ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ ލިބޭ ހައުސިން ލޯނެއް

Mon, 06 May 2024 10:21 PM

View on this article on vNews

ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާ ލިބޭ ހައުސިން ލޯނެއް

ބޭންކް އޮފް މޯލްޑިވްސް އިން ހައުސިންގއަށް އަމާޒުކޮށް އައު ލޯނު ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފިއެވެ.



ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބީއެމްއެލްއިން ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއްކަމަށް ބީއެމްއެލްއިން ބުނެއެެވެ.

މީގެއިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފައެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރާނެއެވެ. އެގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއްކަމަށެވެ. އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެކަމަށް އޭނަ ވިދާޅުވިއެވެ. އަދި ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް 10 އިންސައްތަ ރޭޓުގައި ލޯނު ލިބޭނެކަމަށް ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެއެވެ.



More from vNews