެއި މަހުގެ ފުރަތަަމަ ހަތަރު ދުވަހު ޑެންގޫގެ 40 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޑެންގޫ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރީ ހުޅުމާލޭންނެވެ. އެގޮތުން ހުޅުމާލޭން މިބަލީގެ 142 ކޭސް ރިޕޯޓްކުރިއިރު، މާލޭން ރިޕޯޓްކޮށްފައިވަނީ 47 ކޭސްއެވެ.

ޑެންގޫ ހުމާއި ޗިކުންގުންޔާއަކީ މަދިރީގެ ޒަރީއާއި ފެތުރޭ ބަލިތަކަކަށް ވާއިރު، ކޮންމެ އަހަރެއްގެެވެސް ހޫނު މޫސުމުގައި ރާއްްޖޭގައި މިބަލިތައް ފެތުރޭ މިންވަރު އިތުރުވެއެވެ. ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުމެވެ.

ޗިކުންގުންޏާ ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ. މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށެވެ.

ޑެންގީ ހުމަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ފެތުރިގެން ދަނީ އީޑީޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢާންމު ގޮތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލުގައި ވެސް ހަފައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ވަނީ ފެނިފައެވެ. މި ވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރުއެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތުއެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ވަރުދެރަވުމާއި، ތުއްތުުކުދިންނަށް ގާތުން ނުބޮވުމާއި، ބަނޑުގައި ރިއްސުމާއި، ގިނަގިނައިން ހޮޑުލުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަންކަން ހިމެނެއެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް އިތުރުވަމުންދާއިރު، މި ބަލިތަކުކން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ގޯތި ތެރެއާ ރަށުތެރެ ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދަރި ކޮންޓްރޯލް ކުރުމަށް ދުންދަނޑިޖެހުމާއި ގޭތެރެއާއި ރަށުތެރައަށް ފޮގް ކުރުން އެދެވިގެންވެއެވެ. އަދި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން، މަދިރި އެންމެ ގިނަވާ ވަގުތުތަކުގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން ފަދަ ކަންކަން ކުރުން ވެސް އެދެވިގެންވެއެވެ.



More from vNews