ފަލަސްތީނުގެ ގަތުލުއާންމު ހުއްޓުވަން އިސްލާމީ ގައުމުތަކުން ތެދުވުމަށް ރާއްޖެއިން ގޮވާލައިފި

Sun, 05 May 2024 02:50 PM

View on this article on vNews

ފަލަސްތީނުގެ ގަތުލުއާންމު ހުއްޓުވަން އިސްލާމީ ގައުމުތަކުން ތެދުވުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން މުޅި އިސްލާމީ އުއްމަތް ތެދުވެ، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުމަށް މުސްލިމް ގައުމުތަކުގެ ވެރިންނަށް ރާއްޖެއިން ގޮވާލައިފިއެވެ.



އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފާއިތުވި ހަ މަހެއްހާ ދުވަހު، ފަލަސްތީނުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންގެ ފުރާނަ އާއި ހައްގުތަކާއި މުސްތަގުބަލު ގެއްލުވައިލަމުންދާ މަންޒަރު މާޔޫސްކަމާ އެކު ބަލަހައްޓައިގެން ތިބެން މުޅި އިސްލާމީ އުއްމަތަށް މަޖުބޫރުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ފަލަސްތީނުގެ ނައްތާލުމުގެ އަމަލުތަކަކީ އެތަކެއް އަހަރެއް ވަންދެން އިޒްރޭލުގެ އަނިޔާވެރިކަމަށް އަޅާނުލުމުގެ ނަތީޖާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލަން ގޮވާލުމަކުން ނުފުދޭ ކަމަށާއި ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒު ކުރެވެންޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓައިލަން ބައިނަލްއަގުވާމީ މުޖުތަމައިން ހަމައެކަނި ގޮވައިލުމަކުން ނުފުދޭ. ހަނގުރާމައިގެ ނަމުގައި މި ގަތުލުއާންމު އަދިވެސް އެ ދަނީ ހިންގަމުން. ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒު ކުރެވެންޖެހޭ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެގޮތުން، ޣައްޒާއަށް ކޮންމެހެން ބޭނުންވެފައިވާ އިންސާނީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމުގެ އިތުރުން އިޒްރޭލުގެ އަމަލުތަކަށް ޖަވާބުދާރީކުރުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެ މަސައްކަތުގައި އިސްކޮށް ބައިވެރިވެ، ވަކާލުތުކޮށްދިނުމަށް ޝަހީމް ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހަރުއަޑުން ގޮވާލައްވާފައެވެ.

މުޅި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ވެރިންގެ އަޑުތައް ގަދަކޮށް، ފިޔަވަޅުތައް ވަރުގަދަކޮށް، އަނިޔާވެރިކަމުގެ ޝިކާއަރައަކަށްވެފައި ތިބި މުސްލިމުންގެ އިތުރުން އިސްލާމީ އުއްމަތުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ.



More from vNews