ފުލުހެއް، ދަރިވަރަކު ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެ

Mon, 06 May 2024 01:04 PM

View on this article on vNews

ފުލުހެއް، ދަރިވަރަކު ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެ

ނާސިންގް ކިޔަވަމުންދާ ކުއްޖަކަށް، ދިވެހި ފުލުހަކު ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.



އެކްސް ޕްލެޓްފޯމުގައި ޑރ. މުޙައްމަދު އާތިފް ކުރި ޕޯސްޓެއްގައި ވަނީ، ދިވެހި ފުލުހަކު ރާއްޖޭގެ ކޮލެޖެއްގައި ނާސިންގް ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލަ ބަލާނެ ވެރިއެއް ނުވަތަ ކަމާބެހޭ އިދާރާއެއް ނެތްތޯ ސުވާލު އުފައްދާފައެވެ.

އެ ޕޯސްޓު ރި ޓުވީޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ތަހުގީގު ކުރުމުގެ މަސައްކަތް އެކަމާ ގުޅުން ހުރި ބަހާއިން ކުރަމުން އަންނަ ކަމަށާއި، އެ މައުލޫމާތު ޔަގީންކޮށް، މިފަދަ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝިފާން ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ފުލުހަކާ ގުޅުން ހުރި ޝަކުވާއެއް ވާނަމަ، ސީދާ ފުލުހަށް އެ މައްސަލައެއް ހުށަހެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ބްލެކްމެއިލް ކުރުމުގެ މައްސަލައަކީ މި ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ.

ބަރަހަނާ މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރާ މައްސަލަތައް، ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް، މި އަހަރުގެ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

މިހާރަކަށް އައިސް، ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އިތުރުވާކަން ފާހަގަކުރައްވައި ފުލުހުންގެ އެކްޓިންގް ހެޑް އޮފް ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސޮފްއަތު ރައުފް ވިދާޅުވީ، ކައިވެނި ކޮށްގެންއުޅޭ ފަރާތްތަކުން އަދި ރައްޓެހިވެގެން އުޅޭއިރު ނަގާފައިހުންނަ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯގެ ބޭނުންކޮށްގެން ބްލެކްމޭލް ކުރުމުގެ މައްސަލަތައް ހިންގަމުންދާ ކަމަށެވެ. އަދި ސޯޝަލްމީޑިއާގެ އެޕްލިކޭޝަންތަކުން، ދިމާވާފަރާތްތަކާއެކު ވީޑިއޯ ކޯލް ކޮށްގެން، އެކަކު އަނެކަކު ބަރަހަނާވެގެން ކުރާ ކަންތައްތަކުގެ ސަބަބުން ފަހުން ބްލެކްމޭލްވެގެން އެ މައްސަލަތައް ވެސް ހުށަހެޅޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިފަދަ މައްސަލަތަކުގައި، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އެކައުންޓުތަކަކީ، ދިވެހިން ހިންގާ، ދިވެހިންގެ ބައިވެރިވުން އޮންނަ އެކައުންޓުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.



More from vNews